އަޤްޞާ ޠޫފާނުގެ ކުރިން ކޮމާންޑަރު ޔަހުޔާ ސިންވާރު ނަތަންޔާހޫއަށް އިންޒާރެއް ފޮނުވި

އިސްރާއީލާއި ހަމާސްއާ ދެމެދު ސިއްރުން މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ފަލަސްތީނުގެ ކުރީގެ ވަޒީރަކު، 2023 އޮކްޓޯބަރު 7 ގެ ހަމަލާގެ ކުރިން ހަމާސްގެ ކޮމާންދަރު ޝަހީދު ޔަހްޔާ ސިންވާރު ދެއްވި އިންޒާރެއް އިސްރާއީލަށް ރައްދުކޮށްދެއްވި ކަމަށް އެއްބަސްވެވަޑައިގެންފިއެވެ.

ފަލަސްތީނު ސަރުކާރުގެ ކުރީގެ މިނިސްޓަރު ސުފިއާން އަބޫ ޒައިދާ ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އިސްރާއީލާއި ހަމާސްއާ ދެމެދު އަސީރުން ބަދަލުކުރުމާއި ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ދޮޅު އަހަރުގެ މުއްދަތަށް ކުރިއަށްދިޔަ ސިއްރު މަޝްވަރާތަކުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށެވެ. މީގެ ތެރޭގައި ސިންވާރު އިސްރާއީލަށް ފޮނުއްވި މެސެޖުވެސް ހިމެނެއެވެ.

މި ވީޑިއޯއަށްފަހު، އިސްރާއީލުގެ ނޫސްވެރިއެއް ކަމަށްވާ ޝްލޯމީ އެލްދާރު ވަނީ، އޮކްޓޯބަރު 7 ގެ 10 ދުވަސް ކުރިން އެކުވެރި އަރަބި އިމާރާތުގެ ރައީސް މުހައްމަދު ބިން ޒާޔިދު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި ދެއްވި އިންޒާރުގެ ފަހަތުގައިވަނީ އަބޫ ޒައިދާ ކަން ކަށަވަރުކޮށްދީފައެވެ. ނަތަންޔާހޫ ވަނީ މިފަދަ ފޯނު ކޯލެއް ކުރެއްވިކަމަށް ދެކެވޭ ވާހަކަތައް އިންކާރުކުރައްވާފައެވެ. ޔޫއެއީންވެސް މިއާ މެދު ވާހަކަ ދައްކަން ބޭނުން ނޫންކަމަށް ބުންޏެވެ.

އަބޫ ޒައިދާ މެދުވެރިއެއްގެ ރޯލު އަދާކުރެއްވީ ހަމާސްގެ ޣާޒީ ހަމަދާއި އިސްރާއީލުގެ އެތެރޭގެ ސެކިއުރިޓީ އޭޖެންސީ، ޝިން ބެޓްގެ އޮފިޝަލުންނާ ދެމެދުގައެވެ. މިކަމުގެ މައިގަނޑު މަގުސަދަކީ ހަމާސްގެ ބަންދުގައި ތިބި އިސްރާއީލުގެ ދެ މީހަކާއި މަރުވެފައިވާ ދެ ސިފައިންގެ ހަށިގަނޑުގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ރަހީނުން ދޫކޮށްލުމާއި، ޣައްޒާގެ ހިސާރު ލުއިކުރުމެވެ.

ނަމަވެސް، މަޝްވަރާތައް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުން ކޮމާންޑަރު ޝަހީދު ސިންވާރު ވަނީ "އިސްރާއީލުން މަޝްވަރާތަކުގައި ކުރިއަށް ނުގޮސްފިނަމަ، ބޮޑު ގުޑުވާލުމެއް ފަދަ ސަޕްރައިޒެއް ކުރިމަތިކުރުވާނެ" ކަމަށް ބުނެ އަބޫ ޒައިދާ މެދުވެރިކޮށް އިންޒާރު ދީފައެވެ.

މި އިންޒާރު އަބޫ ޒައިދާ ވަނީ އަބޫދާބީގައި އުޅުއްވާ ފަލަސްތީނުގެ ކުރީގެ އިންޓެލިޖެންސް ޗީފް މުހައްމަދު ދަހްލާން މެދުވެރިކޮށް އިމާރާތުގެ ރައީސް މުހައްމަދު ބިން ޒާޔިދަށް ފޮނުއްވާފައެވެ. އަދި 2023 ސެޕްޓެމްބަރު 15 ގައި ޝިން ބެޓަށްވެސް މި މެސެޖު ރައްދުކުރެވުނެވެ. ދަހްލާންއަކީ ކުރިން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމަށްފަހު ފަހުން ސަހުޔޫނީންނާ ގުޅިގެން މަސައްކަތް ކުރާ މީހެއްކަމަށް ތުުމަތު ކުރެވިފައިވާ ފަރާތެކެވެ.

ޝިން ބެޓްގެ އޭރުގެ ވެރިޔާ ރޯނެން ބާރ، ނަތަންޔާހޫއާ ބައްދަލުކޮށް ސިފައިންގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ލަފާދިން ނަމަވެސް، އަމަލީ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ޔޫއޭއީގެ ރައީސް ނަތަންޔާހޫއަށް ސީދާ ގުޅުއްވައި ހާލަތުގެ ނުރައްކާތެރިކަން ހާމަކުރެއްވި ކަމަށްވެއެވެ.

ޝިން ބެޓްގެ ސީނިއާ އޮފިޝަލަކު ވަނީ، މެސެޖު ލިބުމާއެކު ސިފައިންގެ އިދާރާތަކަށް އެކަން އެންގި ކަމަށާއި، ނަމަވެސް އިމާރާތުގެ ރައީސްގެ މެސެޖު ނަތަންޔާހޫ ސިފައިންނާ ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

1960 ގައި ޣައްޒާގެ ޖަބާލިޔާއަށް އުފަންވި އަބޫ ޒައިދާ، އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު ވަނީ މިޞްރުގެ ގާހިރާއަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!