ޔަމަން ދަނީ ފުޅާ ދާއިރާއެއްގައި އަހުލީ ހަނގުރާމައަކަށް ފައްކާވަމުން

ރެޑްސީގެ އައްސޭރިފަށުގެ ބަނދަރު ސަހަރެއް ކަމަށްވާ އަލްމަޚާއަށް ބެލެސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް އަމާޒުވެ، އެ ސަރަހައްދުގެ މަސްރަހު ކުއްލިއަކަށް ހޫނުވެއް ޖެއެވެ. މިއީ ހަތިޔާރުއެޅި ހޫޘީންނާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، މުޅި ގައުމު އަލުން ފުޅާ ދާއިރާއެއްގެ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމެކެވެ.

މިދިޔަ ދުވަސްތަކުގައި އަލްމަޚާ އާއި މައުރިބް އަދި ޙަޟަރަމައުތު ފަދަ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށްދިން ހަމަލާތަކަކީ ހަމައެކަނި ކުއްލި ކުރިމަތިލުންތަކެއް ނޫނެވެ. މިއީ އީރާނުގެ ތާއީދު އޮތް އަންސާރުﷲ ހޫޘީ ޖަމާއަތުން އަސްކަރީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ސަރަހައްދުގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމަށް ހިންގާ ނުރައްކާތެރި އިސްތިރާޖީ ފިޔަވަޅެއްކަމަށް މަދަނީ އަދި އަސްކަރީ ރިޕޯޓުތަކުން ހާމަވެއެވެ.

އަސްކަރީ ގޮތުން ބަލާއިރު ޔަމަނުގެ އެންމެ ބޮޑު ބާރަކަށް ވެފައިވަނީ ހޫޘީންނެވެ. ޒަމާނީ ބެލެސްޓިކް މިސައިލާއި ޑްރޯން ޓެކްނޮލޮޖީގެ އެހީގައި އެޖަމާއަތުންދަނީ އަލްމަޚާ ބަނދަރުގައި ހުރި އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

"މި ހަމަލާތަކަކީ ނުހަނު ނުރައްކާތެރި ކަންތައްތަކެއް،" ޔަމަނުގެ ސަރުކާރާއި، ސައުދީ އަރަބިއްޔާއާ ގުޅިގެން ގައުމުގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. "މިއިން ދައްކުވައިދެނީ ހޫޘީން ހަމައެކަނި ރެޑްސީގެ ކަނޑުދަތުރުފަތުރަށް ނުރައްކާކުރަނީ ނޫން.، އޭގެ ބަދަލުގައި އެމީހުން ބޭނުންވަނީ ސިޔާސީ އަދި އަސްކަރީ ވާދަވެރިން މުޅިން ނައްތާލަން." ޔަމަނުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތުން ބުންޏެވެ.

މައުރިބް ސަރަހައްދުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކަށާއި އާންމުން ދިރިއުޅޭ ގެދޮރަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، އެތައް ބަޔަކު ވަނީ އަނެއްކާވެސް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. ޔަމަނުގެ ސިފައިން ބުނާ ގޮތުގައި، މި ފަދަ އުދުވާނުތަކަށް އެކަށީގެންވާ އަސްކަރީ ރައްދު ދިނުން ވަނީ ލާޒިމު ވެފައެވެ. މިއީ ކުރިއަށް އޮތް ހަފްތާގައި މުޅި ގައުމު އަލުން ހަނގުރާމައިގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ސާފު އިޝާރާތެކެވެ.

އދ. ގެ މަންދޫބުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ މި ހާލަތު ފިނިކުރުމަށާއި، އިތުރަށް ލޭއޮހޮރުވުންތަކަށް މަގުފަހިވިޔަ ނުދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ. އެހެންނަމަވެސް، ހަނގުރާމައިގެ މައިދާންގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު، ސުލްހައިގެ މަގަށްވުރެ ހަނގުރާމައިގެ ނުރައްކާ ދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ.

ހިއްސާ ކުރައްވާ!