ޒަޔަނިސްޓުންނަށް ސިޔާސީ ގުލާނުކޮށްދިން މީހެއްގެ ތަރިކަ

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިއާސީ ދައުރު ނިމޭއިރު އޭނާގެ ރިއާސީ ދައުރުގެ ތަރިއަކަށް ވެގެންދާނީ ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލުމަށާއި އެމީހުންގެ ޤަތުލުޢާންމު ހިންގުމަށް އޭނާވެ ދެއްވި ވާގިވެރިކަމެވެ.

ބައިޑެންގެ މާޒީއާއި އޭނާގެ ހަޔާތްޕުޅަށް ބަލާއިރު ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ވެގެންދާނީ އޭނާގެ ޙަޔާތުގެ ކަޅު އަނދިރި ޞަފްޙާއެއްގައި ޖެހިފައިވާ ފަނޑު ތިއްކަކަށެވެ. ޖަރީމާތައް އެއަށްވުރެންވެސް ގިނަވެފައި އަނދިރިކަން ބޮޑެވެ.

އުމުރުދުވަހުގެ މަސައްކަތުގައި ބައިޑެން އަކީ އެމެރިކާގެ ޒަޔަނިސްޓު ލޮބީންގެ ފަރާތުން ދީލަތިކަމާއެކު އޭނާގެ ސިޔާސީ މަސައްކަތަށް ފައިސާ ހޯއްދެވި ބޭފުޅެކެވެ. ސިޔާސީ ކޮރަޕްޝަންގައި ނަން ފަވާލެވުނަސް، ދިވެހިރާއްޖެފަދަ ޤައުމެއްގައި އެފަދަ ފައިސާއެއް، ރިޝްވަތުގެ ފައިސާ ނޫން ގޮތަކަށް ސިފައެއް ނުކުރެވޭނެއެވެ.

ނިކަން ފަޚުރުވެރިކަމާއެކު ބައިޑެން ވިދާޅުވެފައި ވަނީ މެދުއިރުމަތީގައި ޢަރަބި ޤައުމުތަކުގެ މެދުގައި އިޒްރޭލެއް ނެތް ނަމަ، “އަހަރަމެން އިޒްރޭލެއް އުފެއްދީމުހެވެ!” އެހެންވެ، އޭނާގެ މުޅި އުމުރު ފަނާކޮށްފައި ވަނީ ޒަޔަނިސްޓުންނަށް ސިޔާސީ ގުލާނު ކޮށްދެއްވުމުގައެވެ.

އުމުރުން 81 އަހަރުގައި ބައިޑެން ވަނީ މައިދާނުން އެކަހެރިވެ ވަޑައިގަންނަވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. ހަތުރުންގެ ކަންފަތަށް މިވާހަކަ މިއުޒިކެއް ކަމުގައިވިއަސް އެމެރިކާގެ ސިޔާސަތަށް ވަކި އިތުރު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

އޭޝިއާ ސަރަހައްދުގައި ބައިޑެންގެ މިހާރުގެ ޢުމުރުގެ ލީޑަރުންނަކީ ޚިދުމަތް ކުރެއްވުމުގައި ދެމި ތިއްބަވާ ބޭފުޅުންނެވެ. އަދި އެބޭފުޅުން މިހާތަނަށް ސާބިތުކޮށް ދެއްވާފައި ވަނީ 80 އަހަރަކީ މީހާ އަބަހައްދައެއް ކަމަށް ސާބިތުކޮށްދެވޭ މަރުހަލާއެއް ނޫން ކަމަށެވެ.

2018ގައި މެލޭޝިއާގެ ބޮޑު ވަޒީރުގެ މަޤާމަށް ހޮވިވަޑައިގަތް އިރު ޑރ. މަހާތީރު މުޙައްމަދުގެ ޢުމުރުފުޅަކީ، 92 އަހަރެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅުން އަދިވެސް ހަމަ ތޫނުފިލި ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!