ހަނގުރާމައިގެ ޖަރީމާއެއްގައި އެމެރިކާއިން ކުށްވެރިކުރި ހަމައެކަނި މުޖުރިމު މަރުވެއްޖެ

ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ ސިފައިން ހިންގި ޤަތުލުއާންމުގައި އިސްވެ ހުރި މުޖުރިމު އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. ވިލިއަމް ލޯސް ކެލީ އަކީ، 20 ވަނަ ޤަރުނުގައި އެމެރިކާ ސިފައިން ހިންގާފައިވާ އެތައް ޤަތުލުއާންމެއްގެ ތެރޭން ކުށްވެރިއެއްކަމަށް ކަނޑައެޅި ހަމައެކަނި މީހާއެވެ.

މި ޖަރީމާއަކީ ވިއެޓްނާމްގެ މައި ލައި ގައި އެމެރިކާ ސިފައިން 16 މާރޗް 1968 ގައި ހިންގާގައިވާ ހަނގުރާމައިގެ ޖަރީމާއެކެވެ. މި ހަނގުރާމައިގެ ޖަރީމާގައި މީހުން މެރުމާއި އަންހެނުން ރޭޕް ކުރުމާއި ކުޑަ ކުދިން ރޭޕްކޮށް މެރުން ހިމެނެއެވެ. މި އަނިޔާވެރިކަމުގެ ޝިކާރައަކަށްވި އެންމެ ކުޑަ ކުއްޖާގެ އުމުރަކީ 10 އަހަރެވެ.

ޝަރީއަތުގައި ކެލީ ބުނެފައި ވަނީ އޭނާ ދިޔައީ ވެރިން އެންގި އަމުރުތަކަށް ތަބާވަމުންނެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުން ބުނެފައި ވަނީ އޭނާ ވަނީ އެރަށު މީހުންގެ ގަޔަށް ބަޑިޖެހުމަށް އެހެން މީހުންނަށް ހިތްވަރު ދީފައެވެ.

ދެކުނު ވިއެޓްނާމްގެ މައި ލައި ޤަތުލުއާންމުގައި އެމެރިކާ ސިފައިން 347 އާއި 504 އާ ދެމެދުގެ އަދަދަކަށް ވިއެޓްނާމުގެ އާންމުން މަރާލާފައިވެ އެވެ. މީގައި އެމެރިކާ ސިފައިންގެ ފައުޖުގެ އެތައް ޔުނިޓެއް ބައިވެރިވިއެވެ. ވިއެޓްނާމްގައި މި ޤަތުލުއާންމަށް ކިޔަނީ ސަން މޮސް ޤަތުލުއާންމެވެ.

އެމެރިކާ ސިފައިން ވަނީ އެތައް އަންހެނުން ގޭންގް ރޭޕްކޮށް ދިރިތިއްބައި އެމީހުންގެ ގައިގައި ވަޅިއައި ވޭންދެނިވި ގޮތަކަށް އެމީހުން މަރާލާފައެވެ. މި ޖަރީމާތަކުގައި 26 ސިފައިންގެ މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވީ ޕްލެޓޫން ލީޑަރެއް ކަމަށްވާ ލެފްޓިނެންޓް ވިލިއަމް ކެލީ ގެ މައްޗަށް އެކަންޏެވެ.

އޭނާގެ މައްޗަށް ސާބިތުވީ އެ ރަށުގެ 22 މީހުން މަރާލި ކަމުގެ ދައުވާއެވެ.

ހަނގުރާމައިގެ ޖަރީމާ ހިންގިކަން ސާބިތުވެ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޙުކުމެއް އިއްވި އެވެ. ނަމަވެސް އެމެރިކާގެ ރައީސް ރިޗާޑް ނިކްސަން ވަނީ އޭނާގެ ޙުކުމް ލުއިކޮށް ދެއްވައި، 3 އަހަރާ ބައިގެ ގޭ ބަންދަށް ބަދަލުކޮށް ދެއްވާފައެވެ.

ހިއްސާ ކުރައްވާ!