ސުނާކު ފައިބައިގެން ދިޔައީ އިނގިރޭސިން ބިކަކޮށްފައި

އިނގިރޭސިވިލާތުގައި ވެރިކަން ކުރި ބޮޑު ވަޒީރު ރިޝީ ސުނާކު ވެރިކަމުން ފައިބައިގެން ދިޔައީ އިނގިރޭސިން ބިކަކޮށް ނިކަމެތިކޮށްފައެވެ. ޔޫކޭގައި ހަދާފައިވާ އާ ސާވޭއެއްގައި އިނގިރޭސި އާބާދީގެ 53 އިންސައްތަ މީހުން ބުނަނީ މީގެ ފަސް އަހަރު ކުރިން އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ހުރިވަރަށް ވުރެން މިދިޔަ 5 އަހަރު އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެފައިވާ ކަމަށެވެ.

އިނގިރޭސި ނޫސް އެޖެންސީ ބީއޭމީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާވޭގައި ބައިވެރިވި މީހުންގެ ކޮންމެ 10 މީހުންގެ ތެރެއިން 6 މީހުން (%59) ބުނީ އާ ސަރުކާރާ މެދު އިތުބާރު އޮތް ކަމަށެވެ. އަދި ލޭބާ ސަރުކާރުން އިސްކަންދޭނީ އެމީހުންގެ މާލީ ދުޅަހެޔޮކަން އިތުރުކުރުމަށް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމަށްވެސް އެމީހުން ގަބޫލުކުރާ ކަމަށެވެ.

އިނގިރޭސިވިލާތުގެ އެތެރޭގައި އަގުތައް އަޅާކިޔާ ވެބްސައިޓެއް ކަމަށްވާ ކޮމްޕެއާ ދަ މާކެޓުގެ ބޭނުމަށް ކުރިއަށް ގެންދިޔަ ސާވޭގައި މުޅި އިނގިރޭސިވިލާތުގައި 6،000 މީހުން ބައިވެރިކޮށްފައި ވެއެވެ. ސާވޭގައި ބައިވެރިވި މީހުންގެ 67 އިންސައްތަ މީހުން ވަނީ ދަތުރުފަތުރު ކުރުމުގައި އަގުހެޔޮ ގޮތްތައް ހޯދާކަމަށް ބުނެފައެވެ. އަދި އުޅަނދު ގެންގުޅޭ މީހުންގެ ބަޔާޅީސް އިންސައްތަ މީހުން ބުނެފައި ވަނީ މިދިޔަ 5 އަހަރުގެ ތެރޭގައި އެމީހުންނަށް އުޅަނދުގެ އިންޝޫރެންސް ފައިސާ ދެއްކުމުގެ ޤާބިލުކަންވެސް ކުޑަވެގެން ދިޔަކަމަށެވެ. 27 އިންސައްތަ މީހުން ބުނެފައި ވަނީ އުޅަނދުގެ އިންޝުރެންސް ޚަރަދު ކުޑަ ކުރުމުގެ ގޮތުން ޗުއްޓީއަށް ހޭދަކުރާ ވަގުތު ކުޑަކޮށްފައިވާ ކަމަށެވެ. އަދި 25 އިންސައްތަ މީހުން ބުނެފައި ވަނީ ބޭރަށް ގޮސްގެން ކާނާކާ ނިސްބަތްވެސް މަދުކޮށްފައިވާ ކަމަށެވެ. އަދި 18 އިންސައްތަ މީހުން ބުނެފައި ވަނީ ގެއަށް ބޭނުންވާ ކާނާގެ ސާމާނު ގަތުމަށް ދޭ އޯޑަރުތައް މިހާރު މަދުކޮށްފައިވާ ކަމަށެވެ.

ޔޫކޭގައި މިހާރު އިންފްލޭޝަން އުޅެނީ 2 އިންސައްތައިގައެވެ. އަދި ޔޫކޭގެ އިޤްތިޞާދު މިއަރު ކުރިއަރާނީ 0.8 އިންސައްތައިގައެވެ.

ހިއްސާ ކުރައްވާ!