ޒަޔަނިސްޓުން ހައްޔަރު ކުރުމުގެ ބާރު އައިސީސީއަށް ލިބޭކަމަށް ބުނެފި

ހަނގުރާމައިގެ ޖަރީމާތައް ހިންގައި މުޅި އިންސާނިއްޔަތު ސިއްސުވާލި ޒަޔަނިސްޓުންގެ ލީޑަރުން ހައްޔަރު ކުރުމަށް ސަޕޯޓުކޮށް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އެތައް ޤައުމަކާއި ޖަމުޢިއްޔާ ޖަމާޢަތަކުން ވަނީ ނިމިދިޔަ ހަފްތާގައި، އިލްތިމާސްތަކެއް ހުށަހަޅާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ، ޒަޔަނިސްޓުންގެ ބޮޑު ވަޒީރާއި، ދިފާއީ ވަޒީރާއި އެހެން އިސް މަސްއޫލުވެރިން ހައްޔަރު ކުރުމަށް އަމުރު ނެރުމުގެ އިޚުތިޞާޞް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ލިބިގެންވާކަމަށެވެ.

އިރާޤާއި އަފްޣާނިސްތާނާއި ގުއަންތަނާމޯއާއި އަދި ކުރިން ވިއެޓްނާމާއި ޖަޕާނާއި ޖަރުމަންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ އެމެރިކާއިން ބުނެފައި ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ނަތަންޔާހޫއާއި އައުވާނުންގެ ޝަރީޢަތް ކުރުމުގެ އިޚުތިޞާޞެއް ލިބިގެން ނުވާނެ ކަމަށެވެ.

ނޯރވޭއިން ބުނެފައި ވަނީ އިޒްރޭލުން ފަލަސްޠީނާއެކު އޮސްލޯ މުޢާހަދާ ސޮއިކޮށްފައި ވުމާއެކު އޮޓޮމެޓިކުން ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ބެލުމުގެ އިޚުތިޞާޞް އެކޯޓަށް ލިބިދޭ ކަމަށެވެ. އަދި ނޯރވޭއިން ވަނީ އެކަމާ ބެހޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައެވެ. އެއަށްފަހު ޒަޔަނިސްޓް ސަރުކާރުން ވަނީ، ފަލަސްޠީނުގެ ސަރަހައްދުގައި ނޯރޭގެ ޑިޕްލޮމެޓުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެމީހުންގެ ހުއްދަތައް ބާޠިލުކޮށްފައެވެ.

އިޒްރޭލްގެ އަމަލާމެދު ނުރިގެން އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ކަން ކުރާ ގޮތުން ސުލްޙްމަސަލަސްކަން ގެއްލޭ ކަމަށެވެ.

ހިއްސާ ކުރައްވާ!