އާންމު އުސޫލަކީ ކަފާލާތުގެ ދަށުން ދޫކުރުން، ވާނުވާގައި ބޭންދުމަކީ އިސްތިސްނާއެއް: އިންޑިއާގެ ސުޕްރީމް ކޯޓު

17 މަސް ދުވަސްވަންދެން ވާނުވާ ބަންދެއްގައި ހުންނެވުމަށްފަހު، އިންޑިއާގެ ސިޔާސީ ލީޑަރަކު ކަފާލާތުގެ ދަށުން، ޖަލުން މިނިވަންކޮށް، އިންޑިއާގެ ސުޕްރީމު ކޯޓުން ވާނުވާ ބަންދާމެދު ޙުކުމެއް އިއްވައިފިއެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ވާނުވާ ބަންދުގެ މައްސަލާގައި ކޮށްފައިވާ ޙުކުމުގައި ރިޢާޔަތް ކޮށްފައި ވަނީ 1977 ވަނަ އަހަރު ކޮށްފައިވާ ޙުކުމަކަށެވެ. އެޙުކުމްގައި ގާއިމްކޮށްފައިވާ ނަޒަރިއްޔާއަކީ، “އާންމު ޤަވާޢިދަކީ ކަފާލަތުގެ ދަށުން ދޫކުރުން ކަމަށާއި، ޖަލު ބަންދުގައި ބެހެއްޓުމަކީ އިސްތިސްނާ ޙާލަތެއް” ކަމަށެވެ. އެމައްސަލައަކީ ބާލްޗަންދުއާ ދެކޮޅަށް ރާޖަސްތާން ސަރުކާރުން ދަޢުވާކުރި މައްސަލައެކެވެ.

ސުޕްރީމް ކީޓުން ފައިސަލާކޮށްފައިވާ މައްސަލައަކީ، އިދިކޮޅު އާންމު އާދަމީ ޕާޓީގެ ލީޑަރު އަދި ދިއްލީ ސަރުކާރުގެ ކުރީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާއާ ދެކޮޅަށް ހުށަހެޅިފައިވާ މަނީ ލޯންޑަރިންގއާއި ޚިޔާނާތުގެ މައްސަލާގައި، ޙުކުމަކާ ނުލައި 17 މަސްވަންދެން އޭނާ ބަންދުގައި ބެހެއްޓި މައްސަލައެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމުން ޖަލުން ބޭރުގައި ހުރެގެން ބުނެފައި ވަނީ އިންޑިއާގެ ޤާނޫނުއަސާސީއަށާއި ޤާނޫނުއަސާސީ ފަރުމާކުރެއްވި އަމްބެޑްކާރަށް ޝުކުރުވެރިވާ ކަމަށެވެ.

1977 ވަނަ އަހަރުގެ ޙުކުމުގައި ބަޔާންކޮށްފައި ވަނީ، ކަފާލާތުގެ ދަށުން މީހަކު ދޫކުރުމަށް އިންކާރު ކުރަން ޖެހޭނީ، ދައުވާ ލިބޭ މީހާ ޝަރީޢަތަށް ފިލައިގެން ދިއުމުގެ ބިރެއް އޮތުމާއި، އިންސާފަށް ހުރަސް އަޅާފާނެ ކަމުގެ ބިރެއް އޮތުމާއި، ކުށްތައް ތަކުރާރު ކޮށްފާނެ ކަމުގެ ފުރުޞަތެއް އޮތުން ނުވަތަ ހެކިންނަށް ބިރުދެއްކުމުގެ ނުރައްކަލެއް އޮތް ހާލަތެއްގައި ކަމަށެވެ.

މި ޙުކުމަށްފަހު، އެހެން އެތައް މައްސަލައެއްގައި މި ނަޒަރިއްޔާ ބޭނުންކޮށްފައިވާއިރު، ވާނުވާ ބަންދަކީ، މީހާގެ ޒާތީ މިނިވަންކަން ދެމެހެއްޓުމުގެ އަސާސަށް ހުރަސްއަޅާ ކަމެއް ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ކަފާލާތު ދޭން ބަލާއިރު، އެކުށެއްގެ ކުޑަބޮޑު މިނަށް ރިޢާޔަތް ކުރުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ކުރި ޙުކުމްގައި ބުނެފައި “ކަފާލާތުގެ ދަށުން ދޫކުރުމަކީ އާންމު އުޞޫލުކަމަށާއި އަދި ވާނުވާޖަހާފައި ޖަލުގައި ބެހެއްޓުމަކީ އިސްތިސްނާ ޙާލަތެއް” ކަމަށް ދަށު ކޯޓުތަކާއި ހައިކޯޓުތަކުން މިހާރު ޤަބޫލު ކުރަން ވެއްޖެ ކަމަށެވެ.

ފަނޑިޔާރު ބީ އާރް ގަވާއި އާއި، ކޭ ވީ ވިޝްވަނާތަން ބައިވެރިވެ ވަޑައިގަތް ބެންޗަކުން ވިދާޅުވީ ކަފާލާތަށް އެދިފައިވާ ގިނަ ޢަދަދެއްގެ މައްސަލަތަކެއް ސުޕްރީމް ކޯޓަށްވެސް ހުށަހެޅި، ފުނިޖެހިފައިވާ ކަމަށެވެ. އަދި 17 މަސްވަންދެން ވާނުވާގައި ބެހެއްޓުމުން، ސިސޯޑިއާއަށް އަވަށް ގޮތަކަށް އިންސާފު ލިބުމުގެ ޙައްޤުން މަހުރޫމްވެފައިވާކަންވެސް 38 ސަފުހާގެ ޙުކުމްގައި ބުނެފައިވެ އެވެ.

“ޝަރީއަތް ހިންގާ ކޯޓުތަކާއި ހައިކޯޓުތަކުން ވެސް ‘ކަފާލާތަކީ އުސޫލެއް އަދި ޖަލަކީ އިސްތިސްނާ’ ކަމަށް ބުނާ އުސޫލު ބަލައިގަންނަންވީ ވަގުތު ޖެހިއްޖެ،” އެ ލިޔުމުގައިވެ އެވެ.

އެ ބެންޗުން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ގޮތުގައި، ކުށެއް ސާބިތުވުމުގެ ކުރިން ގިނަ ދުވަހަށް ޖަލުގައި ބެހެއްޓުމަކީ، “ޝަރީއަތެއް ނެތި މީހާއަށް އަދަބު ދިނުމެއް” ކަމަށް ހެދުމަށް ލިބޭ ހުއްދައެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ސިސޯޑިއާގެ މައްސަލައަށް އިޝާރާތްކޮށް ބެންޗުން ބުނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާއި އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ހުށަހެޅި މައްސަލަތަކުގައި ޖުމްލަ 493 ހެކިން ހުށަހަޅާފައިވާ ކަމަށާއި، އަދި އޭގެ އިތުރުން، މި މައްސަލަތަކުގައި އެތައް ހާސް ޞަފްޙާއެއްގެ ކަރުދާހުގެ ލިޔެކިޔުންތަކާއި ލައްކައަކަށް ވުރެ ގިނަ ޞަފްޙާގެ ޑިޖިޓަލް ލިޔެކިޔުންތައް ހިމަނާފައިވާ ކަމަށެވެ. އަދި މިހުރިހައި އެއްޗެއް ދިރާސާކޮށްގެން، ކައިރި މުސްތަޤްބަލެއްގައި ޝަރީޢަތެއް ބާއްވައި  އިންޞާފަށް ދިއުމަށް ފުރުޞަތެއް ނެތް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އިންޑިއާގެ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ސިސޯޑިއާއަށް  ލިބިފައިވާ އަސާސީ މިނިވަންކަމުގެ ޙައްޤު ނިގުޅައިގެން ނުވާނެ ކަމުގައި ބެންޗުން ކުރި ޙުކުމްގައި ބުނެފައި ވެއެވެ.

ސިސޯޑިއާ، ކަފާލާތުގެ ދަށުން ދޫކޮށްފައި ވަނީ، އެއް މިލިއަން ރުޕީސްގެ ބެއިލް ބޮންޑަކާއި އެޢަދަދަށް ދެ ފަރާތަކުން ޔަޤީންކަން ދީގެންނެވެ.

ދިއްލީގެ ކުރީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު، ސީބީއައި އިން ހައްޔަރުކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!