އިސްރާއީލުގެ މީޑިއާ ބުނަނީ ޔަހޫދީ ގައުމު އެކަހެރި ވެފައިވާ ކަމަށް

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަން  ހުއްޓުމާއެކު ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުންނާއި މަންދޫބުން ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް މައިދާނުގައި ޔަހުދީ ގައުމު އެކެހެރިވެފައިވާ މިންވަރު ހާމަކޮށްދިން ކަމެއް ކަމަށް އިސްރާއީލުގެ މަޝްހޫރު މީޑިއާއިން ބުނެފިއެވެ.

އިސްރާއީލުގެ ޗެނަލް 13 އިން މި ހާދިސާ ސިފަކޮށްފައި ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ފެނިގެންދިޔަ ނުހަނު އާދަޔާ ޚިލާފު، ގިނަ ބަޔަކު އެކުގައި މާލަމުން ނުކުމެގެން ދިޔަ ދިއުމެއްގެ ގޮތުގައެވެ. އަދި މިއީ އިސްރާއީލު ސަރުކާރުގެ ސިޔާސަތުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި އުފެދިފައިވާ ނުރުހުމާއި އިހުތިޖާޖުގެ ބޮޑުމިން ދައްކުވައިދޭ ކަމެއް ކަމަށް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ. އައި24 ޗެނަލުން ބުނެފައި ވަނީ ނަތަންޔާހޫ މާލަމަށް ވަނުމާއެކު ވަފުދުތަކުން ނުކުމެގެން ދިއުމަކީ ދުނިޔޭގެ ގައުމުތަކުން އިސްރާއީލުގެ އަމަލުތައް ބަލައިނުގަންނަކަން އަންގައިދިން ގަދަފަދަ ރަމްޒީ މެސެޖެއް ކަމަށެވެ.

ޗެނަލް 12 ގެ ނޫސްވެރިއަކު ފާހަގަކުރި ގޮތުގައި، ތަގުރީރު ފެށި ވަގުތު ހިނގި މި ހާދިސާއަކީ މީގެ ކުރިން ނަތަންޔާހޫއަށް ފެނިފައި ނުވާފަދަ ސިޔާސީ މެސެޖެކެވެ. ސިޔާސީ މުހައްލިލުން ބުނާ ގޮތުގައި މިއީ މުޅި ދުނިޔެ އިސްރާއީލަށް ފުރަގަސްދީ، އެ ގައުމު އެކެހެރިކުރަމުންދާ ކަމުގެ ސާފު ހެއްކެކެވެ. މީގެއިތުރުން ޗެނަލް 11 އިން ބުނީ ބައިނަލްއަގުވާމީ ނޫސްތަކުގެ ފުރަތަމަ ސަފުހާތަކުން ޖާގަ ހޯދީ ނަތަންޔާހޫ ދެއްކި ވާހަކަތަކުގެ ތަފްސީލަށްވުރެ ބޮޑަށް، އޭނާއަށް އިހާނެތިކޮށް ހިތި މެމްބަރުން އެކީގައި ނުކުމެގެން ދިޔަ މަންޒަރު ކަމަށެވެ.

ޗެނަލް 12 ގެ ސިޔާސީ ޕްރޮގްރާމްތަކުގެ ހުށަހެޅުންތެރިޔާ އަރާޑް ނީރް، ނަތަންޔާހޫގެ ތަގުރީރު ސިފަކުރީ ޣައްޒާއަށް ދެމުންދާ ޖެނޮސައިޑް ހަމަލާތައް ކުރިއަށްގެންދިއުމަށް ބާރުއެޅި "ހަނގުރާމައިގެ ތަގުރީރެއް" ގޮތުގައެވެ. އަދި އެ ތަގުރީރުގައި ސިޔާސީ ހައްލަކަށް ނުވަތަ ސުލްހަވެރި އުންމީދަކަށް އެއްވެސް އިޝާރާތެއް ޔަހޫދީ މީހާ ދީފައި ނެތްކަމަށާއި، ތަގުރީރު ފެށި ވަގުތު ނަތަންޔާހޫ ހާސްވެ ނުތަނަވަސް ވެފައިވާ ކަން ފެނިގެންދިޔަ ކަމަށާއި މީހުންގެ ނަންތައް ކިޔުމުގައި އާދަޔާޚިލާފަށް ގިނައިން ކުށް ކިޔާފައިވާ ކަންވެސް ފާހަގަކުރިއެވެ.

"ރީޖަނަލް ސެކިއުރިޓީ ކޯލިޝަން" ގެ ކޯ-ފައުންޑަރު ލިއާން ވޮލިކް ޑާވިޑް ވިދާޅުވި ގޮތުގައި، ނަތަންޔާހޫ ވަނީ އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އޭނާގެ ތަގުރީރަކީ މީހުންގެ ހަނދާނުގައި ހުންނާނެ ތަގުރީރަކަށް ހެދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ތަގުރީރުގައި އެއްވެސް ހަގީގަތެއް އަދި އޮށްޓަރެއް ނެތް ކަމަށާއި އަދި މާނައެއް ނެތް ވާހަކަތަކެއް ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓްރެޓެޖިކް އެޑްވައިޒަރު ރޯނެން ސޫރް، ބުނީ ނަތަންޔާހޫ ގެ ތަގުރީރުގައި ތެދުވެރިކަމެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!