ޓްރަމްޕްގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބާރުއަޅުއްވާ މަސްއޫލުވެރިޔާ މަގާމުން ދުރުކޮށްފި

ޓްރަމްޕް ހޮވިވަޑައިގެންފިނަމަ، އެމެރިކާގެ ސަރުކާރުގެ ނިޒާމު، ހަރުކަށި ރިއާސީ ނިޒާމަކަށް ބަދަލުކުރުމަށް އެކުލަވާލާފައިވާ، ޕްރޮޖެކްޓް 2025ގެ މޭސްތިރިޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ޓްރަމްޕްގެ ސަޕޯޓަރުން މަޖުބޫރުކޮށްފިއެވެ.

ޕައުލް ޑޭންސްއަކީ ޓްރަމްޕްގެ ސަރުކާރުގައި ވައިޓްހައުސްގައި މުވައްޒަފުންގެ ކަންކަމާ ހަވާލުވެ ހުންނެވި އިސް މުވައްޒަފެވެ. އޭނާ ވަނީ އެމެރިކާގެ ކޮންޒަވެޓިވް ޚިޔާލުގެ ހެރިޓޭޖް ފައުންޑޭޝަނާ ހަވާލުވެ ވަޑައިގެން ޕްރޮޖެކްޓް 2025ގެ ނަމުން ތަފްޞީލީ ޑޮކޮއިމެންޓެއް އެކުލަވާލައްވާފައެވެ. މިއީ، ޓްރަމްޕް ހޮވިވަޑައިގެންފިނަމަ އެމެރިކާ ސަރުކާރަށާއި ވެރިކަމުގެ ނިޒާމަށް ގެންނަންވީ ބަދަލުތަކުގެ ދެލިކޮޕީއެކެވެ.

ޕްރޮޖެކްޓް 2025ގެ ނަމުން މަޝްހޫރުވެފައިވާ ޑޮކިއުމެންޓްގައި ބުނެފައި ވަނީ ކޮންޒަރވެޓިވް ސަރުކާރަކުން، އެމެރިކާ މީހުންގެ ޒާތީ މިނިވަންކަން ހަނިކޮށް، ރައީސްގެ ބާރުގަދަ ކޮށް، ދައުލަތުގެ އެހެން ބާރުތައް ހަނިކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރަންވީ ގޮތްތައްވެސް އޭގައި ބުނެދީފައި ވެއެވެ.

ޑޭންސް އެންމެ ފަހުން ލިޔެފައިވާ ފޮތުގެ އިސްބަސްވެސް ލިޔެ ދެއްވީ ޓްރަމްޕްގެ ރަނިންމޭޓެވެ. އޭނާވެސް ވަނީ ޕްރޮޖެކްޓް 2025ގައި ބުނެފައިވާ ކަންކަމަށް ބާރު ލިބޭގޮތަށް އިސްބަހުގައި ލިޔުއްވާފައެވެ.

އެމެރިކާގެ ސިޔާސީ ފަންތީގެ މީހުން ވަނީ މި ޚިޔާލުތަކާއެކު ޓްރަމްޕް ވެރިކަމަށް ވަޑައިގެންފިނަމަ އެމެރިކާގެ ޒާތީ މިނިވަންކަން މިހާރު އެއޮތްގޮތުގައި ނޯންނާނެ ކަމަށް ބުނެ އިންޒާރުކޮށްފައެވެ.

ޑޭންސް މަޤާމުން އިސްތިއުފާ ދެއްވުމަކީ، ޑިމޮކްރެޓްސްއާއި ކަމެލާ ހެރިސްއަށް ލިބިވަޑައިގަންނަވާ  ކާމިޔާބީއެކެވެ.

ހިއްސާ ކުރައްވާ!