ވެސްޓް ސުމަޓްރާގެ އަލްހަކީމް މިސްކިތް

އިންޑޮނޭޝިއާގެ ވެސްޓް ސުމަޓްރާގައި ހަދާފައިވާ މަސްޖިދުލް އަލްހަކީމް އަކީ އިންޑިއާގެ ތާޖް މަހާލާ އެއް ބައްޓަމަށް ފަރުމާ ކޮށްފައިވާ މިސްކިތެކެވެ.

2020 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ނިންމައި ނަމާދު ކުރަން ފަށާފައިވާ ޕަޑަންގް ސިޓީގައި ހުންނަ މި މިސްކިތަކީ ދީނީ ފަތުރުވެރިކަމުގެ މަންޒިލެކެވެ.

މި މިސްކިތް ބިނާ ކޮށްފައި ވަނީ ޕަޑަންގް ބީޗު ސަރަހައްދުގައި މޫދު ކައިރީގައެވެ. މިސްކިތުގެ ހުދު ކުލައާއެކު މޫދުގެ ވިލު ނޫ ކުލައިން މުޅި ސަރަހައްދަށް ތަފާތުކަމެއް ގެނަސްދެއެވެ.

ތާޖުމަހަލުގެ ފަރުމާއަށް މި މިސްކިތް އިމާރާތް ކޮށްފައިވާއިރު އިމާރާތުގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައި ވަނީ އަލްހަކީމް އިސްލާމީ މަރުކަޒަކަށެވެ.

ސިޓީ ސަރުކާރުން ދީފައިވާ ބިމެއްގައި މިސްކިތް އިމާރާތް ކޮށްފައިވަނީ 7 ބިލިއަން ދިވެހި ރުފިޔާއާ ގާތްކުރާ އަދަދަކަށް އަމިއްލަ ވިޔަފާރި ވެރިއެކެވެ. އަދި މިސްކިތަށް ހޭދަކޮށްފައިވާ މީހާ ވަނީ އޭނާގެ ވަނަވަރު ސިއްރުކޮށްފައެވެ. އަދި މި މިސްކިތަކީ އޭނާގެ މަންމަގެ ހަނދާނުގައި ބިނާކޮށްދީފައިވާ މިސްކިތެއް ކަމަށެވެ.

2017 ވަނަ އަހަރު ބިންގާއެޅުމަށްފަހު، ކޯވިޑްގެ ތރޭގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔައެވެ.

ތާޖުމަހަލްގެ ފަރުމާއަށް މި މިސްކިތް ޑިޒައިން ކުރީ އިންޑޮނޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން އާކިޓެކްޗާއިން ޑިގްރީ ހާސިލްކޮށްފައިވާ އާކިޓެކްޓެއް ކަމަށްވާ ރިއޯ ވިދްޔާ ޕްރަތަމާ އެވެ.

ކުދިން ބީޗް ސަރަހައްދުގައި ކުދިން ކުޅެން ބޭނުން ކުރި ބިމެއްގައި މި ޑިޒައިނަށް މިސްކިތް އަޅަން ބޭނުންވީވެސް މިސްކިތަށް ފަންޑުކުރަން ނިންމި ފަރާތުންނެވެ. އާކިޓެކްޓް ބުނާ ގޮތުގައި ތާޖުމަހަލްގެ ޚާއްސަކަމަކީ އޭގައި ހުރިހައި ފަރާތެއްގައިވެސް ޑިޒައިން އެއްވަރުވެ ސިމެޓްރިކަލް ވުމެވެ. އެހެންވެ، އާކިޓެކްޓް ސިފަ ކުރާ ގޮތުގައި މި މިސްކިތަކީ މިނީ “ތާޖް މަހަލް” އެކެވެ.

600 މީހުންގެ ނަމާދު ކުރުމުގެ ޖާގަ ހަމަޖެހިފައިވާ މިސްކިތުގައި ޕާކިންއަށްވެސް ދެ ހާސް އަކަ ފޫޓު ހަމަޖައްސާފައި ވެއެވެ.

ހިސާބުގެ މީހުން ބުނާ ގޮތުގައި އަލްހަކީމް މިސްކިތް ހުޅިވަފުން މިސްކިތް ބަލާލުމަށް އަންނަ ފަތުރުވެރިންގއެ އަދަދު އާދަޔާ ޚިލާފަށް އިތުރު ވެފައިވާ ކަމަށެވެ.

ސިޓީ ސަރުކާރުން ވެސް ވަނީ އަލް ހަކީމް މިސްކިތާއި އއެ މިސްކިތާ އިންވެގެންވާ ބީޗު ސަރަހައްދަކީ، ޓުއަރިސްޓް ޒޯނެއްކަމަށް ކަނޑައަޅާފައެވެ. އަދި މިސްކިތް ކައިރީގައި ޓުއަރިޒަމްގެ އޮފީހެއް ހުޅުވައި އެހިސާބަށް ޚާއްސަ ފުޑް ކޯޓެއްވެސް ވަނީ ހުޅުވާފައެވެ.

މި މިސްކިތުގެ އެންމެ ޚާއްސަ ކަމަކީ، މިސްކިތުގައި ބަހައްޓާފައިވާ ހަނޑޫ ދޫކުރާ އޭޓީއެމް މެޝިނެވެ. ހިސާބުގަނޑުގެ ފަގީރު އާއިލާތަކަށް އޭޓީއެމް ކާޑެއް ދޫކޮށްފައި ވެއެވެ. އަދި ކޮންމެ ހަފްތާއެއްގައިވެސް އެއާއިލާއަކަށް ޕްރޮގްރާމު ކޮށްފައިވާ ގަޑިތަކުގައި އައިސްގެން ކާޑު ޖަހައިގެން އޭޓީއެމުން ހަނޑޫ ނަގައިގެން ދެވޭނެއެވެ. ކޮންމެ އާއިލާއަކަށްވެސް ހަފްތާއަކަށް 2.5 ކިލޯ މެޝިނުން ދޫކުރާނެއެވެ. މިއީ ހިލޭ ސާބަހަށް އޮންނަ ކަމެކެވެ.

ހިއްސާ ކުރައްވާ!