ޔަހޫދީން ހިންގާ ޤަތުލުއާންމަށް އެމެރިކާއިން ވާގިވެރިވެ ހަނގުރާމައިގެ ޖަރީމާތައް ހިންގާ: ސީއެންއެން

ޣައްޒާގައި އައްތާބިޢީން ސުކޫލުގައި ނަމާދަށް ތިބި މިހުންގެ ޤަތުލުއާންމު ހިންގުމުގައި އެމެރިކާ ބައިވެރިވެ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ސީއެންއެންއިން ބުނެފިއެވެ. ސީއެންއެންގެ ނޫސްވެރިޔާ އެލެގްރާ ގުޑްވިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްތާބިޢީން ސްކޫލަށް އިޒްރޭލުން ދިން ޙަމަލާގައި ބޭނުން ކޮށްފައި ވަނީ އެމެރިކާއިން އުފައްދާފައިވާ ޖީބީޔޫ-39 ގެ ބޮންތައް ކަމަށެވެ.

ޤަތުލުއާންމު ހިންގުމުގައި އެމެރިކާއިން ސަޕްލައި ކޮށްފައިވާ ޖީބީޔޫ 39ގެ ބޮން ޔަހޫދީން މީގެ ކުރިންވެސް ބޭނުންކޮށްފައި ވެއެވެ.

ހަތިޔާރާއި މާލީ އެހީތެރިކަން ދީގެން، ފަލަސްޠީނު މީހުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގައި ނސްލު ނައްތާލުމަށް އެމެރިކާއިން ޔަހޫދީންނަށް ވާގިވެރިވެއެވެ. ފަލަސްޠީނުގެ ބިންތައް ހިފައި އެތަންތާގައި ޔަހޫދީން ވަޒަންވެރިކުރުމަށް އެންމެ ގިނައިން މާލީ އެހީ ވެދޭ ފަރާތަކީ އެމެރިކާއެވެ. އެމެރިކާއިން އިޒްރޭލަށް ކޮންމެ އަހަރަކު ފައިސާއާއި ހަތިޔާރުގެ ގޮތުގައި ފަސް ބިލިއަން އެމެރިކާ ޑޮލަރު ފޯރުވައި ދެއެވެ. 7 އޮކްޓޯބަރުގައި ފަލަސްޠީނު މިނިވަން ކުރުމަށް ޙަމާސްއިން ދިން ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިޒްރޭލަށް 10 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކޮންގްރެސްއަށް ހުށަހަޅާފައެވެ.

ޖުލައި މަހުވެސް ޒަޔަނިސްޓު ޔަހޫދީ ސިފައިން ވަނީ އެމެރިކާއިން ދީފައިވާ ޖީބީޔޫ 39ގެ ބޮން ބޭނުން ކޮށްގެން ޤަތުލުއާންމެއް ހިންގާފައެވެ. އެ ޤަތުލުއާންމުގައި 40 މީހަކު ޝަހީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި 14 ކުޑަ ކުދިން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައި ވެއެވެ. މި ޤަތުލުއާންމުގައި އެމެރިކާއިން އުފައްދާފައިވާ ޖީބީޔޫ39 ބޭނުން ކުރިކަން ކަށަވަރު ކޮށްދީފައި ވަނީ ވޮޝިންޓަން ޕޯސްޓުންނެވެ.

އެމެރިކާއިން ފަލަސްޠީނުގައި ޤަތުލުއާންމު ހިންގުމަށް އިޒްރޭލަށް ހަތިޔާރު ދެމުންދާ ކަމަށް ބުނެ އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ރިޕޯޓެއް ނެރެފައެވެ. އެމެރިކާއިން ސަރުކާރާ މީޑިއާއިން ސުއާލު ކުރުމުން ބުނެފައި ވަނީ އެކަން ދިރާސާ ކުރަމުންދާ ކަމަށެވެ.

އެމެރިކާއަކީ ލީބިޔާއާއި ޢިރާޤާއި އަފްޣާނިސްތާނުގައި ޤަތުލުއާންމު ހިންގައިފައިވާ ޤައުމެކެވެ. އަދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އެމެރިކާ ބައިވެރި ނުވާތީ އެމެރިކާގެ މައްޗަށް އެކޯޓުގެ އިޚުތިޞާޞް ނެތް ކަމަށް ބުނާ ޤައުމެކެވެ. އެމެރިކާއިން ޤައުމުތަކާއެކު އަސްކަރީ އެއްބަސްވުންތައް އެކުލަވާލާއިރު ލާޒިމް ކުރަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އެމެރިކާއާ ދެކޮޅަށް ޙުކުމެއް ނުވަތަ އަމުރެއް ނެރުނު ކަމުގައިވިއަސް އެޤައުމަކުން އެމެރިކާއާ ދެކޮޅަށް އެ އަމުރެއް ތަންފީޒު ނުކުރެވޭ ގޮތަށް އެމެރިކާ ސިފައިންނާއި މަސްއޫލުވެރިންނަށް ޙިމާޔަތް ލިބޭ ގޮތަށް އެއްބަސްވާން ޖެހޭ ގޮތަށެވެ.

ޔަހޫދީ ޒަޔަނިސްޓު ސިފައިން ފަލަސްޠީނުގެ ޤަތުލުއާންމު ހިންގުމަށް ބޭނުންކުރާ ޖީބީޔޫ 39 ބޮމަކީ އެމެރިކާގެ ބޯއިންގ ކުންފުނިން އުފައްދާ ބޮމެކެވެ.

އަރަބް އެމެރިކަން އިންސްޓިޓިއުޓްގެ ކޯ ފައުންޑަރު އަދި ރައީސް ޖޭމްސް ޒޮގްބީ ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވަނީ އެމެރިކާއިން ސުލްޙައޭ ކިޔައިގެން ވާހަކަ ދައްކާއިރު އިޒްރޭލުން ދަނީ ފަލަސްތީނު މީހުންގެ ނަސްލު ނައްތާލައި އެމީހުން މާޔޫސް ކުރަމުންނެވެ. އަދި އޭނާ ވިދާޅުވީ އިޒްރޭލުން ސުލްހަ ވާކަށް ނުވަތަ ހަނގުރާމަ ހުއްޓާލާކަށްވެސް ބޭނުމެއް ނޫންކަމަށެވެ. އަދި އެމެރިކާ ސަރުކާރުން އިޒްރޭލަށް ހަތިޔާރު ފޯރުވައި ދެނީ ކީއްވެގެންތޯ އޭނާ ސުއާލު ކުރައްވައެވެ.

ސީއެންއެން އިން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ތަޙުލީލު ކުރުމަށްފަހު، ގޮވާތަކެތީގެ ތަޖުރިބާކާރުން ބުނެފައި ވަނީ ޖީބީޔޫ39 އަކީ ދަތިތަންތަނަށް ހަމަލަ ދިނުމަށާއި އަމާޒަށް ހަމަލަ ފޮނުވާލުމަށް ބޭނުންކުރާ ޒާތުގެ ބޮމެއް ކަމަށެވެ. ޖީބީޔޫ39 އިން އުފުލައިދޭ ބޮމުގައި، 2 ހާސް ރާތަލުގެ ގޮވާތަކެތީގެ ބޮލެއް ހުންނާނެއެވެ.

ޔަހޫދީ ޒަޔަނިސްޓު ސިފައިން ފަލަސްޠީނުގެ ޤަތުލުއާންމު ހިންގުމަށް ބޭނުންކުރާ ޖީބީޔޫ 39 ބޮމަކީ އެމެރިކާގެ ބޯއިންގ ކުންފުނިން އުފައްދާ ބޮމެކެވެ.
ހިއްސާ ކުރައްވާ!