ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޚާއްސަ އެވޯޑެއް ރާއްޖެއަށް

ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާގައި ހޯދާފައިވާ ތާރީޚީ ކާމިޔާބީތައް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ޚާއްޞަ އެވޯޑެއް ދީފިއެވެ.

މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި، މުއްދަތަށްވުރެ ހަތަރު އަހަރު ކުރިން ޙާޞިލުކުރުމާ ގުޅިގެންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ދަށުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ މި އަމާޒު، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން މިހާތަނަށް ޙާޞިލުކުރި ހަމައެކަނި ޤައުމަކަށް ރާއްޖެ ވެފައިވާކަން ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.

ޓިމޯ ލެސްޓޭގައި މިހާރު ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން މި އެވޯޑު ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ އެ ޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެވޯޑާ ޙަވާލުވެވަޑައިގެންނެވީ ޞިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ގީލާ ޢަލީއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ޞިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާއެކެވެ. މީގެ އިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ޔަޤީންވެ، އެކަން ރާއްޖެއިން ދަމަހައްޓާތާ 10 އަހަރު ފުރުން ވެގެންދިޔައީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ލިބުނު އިތުރު ކުރިއެރުމަކަށެވެ.

ޑަބްލިޔުއެޗްއޯއިން ބަޔާންކޮށްފައިވާ ގޮތުގައި، މި ފަދަ ލަނޑުދަނޑިތަކެއް ޙާޞިލުކުރެވިފައިވަނީ ސަރުކާރާއި މުޅި މުޖުތަމަޢު ގުޅިގެން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ ދުންފަތާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއި، މައިންގެ ކިބައިން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން ހުއްޓުވި ފުރަތަމަ ޤައުމުގެ ޝަރަފު ހޯދައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ތައުރީފް ހޯދާފައެވެ.

ހިއްސާ ކުރައްވާ!