ފަލަސްތީނުގެ ކާރިސާއަށް 75 އަހަރު

ޖިހާދު ޔޫސުފް ލިޔުއްވާފައިވާ ފޮތް ސެވަން ޑޭސް އިން ފަލަސްތީނުގައި އިސްރާއީލުގެ ޒަޔަނިސްޓް އިސްތިއުމާރީ ހަރަކާތްތަކާބެހޭ ޖަރީމާތައް ބޭޒާރު ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ވެނެޒުއެލާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ފަލަސްތީނުގެ ޑޮކްޓަރު ޖިހާދު ތަފްސީލީ ގޮތެއްގައި ކިޔައިދެނީ އިސްރާއީލުގެ އިސްތިއުމާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް އޭނާގެ ގައުމު ފަލަސްތީނަށް އޭނާ އަލުން އައުމުން ކުރެވުނު އިހުސާސްތަކާ ބެހޭ ގޮތުންނެވެ.

މުޅި ފޮތުގައި ޔޫސުފް ވަނީ ފަލަސްތީނުގެ މީހުންގެ ދިރިއުޅުމާބެހޭ  މައްސަލަތަކާ ބެހޭ ގޮތުން ޝައުގުވެރި ނަޒަރަކުން ބަލާފައެވެ. އޭނާ ލިޔަނީ، ފަލަސްތީނުގެ އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ފަލަސްތީނު މުޖުތަމައުގެ ކެތްތެރިކަމާއި، ދަތިތަކާ ކުރިމަތިލާއިރު އުއްމީދާއި ކެތްތެރިކަމުގެ މުހިންމުކަމާ ބެހޭގޮތުންނެވެ. ޔޫސުފްގެ ލިޔުމުގައި ފަލަސްތީނުގެ ސަގާފަތުގ އިތުރުން ފަލަސްތީނުގެ ކާނާއާއި މިއުޒިކުން ފެށިގެން ސަގާފަތާއި ތާރީޚާއި ހަމައަށް ފަލަސްތީނުގެ ސަގާފަތުގެ ނަލަކަމާއި ސަގާފީ މުއްސަނދި ކަން ކިޔައި ދީފައި ވެއެވެ.

މިފޮތުގައި އޭނާ ވަނީ ޔަހޫދީންގެ ޣަދަރުވެރި ޒަޔަނިސްޓް ހަރަކާތުގެ ތާރީޚާއި، އިނގިރޭސި އިސްތިޢުމާރުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޒަޔަނިސްޓް ޔަހޫދީންނަށް މަގުފަހިކޮށްދިން ގޮތުގެ ތަފްސީލު ކިޔައި ދީފައެވެ.

މިފޮތް ޝާއިއުކޮށްފައި ވަނީ ސްޕެނިޝް ބަހުންނެވެ. އެހެން ބަސްބަހުން ތަރުޖަމާ ކުރުމަށް މަސައްކަތް ކުރެވެމުން ދެއެވެ.

ޖިހާދު ޔޫސުފް ގެ “ފަލަސްތީނުގައި ހަތް ދުވަސް” ގައި މައިގަނޑު ޗެޕްޓާތަކުގައި ފަލަސްތީނު ދަނެގަތުމަށް  މުހިންމު މައުލޫމާތު ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި:

އިސްރާއީލުގެ ހިސާރު: މި ބާބުގައި އިސްރާއީލުގެ އިސްތިއުމާރުގެ ސަބަބުން ފަލަސްތީނު މީހުންގެ ދުވަހުގެ ދިރިއުޅުމަށް ކުރާ އަސަރުތަކުގެ ތަފްސީލު ލިޔެފައިވާއިރު، އޭގެ ތެރޭގައި ދަތުރުފަތުރާއި ވަސީލަތްތައް ހޯދުމަށް ޒަޔަނިސްޓުން އަޅާ ހުރަސްތައް ބަޔާންކޮށްފައި ވެއެވެ.

އިޖުތިމާޢީ އަނިޔާ: ޖިހާދު ޔޫސުފް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރިމަތި ކުރާ އިޖުތިމާޢީ އަނިޔާވެރިކަމާއި، އިޒްރޭލުގެ އަޕަތައިޑް، ނަސްލީ  ތަފާތުކުރުމާއި ނުހައްގުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރާ ކަންތައްތައް ދައްކައި ދީފައެވެ.

ފަލަސްތީނުގެ ސަގާފަތާއި ތާރީޚު: މި ބާބުގައި ފަލަސްތީނުގެ ސަގާފަތުގެ މުއްސަނދިކަމާއި ތަފާތުކަމުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ތާރީޚާއި ހަޟާރީ އާދަކާދައަށް އަލިއަޅުވާލާފައިވެއެވެ.

ކެތްތެރިކަމާއި އުންމީދު: ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ އެކުވެސް، މި ފޮތުގައި ބުނަނީ މާޔޫސްކަމެއް ނެތި އުންމީދު ވެރިކަމާއެކު އެމީހުން ކެތްތެރިކަމާ އެކު މުސީބާތްތަކާ ކުރިމަތިލާކަން ދައްކާފައެވެ.

އެންޕެތީއާއި ސަޕޯޓްގެ މުހިންމުކަން: ޖިހާދު ޔޫސުފް ކިޔުންތެރިންނަށް ހިތްވަރު ދެމުން މި ބާބުގައި ބުނަނީ ފަލަސްތީނުގެ ތަޖުރިބާއަށް ހަމްދަރްދީ ވުމަށެވެ. އަދި އިންސާފާއި މިނިވަންކަމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ތާއީދުކުރުމަށެވެ.

ޖުމްލަކޮށް ބަލާއިރު “ފަލަސްތީނުގައި ހަތް ދުވަސް” ފޮތުން ކިޔުންތެރިންނަށް ފަލަސްތީނުގެ ދިރިއުޅުމާއި، އެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކުގެ ވަރުގަދަ އަދި އަސަރުގަދަ ވާހަކައެއް ކިޔާލަން ލިބެއެވެ.

އިސްރާއީލުގެ ޗެކްޕޮއިންޓްތަކުގެ މެދުގައި ދަތުރުކުރުމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ލިބެމުންދާ ތަކުލީފުތަކާއި، މިހާރު ހިނގަމުންދާ ހައްޔަރުކުރުމުގެ ކެމްޕޭންތަކާއި، ގަވާއިދާ ހިލާފަށް ވަޒަންވެރިން ފަލަސްތީނު މީޙުންގެ ސިޓީތަކަށް ވަދެގަތުމާއި، އިޒްރޭލުން ބިނާ ކޮށްފައިވާ ބޮޑު ފާރުގެ ވާހަކަވއެސް ކިޔައި ދީފައި ވެއެވެ.

“މި ފޮތަކީ އިސްރާއީލުން 20 އަހަރު ވަންދެން ފަލަސްތީނަށް ވަނުން މަނާކުރުމަށް ފަހު 2006 ވަނަ އަހަރު ފަލަސްތީނަށް ކުރި ދަތުރުގައި އަހަރެންގެ އަމިއްލަ ތަޖުރިބާ ދައްކުވައިދޭ ފޮތެއް،” ޖިހާދު ޔޫސުފް ބުނެއެވެ.   އަހަރެން އުފަންވި އަހަރެންގެ ވަޒަން، އަހަރެންގެ ފަލަސްތީނުގެ އާއިލާއާއި ކާފައާއި މާމައަށް، އަހަރެންގެ ކުޑައިރު ހޭދަކުރި ތަނާއި ކިޔެވުން ފުރިހަމަކުރި ތަނާ ބެހޭ ގޮތުން އިޒްރޭލުން ދައްކާ ފޭކު ވާހަކަތަކުގެ ހަގީގަތް ކިޔައި ދޭން ބޭނުންވާ ކަމަށް ޖިހާދު ޔޫސުފް ބުނެއެވެ.

ޖިހާދު ޔޫސުފް އުފަންވީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ އިސްކާކާ އަވަށަށް 1957 ވަނަ އަހަރު އެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ޔޫސުފާއި އޭނާގެ އާއިލާ ވަޒަނުން ބޭރުކޮށްލިއެވެ. 1979 ވަނަ އަހަރު މެޑިސިން ކިޔަވަން ޖިހާދު ޔޫސުފް ސްޕެއިންއަށް ދިއުމަށްފަހު، ޑޮކްޓަރެއްގެ ގޮތުގައި ޝަރުތު ހަމަވެގެން ފަލަސްތީނަށް އެނބުރި ވަންނަން ބޭނުން ވިއިރު އިޒްރޭލުން އޭނާ ނުވައްދައި ހުރަސް އެޅިއެވެ.

1992 ވަނަ އަހަރު ކިއުބާއަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން ދުނިޔޭގެ އެކި ގައުމުތަކުގައި ވަޒީފާ އަދާކޮށް އޭނާ ދިރިއުޅުނެވެ. އޭނާއަކީ ފަހުން ވެނެޒުއެލާގެ ރައްޔިތެކެވެ.

މިހާރު ޑރ. ޖިހާދު ޔޫސުފު ގެންދަނީ ލެޓިން އެމެރިކާގައި ފަލަސްތީނުގެ ފެޑެރޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރަމުންނެވެ.

2018 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ނޭޝަނަލް ކައުންސިލްގެ މެންބަރުކަން ވެސް ކޮށްފައި ވެއެވެ.

ޖިހާދު ޔޫސުފް ބުނާ ގޮތުގައި ފަލަސްތީނުގައި ހޭދަކުރި ހަތް ދުވަހަކީ އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ މުހިންމު ދުވަސްތަކެވެ.

ހިއްސާ ކުރައްވާ!