މަކަރުވެރިކަމާ ހެދި ކެހި ލިބުނު ގޮތުގެ ހަނދާންތައް

ޑިސްލޯޔަލް: އަ މެމޮއާ، އަކީ ޓްރަމްޕްގެ ގާނޫނީ ވަކީލު ޓްރަމްޕާއެކު އޭނާ އުޅުނު ދުވަސްވަރާއި އަދި ޓްރަމްޕަށްތަކައި ހިންގާފައިވާ ޖަރީމާތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ. މި ފޮތް ޝާއިއުކޮށްފައި ވަނީ ޓްރަމްޕަށްޓަކައި މައިކަލް ކޯހެން ހންގާފައިވާ ޖަރީމާތަކަށް 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށް، ނިއުޔޯކްގެ ބާރ އެސޯސިއޭޝަނުން އޭނާގެ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލު ކުރި ފަހުން، ސެޕްޓެމްބަރު 2020 ގައެވެ.

ފޮތުގެ މުގައްދިމާގައި ޓްރަމްޕް ސިފަކުރަމުން ކޯހެން ބުނަނީ، ޓްރަމްޕަކީ، “މަކަރުވެރިއެއް، މޮބްސްޓަރެއް، ދޮގުވެރިއެއް، މީހުންނަށް ބިރުދައްކާ މީހެއް، ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހެއް، އަންހެނުންނާ ބެހޭ މީހެއް، މީހުންނަށް އޮޅުވާލުމުގެ މޭސްތިރިއެއް” ގެ ގޮތުގައެވެ.

ޔަހޫދީ ދަރިކޮޅުގެ މައިކަލް ކޯހެން ސިފަ ކޮށްފައި ވަނީ ޓްރަމްޕްގެ ޖަރީމާތަކަށް އަތްގާތްކޮށްދޭ މީހާގެ ގޮތުގައެވެ. ޓްރަމްޕާ އޭނާގެ ގުޅުން ބަދަހިވީ ކޯހެންގެ ޔުކްރެއިން ނަސްލުގެ ބަފާބެގެ ފަރާތުންނެވެ.

މި ފޮތުގައި ކޯހެން ވަނީ ރިއަލް އެސްޓޭޓް މޮގަލްއެއްގެ ގޮތުގައި ޓްރަމްޕް އުޅުއްވި ދުވަސްވަރުން ފެށިގެން ވައިޓްހައުސްގައި ހޭދަކުރި ދުވަސްވަރުގެ ވާހަކަތައް ލިޔެފައެވެ.

މި ފޮތުގައި ކޯހެން ޓްރަމްޕް ސިފަކުރައްވަނީ ޓްރަމްޕް އަކީ އޭނާ ބޭނުންވާ އެއްޗެއް ހޯދުމަށް ދޮގުވާހަކަ ފަތުރައި މީހުންނަށް ބިރު ދެއްކުމުގެ އުކުޅުތައް ބޭނުންކުރާ ޚަސީލަތް ނުބައި ނުލަފާ މަކަރުވެރި މީހެއްގެ ގޮތުގަ އެވެ. އަދި ޓްރަމްޕް ވެރިކަމުގައި ހުންނެވި ދުވަސްވަރު އަޚްލާގީ ގޮތުން ގޯސް އަދި ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

ކޯހެންގެ ހަނދާންތަކަށް ލިޔެފައިވާ މި ފޮތުގައި ޓްރަމްޕް އޯގަނައިޒޭޝަން އާއި ޓްރަމްޕްގެ ކެމްޕޭންގެ އެތެރޭގެ މަސައްކަތްތަކަށްވެސް އަލިއަޅުވާފައި ވެއެވެ. އަދި ކޯހެންއާއި ޓްރަމްޕާ ދެމދު ކުރިމަތިވި ޒުވާބާއި ގާނޫނީ މައްސަލަތަކާއި، ޓްރަމްޕަށްޓަކައި ކެމްޕޭން ފައިނޭންސްގެ ގާނޫނާ ޚިލާފުވުމާއި އެހެނިހެން ކުށްތަކަށް ކުށް ސާބިތުވެ ޖަލަށްލުން ފަދަ ކަންކަމާ ބެހޭ ގޮތުން ވެސް އޭނާ ތަފްސީލުކޮށްދީފައި ވެއެވެ.

ޖުމްލަކޮށް ބަލާއިރު “ޑިސްލޯޔަލް: އަ މެމޮއާ” އަކީ ޓްރަމްޕާއި އޭނާގެ ވެރިކަމުގެ ލަދުހުތުރު ކަންތައްތަކާއި ޓްރަމްޕް އޮގަނައިޒޭޝަންގެ އެތެރޭގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާ ގޮތާއި ޓްރަމްޕްގެ ކެމްޕޭންގެ ހީލަތްތެރި އުކުޅުތަކުގެ މައުލޫމާތުވެސް ހިމަނާފައިވާ ފޮތެކެވެ. ފޮތް ބަހާލާ ފައިވަނީ ޖުމުލަ ހަތް ބާބެއްގެ މައްޗަށެވެ.

1 ވަނަ ބާބު: މި ބާބުގައި ކޯހެންއާއި ޓްރަމްޕްގެ ކުރީގެ ގުޅުމާއި، ޓްރަމްޕްގެ އަޚުލާގާ މެދު އޭނާއަށް ފުރަތަމަ ލިބުނު ތަސައްވުރާއި، އޭނާއަށް މަސައްކަތް ކޮށްދެމުން އައި ގޮތާ ބެހޭ ގޮތުން ލިޔެފައި ވެއެވެ.

2 ވަނަ ބާބު: މި ބާބުގައި ކޯހެން ލިޔަނީ، ޓްރަމްޕަކީ މަޝްހޫރު މީހުންނަށް ދެވިހިފާ މީހެއް ކަމަށެވެ. އަދި ޓްރަމްޕަކީ ސިރިއަސް ޕޮލިޓީޝަނެއް ކަމަށް މީހުން ބަލައިގަތުމަށް އޭނާ ބޭނުންވި ކަމަށްވެސް ލިޔެފައި ވެއެވެ. ޓްރަމްޕްގެ ރިޔާސީ ރޭހަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން ބައްޓަންވި ގޮތާއި އެ ކެމްޕޭންގައި ކޯހން އަދާކުރި ދައުރު މި ބާބުގައި ހިމަނާފައި ވެއެވެ.

3 ވަނަ ބާބު: މި ބާބުގައި ކޯހެން ސިފަކޮށް ދެނީ ޓްރަމްޕްގެ ކެމްޕޭންގެ ކޮރަޕްޝަނާއި އެތެރޭގައި ހިނގާ ޒުވާބުތަކާއި އެއްބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ވާދަވެރިކަމާއި ޣީބަ ބުނުމުގެ ކަންތައތަކުގެ ވާހަކައެވެ. ރަޝިޔާއިން ޓްރަމްޕްގެ އިންތިޚާބަށް ތަދައްޚުލުވި ކަމަށްވެސް ކޯހެން ލިޔެއެވެ.

4 ވަނަ ބާބު: މި ބާބުގައި ބަލާފައި ވަނީ ޓްރަމްޕާ ގުޅުން ސިއްރު ކުރުމަށްޓަކައި އޮރިޔާން ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްއާ ތްރަމްޕް ޖިންސީ ގުޅުން ހިންގައި އެކަން ސިއްތު ކުރުމަށް އޭނާއަށް ދޮޅު ލައްކަ ޑޮލަރުގެ ރިޝްވަތެއް ދިނުމާ ބެހޭ ގޮތުންނެވެ. ކޯހެން ވަނީ އެފައިސާ އޭނާގެ ޖީބުން ދެއްކި ކަމަށާއި އަދި ފަހުން އެފައިސާ ޓްރަމްޕް އޮގަނައިޒޭޝަނުން އޭނާއަށް އަނބުރައި ދެއްކި ކަމަށް ލިޔެފައެވެ. މި ބާބުގައި މައިގަނޑު ގޮތެއްގައި ޓްރަމްޕް ހިންގާ ގާނޫނާ ޚިލާފް އަމަލުތައް ފޮރުވުމަށްޓަކައި ޓްރަމްޕާއި އޭނާގެ ޓީމުން އަޅާފައިވާ އަޚްލާޤީ ގޮތުން ގޯސް އަދި ޤާނޫނާ ޚިލާފު ޢަމަލުތައް ހާމަކޮށްފައި ވެއެވެ.

5 ވަނަ ބާބު: މި ބާބުގައި ޓްރަމްޕް އާއި ވްލަޑިމިއާ ޕޫޓިންގެ ގުޅުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޚުދުމުޚުތާރު ލީޑަރުންނާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕް ބޭނުންވި ގޮތް ކިޔައދީފައި ވެއެވެ. ކޯހެން ވަނީ ރަޝިޔާއާ އެކު ޓްރަމްޕް ބޭއްވި މުއާމަލާތްތައް ބާއްވާފައި ވަނީ އޭނާގެ އަމިއްލަ ބައިވެރިވުމުން ކަމަށް ކިޔައި ދީފައެވެ. މި ބާބުގައި ޓްރަމްޕްގެ ޚާރިޖީ ސިޔާސަތާއި އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކަށް އަލިއަޅުވާލާފައި ވެއެވެ.

6 ވަނަ ބާބު: މި ބާބުގައި ކޯހެންއާ ޓްރަމްޕާ ދެމެދުގެ ޒުވާބާއި އަދި އެންމެ ފަހުން ތަހުގީގު ކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކޯހެން ނިންމި ނިންމުގެ ތަފްސީލު ލިޔެފައިވެއެވެ.

7 ވަނަ ބާބު: މި ބާބުގައި ކޯހެން ވަނީ އޭނާގެ އަމިއްލަ އަމަލުތަކާއި އެ އަމަލުތަކުން އޭނާގެ ދިރިއުޅުމަށާއި މުޅި ގައުމަށް ކުރި އަސަރުތަކާ މެދު ބަލާލައި އެހެން މީހުން އެއިން އިބްރަތް ހޯދުމަށް އެދިފައެވެ. މި ބާބުގެ މައިގަނޑު ނުކުތާއަކީ ކުރީ ބާބުތަކުގައި ތަފްސީލުކޮށްފައިވާ ހާދިސާތަކާ މެދު އަމިއްލަ ނަފްސު މުރާޖައާކޮށް، ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ މުހިންމުކަމަށް އަލިއަޅުވާލުމެވެ.

ހިއްސާ ކުރައްވާ!