އެމެރިކާ މީހުން މަރުގެ އަދަބު ތަންފީޒު ކުރަން ބޭނުމެއް ނޫން

އެމެރިކާގައި ޢާންމުންނާއި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ޝަރުޢީ ދާއިރާގެ މެދުގައި މަރުގެ އަދަބު ދިނުމަށް އޮންނަ މަޤްބޫލުކަން ދަނީ ކުޑަވަމުންނެވެ. މިމައްސަލަ ފާހަގަވެގެން ދިޔައީ މިފަހަކަށް އައިސް، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ނިންމައި އަދި ފަހުން މަތީ މަރުޙަލާތަކުން އެ ޙުކުމްތައް ދަމަހައްޓަން ނިންމާފަހުންވެސް ތަޙުޤީޤަށް ގެއްލިފައިވާ ބައެއް ކޮޅުތައް ހާމަވުމާ ގުޅިގެން އަލުން މަރުގެ ސަޒާއާމެދު ރިޢާޔަތްކޮށް މީހުން ބަރީއަވުން އާންމު ވުމާ ގުޅިގެންނެވެ.

މަރުގެ އަދަބުގެ މައްސަލަތައް ދިރާސާ ކުރާ ޑެތުޕެނަލްޓީ އިންފޮމޭޝަން ސެންޓަރުން ބުނާ ގޮތުގައި މިދިޔަ 30 އަހަރުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ނިޔާ ކަނޑައެޅުމާމެދު ހޭލުންތެރިކަން އިތުރު ވެފައިވެއެވެ.

އެމެރިކާގައި، މިހާރު 29 ސްޓޭޓަކުން މަރުގެ އަދަބު އުވާލާފައިވެއެވެ. ނުވަތަ އިދާރީ ނިންމުމަކުން މަރުގެ އަދަބު މަޑުޖައްސާލާފައި ވެއެވެ. މަރުގެ އަދަބު ނުދިނުމަށް ނޫނީ މަރުގެ އަދަބު މަޑު ޖައްސާލުން 1999ގައި ތަންފިޒު ކުރަމުން ދިޔައީ އެންމެ 12 ސްޓޭޓަކުންނެވެ.

ގޭލަޕް ޖަމުޢިއްޔާއިން ކޮށްފައިވާ ސާވޭއަކުން ދައްކާ ގޮތުގައި މަރުގެ އަދަބު ދެވެނީ އެންމެ އިންސާފުވެރިކޮށް ކަމަށް ބުނާ މީހުންވެސް ވަނީ މިހާރު މަދުވާން ފަށާފައެވެ. އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ދެކޭ ގޮތުގައި މަރުގެ އަދަބު ދެވެނީ އިންސާފަކުންނެއް ނޫނެވެ. އެހެންނަމަވެސް 47 ޕަސެންޓު މީހުން ދެކޭ ގޮތުގައި މަރުގެ އަދަބު ދެވެނީ އިންސާފުވެރިކޮށެވެ. އަދި މަރުގެ އަދަބު ދިނުމަށް ތާއީދުކުރާ މީހުންގެ ނިސްބަތް 1990 ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން އެއްވަރަކަށް ދަށްވަމުން ގޮސްފައިވާ ކަންވެސް ފާހަގަ ވެއެވެ.

މިއަހަރު މަރުގެ އަދަބު ދިނުމަށް ތާއީދު ކުރާ މީހުންގެ ނިސްބަތް އުޅެނީ، 53 ޕަސެންޓްގައެވެ. މިއީ 1972ން ފެށިގެން މިހާތަނަށް މިއަދަދު މިހާވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގައި 20 އަހަރުގެ ތެރޭގައި މަރުގެ އަދަބު ދިނުން ތަންފީޒު ކުރާ ނިސްބަތްވެސް ދަށްވެފައި ވެއެވެ. އެގޮތުން ބަލާއިރު، 1999 ވަނަ އަހަރު 98 މީހުންނަށް މަރުގެ އަދަބު ދީފައިވާއިރު، 2021ގައި މަރުގެ އަދަބު ދީފައި ވަނީ އެންމެ 11 މީހަކަށެވެ. އަދި 2022 ވަނައަހަރު 18 މީހުންނަށް އަދި މިދޔަ އަހަރު 24 މީހުންނަށް މަރުގެ އަދަބު ދީފައި ވެއެވެ.

އެމެރިކާގެ ޖަލުތަކުގައި މިހާރުވެސް 2400 މީހުން މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިންތިޒާރުގައި އެބަތިއްބެވެ.

ހިއްސާ ކުރައްވާ!