އެންމެ ދިގު މުއްދަތަކަށް މިފަހުން ގަވަރުނަރުގެ މަޤާމު އަދާކުރެއްވީ ކޮން ބޭފުޅެއް

ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން  އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އަޙުމަދު މުނައްވަރު ޢައްޔަން ކުރުމަށް މިއަދު މަޖިލީހުން ރުހުން ދީފިއެވެ. މިހާރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަޤާމުގައި ހުންނެވި އަދި ކުރިންވެސް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ މުނައްވަރު، އެމަޤާމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައި ވަނީ ޢަލީ ހާޝިމް މަޤާމުން ވަކި ކުރުމަށްފަހުއެވެ.

މަޖިލީހުގެ ވޯޓަށް ހާޒިރުވި 78 މެންބަރުންގެ އިއްތިފާޤުން މުނައްވަރު، ގަވަރުނަރުގެ މަޤާމަށް ހަމަޖެއްސުމަށް ނިންމެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ފާހަގަ ކުރެއްވި ގޮތުގައި މުނައްވަރަށް އެވްރެޖްކޮށް 70 އަށް ވުރެން މަތިން މާކްސް ލިބިވަޑައިގެންފައި ވެއެވެ.

ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް މަޤާމުން ވަކިކޮށްފައިވަނީ، އިޤްތިޞާދީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި މާނަހުރި ލަފާތަކެއް ދެއްވާފައި ނުވުމުންނެވެ.

ދިވެހި ފައިސާ ރެގިއުލޭޓްކުރުމާއި، ފައިސާ ދޫކުރުމާއި، މާލީ ހަމަޖެހުން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އެމްއެމްއޭގެ ހަ މެމްބަރުންގެ ބޯޑާ މުނައްވަރު ގުޅިވަޑައިގަންނަވާނީ، 66،000 ރުފިޔާގެ  މުސާރައަކާއެކުގައެވެ.

1981 ވަނަ އަހަރު ފާސްކުރި ޤާނޫނެއްގެ ދަށުން އުފައްދާފައިވާ އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އަވަސްއަވަހަށް ބަދަލުތައް އައިސްފައި ވެއެވެ. މިފަހުން އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމު އެންމެ ދިގު މުއްދަތކަށް އަދާކުރެއްވީ، 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމަޤާމު ފުރުއްވި ފަޒީލް ނަޖީބެވެ. އޭނާއަކީ މިހާރު ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރެވެ.

ހިއްސާ ކުރައްވާ!