އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް، 1990ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ލިޔުންތެރިޔާ އަދި ކޮލަމިސްޓް އީ. ޖީން ކެރޯލްއަށް ޖިންސީ ގޮތުން ގޯނާކޮށް، ފަހުން އޭނާގެ އަބުރު ކަތިލި ކަމަށް ޖޫރީއަކުން ނިންމި މައްސަލާގައި، ޓްރަމްޕްގެ އަތުން ލިބެންޖެހޭ ގާތްގަނޑަކަށް 5.8 މިލިއަން ޑޮލަރު ވަގުތުން ނަގައިދިނުމަށް އެދި ކެރޯލް ފެޑެރަލް ކޯޓަށް ހުށަހަޅައިފި އެވެ.
މެންހަޓަންގެ ފެޑެރަލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ކެރޯލްގެ ވަކީލުން ބުނެފައިވަނީ، 2023 ވަނަ އަހަރުގެ މަދަނީ ހުކުމް އިސްތިއުނާފް ކުރުމަށް ޓްރަމްޕް ހުށަހެޅުއްވި މައްސަލަ ބެލުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މި ހަފްތާގައި ދެކޮޅު ހެދުމާ ގުޅިގެން، ފައިސާ ނުދައްކައި ލަސްކުރުމަށް ޓްރަމްޕް ކުރެއްވި ހުރިހާ މަސައްކަތްތަކެއް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ކޯޓުން ފުރަތަމަ ނަގައިދޭން ނިންމި 5 މިލިއަން ޑޮލަރުގެ ބަދަލު، އިންޓްރެސްޓާ އެކު މިހާރު ވަނީ 5.8 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ކެރޯލްގެ ވަކީލުން ވިދާޅުވި ގޮތުގައި މި ފައިސާ ދެއްކުން އިތުރަށް ލަސްކުރާނެ އެއްވެސް ގާނޫނީ އަސާސެއެއް ނެތެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދުމަށް ޓްރަމްޕްގެ ގާނޫނީ ޓީމުން ވިސްނަމުންދާ ދަނޑިވަޅެއްގައި ވެސް، ޓްރަމްޕް ދަނީ ފާޅުގައި ކެރޯލްއަށް ބަހުގެ ހަމަލާތައް ދެމުން ކަމަށް ވަކީލުން ތުހުމަތު ކުރެއްވި އެވެ.
"އޭނާ ކެރޯލްއަށް ފައިސާ ދައްކަންޖެހޭ ވަގުތު މިއޮތީ ޖެހިފައި،" ވަކީލުން ކަމަށްވާ ރޮބާޓާ ކަޕްލާން، ޑީ. ބްރެންޑަން ޓްރައިސް އަދި މެކްސިމިލިއަން ޓީ. ކްރެމާ ކޯޓަށް ހުށަހެޅި ލިޔުމުގައި ލިޔުއްވާފައިވެ އެވެ.
ފެޑެރަލް ޖޫރީއަކުން 2023 ގައި ނިންމާފައިވަނީ، 1996 ގެ ބަހާރު މޫސުމުގައި މެންހަޓަންގެ ޑިޕާޓްމަންޓް ސްޓޯރެއްގެ ހެދުން ބަދަލުކުރާ ކޮޓަރިއެއްގެ ތެރޭގައި ކެރޯލްއަށް އެމެރިކާގެ ރައީސް ޓްރަމްޕް ޖިންސީ ގޮތުން ގޯނާކުރި ކަން ސާބިތުވާ ކަމަށާއި އަދި 2019 ގައި ކެރޯލް އެ ތުހުމަތު ބޭޒާރު ކުރުމުން އޭނާގެ އަބުރު ކަތިލި ކަމުގެ މަސްއޫލިއްޔަތު ޓްރަމްޕް އުފުލަންޖެހޭނެ ކަމަށެވެ. ނަމަވެސް، ނިއު ޔޯކްގެ ގާނޫނުގެ ދަށުން ރޭޕްގެ ކުށުގައި ޓްރަމްޕް ކުށްވެރިއެއް ނުވެ އެވެ.
ޓްރަމްޕް އަބަދުވެސް ދަނީ ކެރޯލްގެ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ކެރޯލްއަކީ ދުވަހަކުވެސް ދެނެވަޑައިގަންނަވާ މީހެއް ނޫން ކަމަށެވެ. އަދި ކެރޯލް އެ ވާހަކަ ހަދައިގެން އުޅެނީ މަޝްހޫރުކަން ހޯދުމަށާއި ސިޔާސީ ބޭނުމަކަށް ކަމަށް ވިދާޅުވެ، މިއީ ސިޔާސީ ގޮތުން އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށް ޓްރަމްޕް ސިފަކުރައްވަ އެވެ.
ސުޕްރީމް ކޯޓުން އޭނާގެ އިސްތިއުނާފް މައްސަލަ ބޭރުކޮށްލުމުން، ޓްރަމްޕް ވަނީ މިއީ "ގާނޫނު ހަތިޔާރަކަށް ހަދައިގެން ހިންގާ ހަނގުރާމައެއް" ކަމަށް ސިފަކުރައްވައި، މިއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިއަށް އޮތް ތަނުގައި ވެސް ހަނގުރާމަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކެރޯލްގެ ވަކީލުން ހާމަކުރި ގޮތުގައި، ޓްރަމްޕް އެ ޕޯސްޓް ކުރެއްވިތާ މާގިނައިރެއް ނުވެ އޭނާގެ ވަކީލުން ވަނީ ކެރޯލްގެ ޓީމަށް ގުޅައި، ސުޕްރީމް ކޯޓަށް މުރާޖައާ ފެޓިޝަނެއް ހުށަހަޅާ މުއްދަތުގައި ފައިސާ ދޫކުރުން އަދިވެސް ލަސްކޮށްދިނުމަށް އެދިފަ އެވެ.
ނަމަވެސް ވަކީލުން ބުނީ މީގެ ކުރިން ވެސް ފައިސާ ދެއްކުން ލަސްކުރުމަށް އެތައް ފަހަރަކު އެއްބަސްވެވިފައިވާނެ ކަމަށާއި، ޓްރަމްޕްގެ ގާނޫނީ ގޮންޖެހުންތައް ނާކާމިޔާބުވެފައިވާތީ، އިތުރަށް ދޫދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މެންހަޓަންގެ އެހެން ޖޫރީއަކުން ކެރޯލްގެ އަބުރު ކަތިލުމުގެ ބަދަލެއްގެ ގޮތުގައި ޓްރަމްޕްގެ މައްޗަށް ކަނޑައެޅި 83.3 މިލިއަން ޑޮލަރުގެ ބަދަލު ވަކި މައްސަލައެއް ވެސް ޓްރަމްޕްގެ ފަރާތުން ދަނީ އިސްތިއުނާފް ކުރަމުންނެވެ. އެ މައްސަލާގައި ޖޫރީން ނިންމާފައިވަނީ، ޓްރަމްޕް ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ކެރޯލްއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރެވެ.







