ޗީފް އޮފް ސްޓާފުގެ ޚިދުމަތުގެ އަގު ވަޒަން ކޮށް، ލީ ކުއާންޔޫއާ އެއްފެންވަރަކަށް ދަރަޖަ މަތިކޮށްފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާގެ މަގާމުގެ ފެންވަރު ސީނިއާ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި ވަގުތު ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ފަޔާޒެވެ. ނަމަވެސް، ސަރުކާރުން މިފަދަ ދަރަޖައެއް ޗީފް އޮފް ސްޓާފްގެ މަގާމަށް ކަނޑައެޅީ ކޮން ތާރީޚެއްގައި ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

  • ސިންގަޕޫރަކީ ސީނިއާ މިނިސްޓަރުން އައްޔަން ކުރާ ގައުމެކެވެ.
  • ކުރިގެ ޕީއެމް ލީ ކުއާންޔޫ އަކީ އަވަހާރަ ވުމާހަމައަށް ސިންގަޕޫރުގެ ސީނިއާ މިނިސްތަރެވެ.
  • އެގައުމުގައި ސީނިއާ މިނިސްޓަރުންގެ ގޮތުގައި ތިބޭނީ ކުރީގެ ބޮޑުވަޒީރުންނާއި، ނައިބު ބޮޑުވަޒީރުން ނުވަތަ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ކެބިނެޓްގެ އިސް ވަޒީރުންނެވެ.
  • އަދި އެއިން ސީނިއާ ބޭފުޅުންނަށް އެ މަގާމު ދެވެނީ މަޤާމުން ދުރުވެވަޑައިގަތުމަށްފަހު ސަރުކާރަށް ލަފާދެއްވުމާއި އެހީތެރިވެދެއްވުމުގެ ގޮތުންނެވެ.

ދައުލަތުގެ އިދާރީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ފަޔާޒަކީ:

  • ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވުމަށް ފަހު، 2020 ވަނަ އަހަރު އެ މަގާމުން އިސްތިއުފާދެއްވި ބޭފުޅެކެވެ.
  • އޭގެ ކުރިން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފަޔާޒު އަދާކުރައްވާފައިވެ އެވެ.

ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ބޭފުޅުން ބައިތިއްބަވަން ފެށްޓެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު އެވެ. އެއިރު އެކަން ކުރެއްވީ އެބޭފުޅުންނަށް ޕެންޝަން އިތުރު ކުރައްވައި ލިބޭ މިންވަރު އިތުރު ކުރައްވައި އިނާޔަތްތައް އިތުރު ކުރެއްވުމުގެ ގޮތުންނެވެ. ސީނިއާ މިނިސްޓަރުކަން ދެއްވި ބޭފުޅުންގެ ތެރޭގައި ފަތުހުﷲ ޖަމީލާއި، އަބްދުﷲ ހަމީދުގެ އިތުރުން އުމަރު ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު، ރައީސްގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމަށް އޭނާ އައްޔަންކުރެއްވީ ސީނިއާ މިނިސްޓަރުގެ ފެންވަރުގަ އެވެ. ނަމަވެސް، ފަހުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު އަބްދުއްރަހީމް ވަނީ ދޫކޮށްލައްވައިފަ އެވެ.

ހިއްސާ ކުރައްވާ!