ނޭޕާލްގެ ސިޔާސީ މަސްރަޙު ނުތަނަވަސް ވެފައި ވުމާއެކު ފަސް މަސްދުވަސް ވަންދެން ގައުމުން ބޭރުގައި އުޅުއްވުމަށްފަހު، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ނޭޕާލް ކޮންގަރެސްގެ ކުރީގެ ރައީސް ޢުމުރުން 80 އަހަރުގެ ޝޭރް ބަހާދުރު ޑިއުބާ އެނބުރި ޤައުމަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހިނގި ޖެން-ޒީ މުޒާހަރާތަކުގެ ތެރެއިން ބަޔަކު ދިން ހަމަލާތަކަކާ ގުޅިގެން ޞިއްޙީ ފަރުވާއަށް ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސިންގަޕޫރަށް ފުރާވަޑައިގަތް ޑިއުބާ، އަނބުރާ ކަޓްމަންޑޫއަށް ވަޑައިގަތީ މެންދުރުގެ ވަގުތެއްގައެވެ.
އޭނާއަށް މަރުޙަބާ ކިޔުމަށް ނޭޕާލް ކޮންގަރެސްގެ އިދިކޮޅު ފްރެކްޝަނުން ވަނީ އެއަރޕޯޓުގައި ބޮޑެތި ތައްޔާރީތަކެއް ވެފައެވެ.
ޑިއުބާގެ މި އެނބުރި ވަޑައިގަތުން ދިމާވެފައިވަނީ ނޭޕާލް ކޮންގަރެސްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ބައިބައިވުންތަކާއި، ޕާޓީގެ ރަސްމީ ހައިސިއްޔަތާމެދު ސުޕްރީމް ކޯޓުގައި އަލުން ހިނގަން ފަށާފައިވާ ޤާނޫނީ ހަނގުރާމައެއްގެ ތެރެއަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޑިއުބާގެ ގެކޮޅަށް ވަދެ ބަޔަކު ދިން ހަމަލާގައި، އޭރު ޢުމުރުން 79 އަހަރުވީ ލީޑަރަށާއި އޭނާގެ އަނބިކަނބަލުން އާރްޒޫ ރާނާ ޑިއުބާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
އެ ހާދިސާއަށްފަހު ޤައުމު ދޫކޮށް ވަޑައިގެންނެވި ދެމަފިރިން ފަހުން ހޮންކޮންގއިން ފެނުނު ނަމަވެސް، ފަރުވާއަށް ގައުމުން ބޭރުގައި ތިއްބެވި ކަމަށް ބުނުން ފިޔަވައި އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޕާޓީގެ އިސް ލީޑަރު ޕްރަކާޝް ޝަރަން މަހާތު ވިދާޅުވީ، މި ޒިޔާރަތުގައި އެނބުރި ޤައުމަށް ވަޑައިގަންނަވަނީ ހަމައެކަނި ޑިއުބާ ކަމަށެވެ.
ޑިއުބާ ވަޑައިގަތުާ ދިމާކޮށް އޯގަސްޓް މަހުގެ 14 އިން 16 އަށް ކަތުމަންޑޫގައި ނޭޕާލް ކޮންގަރެސްގެ އިދިކޮޅު ފްރެކްޝަނުން ޤައުމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ހުކުރު ދުވަހު ބާއްވާ އެ ބައްދަލުވުމުގައި ޑިއުބާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ޑިއުބާއާއި ޢާއިލާގެ މައްޗަށް ނޭޕާލް ސަރުކާރުން ވަނީ މަނީލޯންޑަރިންގގެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އާއިލާގެ މުދާތައް ވަނީ ހިފަހައްޓާފައެވެ.


