އިންޑިއާގެ މުސްލިމުންގެ އެންމެ މުހިންމު ދިއޯބަންދު މަދުރަސާގެ ދަށުގައި ހިންދޫން އަޅުކަން ކުރާ ޝިވްލިންގް އެއް އޮތް ކަމަށް ބުނެ ހިންދޫ ޖަމާއަތަކުން އެތަނަށް ގަންގާ ފެން އަޅަން ނިންމައިފިއެވެ. މިއީ މުސްލިމުންގެ ތަންތަން ހިފުމަށް ހިންދޫން ގެންގުޅޭ ހިންގާ އެކެވެ.
އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ސަހާރަންޕޫރު ޑިސްޓްރިކްޓްގައިވާ މަޝްހޫރު އިސްލާމީ މަދުރަސާ، ދާރުލް އުލޫމް ދިއޯބަންދުގެ ދަށުގައި "ޝިވްލިންގް" އެއް އޮތް ކަމަށް ތުހުމަތުކޮށް، އެތަނަށް ގަންގާ ކޯރުގެ ފެން އެޅުމަށް ހިންދޫ ރަކްޝާ ދަލް ކިޔާ ޖަމާއަތަކުން ނިންމައިފިއެވެ.
އެ ޖަމާއަތުގެ އުއްތަރާކަންޑް ސްޓޭޓްގެ ރައީސް ލަލިތު ޝަރުމާ އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ، އެ ޖަމާއަތުގެ ގައުމީ ރައީސް ޕިންކީ ޗައުދަރީގެ ބެލުމުގެ ދަށުން، ހަރިދްވާރުން ފެށިގެން ދިއޯބަންދަށް ގަންގާ ފެން ހިފައިގެން ދިއުމަށް ރާވާފައިވާ ކަމަށެވެ.
ޝަރުމާ ބުނި ގޮތުގައި، ދާރުލް އުލޫމް ދިއޯބަންދު ހުރި ބިމުގައި ހިންދޫ ފައާޅިއެއް އޮތް ކަމަށް ބުނެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަހާރަންޕޫރުގެ އެޑްމިނިސްޓްރޭޝަނަށް ކުރިން ހުށަހެޅި ކަމަށާއި، ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޖަމާއަތުން އަމިއްލައަށް އެތަނަށް ގޮސް ގަންގާ ފެން އަޅަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ސަރަހައްދުގެ ގާނޫނީ ހަމަޖެހުމާއި އަމަންއާމާންކަން ނަގާލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ދިއޯބަންދު ސާކަލް އޮފީސަރު އައަމިތު ކުމާރު ސިންގް ވިދާޅުވީ، އަމަންއާމާންކަން ނަގާލަން މަސައްކަތްކުރާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ދާރުލް އުލޫމް ދިއޯބަންދަކީ ކޮބާ؟
1866 ވަނަ އަހަރު އުފެއްދި ދާރުލް އުލޫމް ދިއޯބަންދަކީ ދެކުނު އޭޝިއާގައިވާ އެންމެ ނުފޫޒުގަދަ އަދި ބޮޑު އެއް އިސްލާމީ މަދުރަސާއެވެ. މިއީ އިސްލާމީ ތައުލީމާއި އެއްކައުވަންތަކަމުގެ ފިކުރު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ 160 އަހަރު ވެފައިވާ ތަނެކެވެ.
ޝިވްލިންގަމް ހުންނަ ގޮތް ސިފަކޮށް ނުދެވޭނެ. ސަބަބު ސާފުދޯ







