ރިޔާސީ އިންތިހާބު 2028 ގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެންމެހައި ރަށްރަށުގައި އެންމެ ބައިބޯކޮށް އަދި އެންމެ ފޯރީގައި ކުރިއަށްގެންދާނެ ސިޔާސީ ޕާޓީއަކަށް ވެގެންދާނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދޭ "ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުން 18 ވަނަ ދުވަހަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހަށްފަހު ޕާޓީގެ މަސައްކަތްތައް ލާމަރުކަޒުކުރެވޭނެ ކަމަށެވެ. އަދި ރަށްރަށުގެ ލީޑަރުންނަށް އަމިއްލަ އިސްނެގުމުގައި ރަށު ފެންވަރުގައި ޕާޓީގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މަރުކަޒީ ފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައްވެސް އެ ކޮންގްރެސް އަށްފަހު ވަރަށް ހަލުއި ދުވެލީގައި ފެށިގެންދާނެކަން ހާމަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އެހެން ސިޔާސީ ޕާޓީތަކަށްވުރެ މާ އަވަހަށް އަދި މާ ފޯރީގައި ޕީއެންސީން ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ޕާޓީގެ ޕްލޭންތަކާއެއްކޮށް އަޅުގަނޑުމެންގެ އިންތިޒާމުތައް ހަމަޖެހިގެންދާއިރު އެންމެނަށްވުރެ ކުރިން ރިޔާސީ އިންތިހާބުގެ މަސައްކަތް އޮންނާނީ ވަރަށް ބާރަށް ކުރިއަށްގެންގޮސްފަ. އޭގެ މާނައަކީ އަޅުގަނޑުމެންނޭ އެ ރަށެއްގައި ލީޑުކުރާނީ. މިއީ އެންމެ މުހިއްމު އެއް ކަންތައް، ކޮންމެ ރަށެއްގައިވެސް ކެމްޕެއިން ލީޑުކުރާނީ އަޅުގަނޑުމެން. އެ ރަށެއްގައި ބައިބޯވާނީ އަޅުގަނޑުމެން،" ނައިބު ރައީސް ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަރަކާތްތައް އިތުރަށް ފޯރިގަދަވެ، ބައިވެރިންގެ އަދަދު އިތުުރުވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި މަގުބޫލުކަން ބޮޑުވުމާއި ޕާޓީން ލިބެމުންދާ ފުރުސަތުތައް ރައްޔިތުން ބަލައިގަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ޖަގަހަތަކާއި ހަރުގެތައް ގާއިމުކޮށް، ކެމްޕެއިނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހަމަކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.






