ޗައިނާގެ ދަތުލަތުގެ ފާރަވެރިވުން ބިރުބޮޑު ކަމަކަށް ވެފައި

މި ދުވަސްވަރު ޗައިނާގައި ބަހުސް ކުރެވެމުންދާ، ޒާތީ މިނިވަންކަމާއި ޕްރައިވެސީގެ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވެން ހުރި މައްސަލަތަކެއް ނޫނެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެންމެ ގާތް އެއް އެކުވެރިޔާ، ޗައިނާއިން އަޅަމުންދާ ޕްރައިވެސީއަށް އަސަރުކުރާ ފިޔަވަޅުތަކަށް ބަލާލުން މުހިންމެވެ.

ދައުލަތުގެ ސިއްރުތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ހަ ބާބުގެ މައްޗަށް އެކުލެވޭ 74 މާއްދާގެ ގާނޫނާ ބެހޭ ވާހަކަވެސް، ޗައިނާގެ ސަރުކާރުގެ މައި ނޫސް، ގްލޯބަލް ޓައިމްސްގެ މިއަދުގެ ޢަދަދުގައި ރިޕޯޓުކޮށްފައި ވެއެވެ. ސެޕްޓެމްބަރު މަހުން ފެށިގެން އަމަލު ކުރާ މި ގާނޫނުގެ ދަށުން ދައުލަތުގެ ސިއްރުތަކަށް ރައްކާތެރިވެ، ޙައްސާސް ވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ބަޔާން ކޮށްފައި ވެއެވެ.

ޗައިނާ އިން ވަނީ، ޖުލައި 1ވަނަ ދުވަހުން ފެށިގެން އެފަދަ އެހެން އެހެން ޤަވާޢިދަކަށްވެސް ޢަމަލު ކުރަން ފަށާފައެވެ. އެއީ ޖާސޫސްކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ޤަވާޢިދެކެވެ.

ޗައިނާގެ މި ޙައްސާސް ވުމުގެ ފަސްމަންޒަރަށް ބަލާއިރު، މިއީ އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަމާއި، ޗައިނާގެ ސިޔާދަތަށް ބުރޫއަރާ ވާހަކަތަކާއި ޢަމަލުތަކުން ދައުލަތް ރައްކާތެރިކުރުމުގެ މަޤްޞަދުގައި 2019ން ފެށިގެން ކުރިއަށްދާ ބަހުސްގެ ސިލްސިލާގައި ހިމެނޭ ފިޔަވަޅުތަކެކެވެ.

މިވާހަކަތައް ދިވެހިރާއްޖޭގެ ރައްޔިތަކަށް ޙައްސާސްޥާ ކިތަންމެ ސަބަބެއް ހިމެނެއެވެ. ޒަމާންތަކަށްފަހު ޑިމޮކްރެސީއަށް ރާއްޖެ ހޭނިއިރު، އިސްލާޙީ އެޖެންޑާއާއި ޤާނޫނުއަސާސީއާއެކު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ ދެ ނުކުތާގެ ތެރޭން އެއް ނުކުތާއަކީ، ފަރުދީ މިނިވަންކަމާއި މީހާގެ ޒާތީ ޚުޞޫޞިއްޔަތު ރައްކާކުރުމުގެ ފިޔަވަޅުތަކެވެ. އަދި ދެވަނަ ކަމަކަށް، ރައްޔިތަކާ މެދު އިދާރީ ފިޔަވަޅެއް އެޅުމުގެ ބާރު ސަރުކާރާއި ސަރުކާރުގެ އިދާރާތަކުގެ ކިބައިން ނިގުޅައިގަނެ، އެފަދަ ފިޔަވަޅުތައް ނިމުމަކަށް ގެނަސްފައި ވެއެވެ.

ޖުލައި 1 ގައި ޗައިނާގައި ޢަމަލުކުރަން ފަށާފައިވާ، “ޕްރޮވިޜަން އޮން އެޑްމިނިސްޓްރެޓިވް ލޯ އެންފޯސްމެންޓް ޕްރޮސިޖާޒް އޮފް ނެޝަނަލް ސެކިއުރިޓީ އޮރގަންސް” އަކީ ދައުލަތަށް ރައްޔިތަކާ ދެކޮޅަށް ފާރަވެރިވުމަށް، އިންތިހާއަށް ފުޅާ ބާރުތަކެއް ދޭ ޤަވާޢިދެކެވެ.

ސުމޭކުގެ މިޒަމާނުގައި މީހާގެ ހުރިހައި ވަޤުތެއްގެ ހުރިހައި ޢަމަލަކާއި ހުރިހައި ޙަރަކާތެއް ލިޔެވިގެންވާ ލައުޙަކީ، އޭނާގެ އަތުގައި އޮންނަ އިލެކްޓްރޯނިކް އާލާތެވެ. އެއާލާތުގައި ހުންނަ ޓެކްސް މެސެޖާއި، އީމެއިލާއި، ޗެޓްތަކާއި، ޑޮކިއުމެންޓާއި އަޑާއި މަންޒަރުތަކަކީ، އޭނާގެ ބަހާއި ޢަމަލުތަކުގެ ފަތްފުށްތަކެވެ. އެފަދަ އާލާތެއް މުއައްސަސާއެއްގެ އަތަށް އަރައިފިނަމަ، އަދި އެމުއައްސަސާއަކަށް ހައްދެއް ނެތް މިންވަރަށް ބާރުތައް ލިބިފައިވާނަމަ، ކުށްވެރި ނުވާނީ ކޮން ރައްޔިތެއް ހެއްޔެވެ؟

މަތީގައި ބަޔާން ކުރެވުނު ޤަވާޢިދުގެ 40 ވަނަ މާއްދާ ބުނާ ގޮތުން، ދައުލަތުގެ ސަލާމަތީ އިދާރާއެއްގެ އޮފިސަރަކަށް، އެމީހަކު ބޭނުން ވަގުތެއްގައި، (އޮން ދަ ސްޕޮޓް) އެފަދަ އާލާތެއް ފާސްކުރެވި ދާނެއެވެ. އަދި ކުއްލި ހާލަތެއްކަމަށް ބެލެވޭ ޙާލަތެއްގައި، އެއްވެސް އެހެން ފަރާތަކުން ހުއްދައެއް ހޯދާކަށް ލާޒިމެއް ނޫނެވެ!

އެ ޤާވާޢިދުގެ 20 ވަނަ މާއްދާގައި ތަޙުޤީޤަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އިލެކްޓްރޯނިކް ވަސީލަތްތައް ބަޔާންކޮށްފައި ވެއެވެ. އަދި 41 ވަނަ މާއްދާގައި ފާސްކުރެވޭ މީހާގެ މަފްހޫމު ކަނޑައަޅައިދީފައި ވެއެވެ.

އެގޮތުން ފާސްކުރެވޭ މީހާއަކީ، އެ އާލާތެއްގެ ވެރިޔާ ނުވަތަ އެއާލާތެއް ހިފައިގެން ހުރި މީހާ ނުވަތަ އޭގެ ބެލެހެއްޓުން ޙަވާލުކުރެވިފައިވާ މީހާ ކަމަށް ބުނެ، މާނަ ކޮށްދީފައި ވެއެވެ. މިމާނަ ކުރުމުން ފަރުދުންނާއި ޖަމުޢިއްޔާ ޖަމާއަތްތަކަށްވެސް ނުރައްކަލަށް ހުށަހެޅެއެވެ. އަދި އެފަދަ ފާސްކުރުމަކާ ދެކޮޅު ހަދާ ފަރާތެއްނަމަ އެފަރާތެއްގެ އާލާތް ހިފެހެއްޓުމާއެކު އެފަދަ ފަރާތެއްގެ މަސައްކަތް ހުއްޓުވިދާނެއެވެ. މާނައަކީ، ޝައްކު ކުރެވޭ ދެކޮޅުވެރި އަޑެއް ހިންދާލުމަކީ ފަސޭހަ ކަމެކެވެ.

އެހެން އެއްވެސް ރައްޔިތެކޭ އެއްފަދައިން ޗައިނާގެ ރައްޔިތުންނަކީވެސް ޒާތީ ޚުޞޫޞިއްޔަތަށް ލޯބިކުރާ ފަރުދީވަންތަ އިންސާނުންތަކެކެވެ. އެހެންވެ، އެމީހުންވެސް މިވާހަކަތަކަށް ޙައްސާސްވެ ކަންބޮޑުވުން ފާޅު ކުރިއެވެ.

މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ވަނީ ރައްޔިތުންގެ ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. “މިފިޔަވަޅުތަކަކީ، ޖާސޫސް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރުދުންނާއި ޖަމާޢަތްތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތަކެކެވެ. އަދި މިއީ، ދަތުރުކުރާ އާދައިގެ ފަސިންޖަރުންގެ ސްމާޓް ފޯނުތައް އެއާޕޯޓުގައި ފާސްކޮށް ބެލުމުގެ ވާހަކައެއް ނޫނެވެ.!” މަސްއޫލުފަރާތްތަކުން ހާމަކޮށްދީފައި ވެއެވެ. ނަމަވެސް ހައްދެއް ނެތް ގޮތަށް ދެވޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ބިރަކީ އެންމެނަށް ހަމަހަމައަށް އޮންނާނެ ބިރެކެވެ.

ޗައިނާއިން ވަނީ އިޤްތިޞާދީ އަދި ސިޔާސީ އިޞްލާޙުތަކުގައި ޑެން ޝިއާއޮޕިން ގެންގުޅުއްވި ސިޔާސަތުތަކާ ފެއަށް ޖެހިފައެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާ، ބޭރަށް ހުޅުވިފައި އޮތް މުޖުތަމަޢެއް މިހާރު ވަނީ، އެތެރެއަށް ގެނބިފައިވާ ބަންދު މުޖުތަމައަކަށް ވުމުގެ މަގުމަތީގައެވެ. ބޭރުގެ ފިއްތުންތަކުން ވެރިންނަށް އިޙުސާސް ކުރެވޭ ނުތަވަސްކަމާއެކު އިސްތިޤްލާލު ދަމަހައްޓަން ހަރުކަށި ފިޔަވަޅުތަކަށް ޖާގަ ދެވެނީއެވެ.

ބޭރުން ބަޔަކު އެތެރެވެ، ޖާސޫސް ކުރުމުގެ ވިސްނުމަކީ މިހާރުގެ އާންމު ވިސްނުމެކެވެ. 2019ން ފެށިގެން ޤައުމީ މަންހަޖުގައިވެސް އެކަން ހިމަނައި ރައްޔިތުން އެކަމަށް ހާނާފައި ވެއެވެ.

އިންސާނީ ޙައްޤަށް ވާހަކަ ދައްކާ ފަރާތްތަކާއި، ޤާނޫނީ ފަންނުގެ މާހިރުން ވަނީ މިކަންކަމާމެދު ނުތަވަސްކަން ފާޅުކޮށްފައެވެ. ވަކިން ޚާއްސަ ގޮތެއްގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގައި ވިޔަފާރި ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މިކަމުން އިތުރު ނުތަވަސްކަމެއް ލިބިގެން ދެއެވެ.

ޝައްކެތް ނެތް ގޮތުގައި މިފަދަ ފިޔަވަޅުތަކަކީ ބަވަނަ ވަމުންދާ ދުނިޔެއެއްގެ ނިޒާމުގައި ބިނާކުރެވި ދައުރެއް އަދާކުރަން ބައިނަލްއަޤްވާމީ މުޖުތަމަޢިން އެދޭ ޤައުމެއް ކަމުގައިވާ ޗައިނާއާ މެދު ހައްސާސްވާން ޖާގަ ފަހިކޮށްދޭނެ ކަމެކެވެ. ބައިނަލްއަޤްވާމީ ނިޒާމުގައި ޗައިނާގެ ބައިވެރިވުން ނުހަނު މުހިންމުވެފައި މަތިވެރިއެވެ.

އެކަން މިއަދުވެސް ވަނީ ފެނިގެން ގޮސްފައެވެ. ތާއަބަދު ޒުވާބެއްގައި އެއްގަލަށް ނާރާން ހިތު ނިޔަތް ގަނެގެން ތިބި ފަލަސްތީނުގެ ޢަރަބި އަޚުން އަލުން ސުލްހަކޮށް ދިނީ ޗައިނާ އިންނެވެ. ޙުސޭނުގެފާނުގެ ލެއާ ހެދި ހަތުރުންގެ ގޮތުގައި ތިބި ސުންނީ ސަޢޫދީ ޚާންދާންއާއި އީރާނުގެ ޝީޢީން ސުލްޙަކޮށްދިނީވެސް ޗައިނާ އިންނެވެ.

ސުމޭކު ޒަމާނެއްގައި ސުމޭކު އާލާތްތަކުން ދިރިއުޅުން ބައްޓަން ވަމުންދާއިރު އެވަސީލަތްތައް ބޭނުންކޮށްގެން ފަރުދީ މިނިވަންކަމަށް އަރައިގަތުމުން ދުރުތިބީންވެސް ޙައްސާސްވާނެކަން ކަށަވަރެވެ.

ހިއްސާ ކުރައްވާ!