ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކަކީ، ދިވެހި ދައުލަތާ އެއް ޢުމުރެއްގެ ދޮށީ ވާހަކައެކެވެ. ކޮންމެ ވެރިކަމަކާއެކު ވެސް ކޮރަޕްޝަންގެ މައްސަލަތައް އިޞްލާޙު ކުރުމަށް ވަޢުދުވުމާއި، ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަޤީންކަމާއެކު ރައްޔިތުންނަށް ދަޅަތަކެއް ދައްކައެވެ. ނަމަވެސް، މިއުޒިކަލް ޗެއާއެއްގައި ގޮނޑިއަށް ކުޅޭ މީހާ ބަދަލުވާ ފަދައިން ބަދަލުތަކެއް އައިސް، ކޮރަޕްޝަންގެ ސިލްސިލާ އޭގެ ގޮތުގައި ދެމިގެން ދެއެވެ.
ކޮރަޕްޝަނަށް މަގުކޮށްދީ އެކަން އިންޖިނިއަރ ކޮށްދިން މީހުން އެމީހުންގެ މަސައްކަތުގައި ދެން އަންނަ ބަޔަކަށް އަތް ގާތްކޮށްދީ، އެކަން ފަހިކޮށް ދިނުމުގައި ދެމި ތިބެއެވެ. އެހެންވެ، ފަސާދައަށް މަގު ފަހިކޮށްދޭ ބުރު ބަދަލުކޮށްލުން އޮންނަނީ މުސްތަޙީލު ކަމަށްވެފައެވެ.
މި ދިގުދެމިގެންދާ ފަސާދައިގެ ސިލްސިލާގެ އެންމެ ފަހުގެ ބާބުގައި އެކްޓަރުންނަށް ތިބެނީ، ރާއްޖޭގެ ރަށްތަކަށް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ދައުލަތުގެ ވިޔަފާރި ކުންފުނިތައް ކަމަށްވާ ފެނަކާ ކޯޕަރޭޝަން ފަދަ ކުންފުނިތަކެވެ. އެންމެ ކުންފުންޏެއް ނޫނެވެ. ގާތްގަނޑަކަށް ހުރިހައި ކުންފުންޏެއް، ކޮންމެ ވެރިކަމެއްގައިވެސް މެނޭޖު ކުރަނީ، ވަރުވާ އުސޫލުން ފަޅުރަށެއް ހިންގާ ބީދައިން ނެވެ. ނިޒާމީ ފެންވަރެއްގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރެވުނު ބަޙުސްއިން ސާފުވެގެން ދިޔައީ ވަރަށް މުހިންމު ކަމެކެވެ. އިދާރީ ހިންގުމުގެ ދޯހަޅި ކަމެވެ. މަގާމާއި އެމްޑީގެ ނިވަލުގައި ކޮރަޕްޝަން އިންޖިއާ ކޮށްދޭން ބަޔަކު ތިބޭ ކަމެވެ.
ފެނަކައިން ތަކުރާރުކޮށް، ފަސާދައިގެ ޢަމަލުތައް ހިންގާފައިވާ ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނަސް އިންޒާރުގެ ރިޕޯޓުތައް ފޮނުވަމުން ގެންދިޔައެވެ. އެމްއެމްޕީއާރްސީގެ ވާހަކައާ ދާދި އެއްވައްތަރު ކަމެއް ކަމަށް ފާހަގަ ވެދާނެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި ނައިބު ރައީސް އަޙްމަދު ނާޘިމް، ހާމަކުރެއްވި ގޮތުގައި، އޭސީސީން ވަނީ ކުންފުނީގެ ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިނގާފައިވާކަން ފާހަގަކޮށް، ތަފްސީލީ ފަސް ރިޕޯޓެއް ހުށަހަޅާފައެވެ.
“މި ސިޓީން އެނގޭ އޭސީސީ އިން އޭރުގެ ރައީސްގެ ސަމާލުކަމަށް ރިކޮމެންޑް ކުރިކަން. ފެނަކައިގެ ކޮރަޕްޝަންގެ ސަމާލު ކަމަށް އެކަން ގެނައިކަން. އެންމެ ރިޕޯޓެއް ނޫން ފަސް ރިޕޯޓް،” ނާޘިމް ވިދާޅުވި އެވެ.
ނާޘިމް ވިދާޅުވަނީ، އޭސީސީގެ ލަފާތައް ސަރުކާރުން ތަންފީޒު ކުރިނަމަ، 4 ބިލިއަން ރުފިޔާގެ ދަރަނިން ސަލާމަތް ވެވުނީސް ކަމަށެވެ.
ފެނަކައިގެ ފަސާދައިގެ ޙާލަތަކީ ހަމައެކަނި އެންމެ ކުންފުންޏެއްގެ ވާހަކައެވެ. ދެން ހުރިތަންތަންވެސް އެއަކުން އިސްތިސްތާއެއް ނޫނެވެ! ސަރުކާރު ޙިއްސާވާ އެސްއޯއީތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތަކަކީ، ރާއްޖޭގައި ކޮންމެ ސަރުކާރަކާއެކުވެސް ތަކުރާރުކޮށް ފެންނަ އެއް މައްސަލައެވެ. އެކަން ޙައްލު ކުރުމަށް ސަރުކާރުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނުކުޅަދާނަ ވެފައި ތިބޭކަން ހާމަވެއެވެ.
އެކަންކަމަށް މަސްއޫލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ގިނަ ފަހަރަށް ދައުލަތުގެ އެންމެ މަތީ ފަށަލައިގެ މަސްއޫލުވެރިންގެ ޖަވާބަކަށް ވަނީ، އެހެން ފަށަލައެއްގައި ބަދަލުތަކެއް ގެނައުމެވެ. އެކަން ވަނީ ކުރިންވެސް ފެނިގެން ގޮސްފައެވެ.
މިސާލަކަށް އޭސީސީގެ މެމްބަރުން ވަކިކޮށްފާނެއެވެ! އަދި އެމީހުންގެ ބަދަލުގައި މަޖިލީހާއި ސަރުކާރުގެ މަސްއޫލުވެރިންނާ ގާތްކަން އޮންނަ، އެމީހުންގެ މަސްލަހަތާ އެއްގޮތްވާ ފަރުދުން އެ ގޮނޑިތަކަށް ގެނަސްފާނެއެވެ. މިފަދަ ފުށްޖެހި، އޮމާން ކޮށްލުމުގެ އުސޫލުތައް ދަމަހައްޓައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުން، ކޮރަޕްޝަންގެ އަސްލު ސަބަބުތައް ޙައްލެއް ނުކުރެވެއެވެ. އަދި ފަސާދައިގެ ބުރު އިޞްލާޙެއްވެސް ނުކުރެވެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މަޝްހޫރު ވަކީލަކު ފާހަގަކުރެއްވި ގޮތުގައި “ކޮރަޕްޝަނާ ކުރިމަތިލުމަށް ދައުލަތުން ގެންގުޅޭ އުޞޫލަކީ ޙަޤީޤަގަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަށް ވުރެ އާންމުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަމެއް. އޭސީސީގެ މެމްބަރުން ވަކިކޮށް އާ މެމްބަރުން ޢައްޔަންކޮށްގެން ފިޔަވަޅެއް އަޅާކަން ރައްޔިތުންނަށް ދައްކައި ދަޅައެއް ދައްކާލަނީ، އެކަމަކު އޭގެ އަސްލު މައްސަލަތައް ހައްލު ނުވެ އޮންނަނީ.” ވަކީލު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައި ބަޙުސްކޮށްފައިވާ ފެނަކައަށް ނިސްބަތްވާ މައްސަލައަކީ، ކުޑަ މިންވަރެކެވެ، ދައުލަތުގެ އިތުބާރަށް ލޮޅުން އަރުވާލާ، ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމަށް ހުތުރު ނަން ލިބޭ އެހެން، ހައި ޕްރޮފައިލް ކޮރަޕްޝަންގެ މައްސަލަތަކެއް ރައްޔިތުން ހަނދާން ނެތޭހައި ދުވަހެއް އަދި ނުވެއެވެ.
ޚިޔާލަށް ގެންނަމާ ހެއްޔެވެ؟ ކޮވިޑް-19 ގައި ވެންޓިލޭޓަރުން ވައްކަން ކުރި ވާހަކަތައް ނުދައްކަމު ހެއްޔެވެ؟ އެތައް މިލިއަނެއް ދޮވެލައިގެން ހިންގި ކަމަށް ތުހުމަތު ކުރެވޭ، ވެންޓިލޭޓަރުގެ މައްސަލައަކީ ސަރުކާރުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރާއި ނިޒާމުގެ ދޯހަޅިކަން ސާބިތުކޮށްދޭ މިސާލެކެވެ. އާންމުންގެ ނަފްރަތު އަމާޒުވި މައްސަލައެކެވެ. ކޮންމެ ހޮޅުއަށްޓެއްގައި ވާހަކަ ދެކެވުނު މައްސަލައެކެވެ. އެހެންނަމަވެސް ދައުލަތުން އެމައްސަލަ ބަލައި ޢަމަލުކޮށްފައިވާ ގޮތާއި، ފިޔަވަޅު އަޅާފައިވާ ގޮތާއި، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅެއްގެ ތަފްޞީލީ ފުރިހަމަ ރިޕޯޓެއް އާންމުންނާ ހަމައަށް ތިލަކޮށްފައެއް ނުވެއެވެ. ނުވަތަ އެކަމުގައި ބައިވެރިވާ ފަރާތްތައް މާނަހުރި ގޮތެއްގައި ޖަވާބުދާރީ ކުރުވުމަށް ކުރި މަސައްކަތް ކިޔައިދީފައެއް ނުވެއެވެ. ކޮރަޕްޝަންގެ ޢަމަލެއް ހިންގިކަން ކުދި ބޮޑު އެންމެނަށް އެނގެއެވެ. ދެން ވީގޮތެއް ނޭނގެއެވެ! އެހެންވެ، އެނގިގެން ދަނީ މުޅި ނިޒާމު ބައްޓަން ކޮށްފައި މިއޮންނަނީ، ހާމަކަން ކުޑަގޮތަކަށް، ސާފު ނަތީޖާތަކެއް ނުނެރޭ ގޮތަށް، ކޮރަޕްޝަން ތަކުރާރުވާ މާޙައުލެއް އުފެދޭ ގޮތަށެވެ.
“ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ކޮރަޕްޝަނާ ކުރިމަތިލާނަމޭ، އެކަމަކު އެއްވެސް ކަމެއް ބަދަލުވާތަނެއް ނުފެނޭ،” ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މުޖާހު ކިޔައިދެއެވެ. “މަދު ބަޔަކަށް ފިޔަވަޅު އަޅާފާނެ، ނުވަތަ ބައެއް ސިޔާސަތުތައް ބަދަލުކޮށްފާނެ، އެކަމަކު ބޮޑެތި މަސްތައް އަބަދުވެސް ދަލުގައި ނުޖެހި ދާނީ. އެއިން އެނގެނީ މިކަމުގައި އެންމެން އެކުގައި ޝާމިލުވާކަން.” އެހެން ރައްޔިތުންވެސް ދެކެނީ ހަމަ އެފަދައިންނެވެ.
މާލިއްޔަތު ކޮމިޓީގައި އަޙުމަދު ނާޡިމް ފާހަގަ ކުރެއްވިގޮތަށް، އޭސީސީން ފްލެގްކުރާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އެސްއޯއީތަކުގެ ހިއުމަން ރިސޯސް ސްޓްރަކްޗާއަށް ބަދަލުތަކެއް ގެނައުމަށް މާލިއްޔަތު ކޮމިޓީން ވަނީ ލަފާދީފަ އެވެ. މިފަދަ ހުށަހެޅުންތަކަކީ، ޢަމަލު ކޮށްފިނަމަ، ރަނގަޅު މިސްރާބަކަށް އެޅޭ ފިޔަވަޅަކަށް ވާނެއެވެ. ނަމަވެސް، އެސްއޯއީތަކުގެ އެތެރޭގައި އަށަގެންފައިވާ އަދަބު ނުލިބުމުގެ ފުޅާ ސަގާފަތަށް އަލިއަޅުވާ ނުލައިފިނަމަ އެއީ މަތާރަންފިލާ މައްޗަށް ލެވޭ އިތުރު ހުށަހެޅުމެކެވެ.
ކޮރަޕްޝަންގެ ޢަމަލުތައް ވުޖޫދަށް ގެނުވާ، ޕްރޮކިއުމަންޓް ޕޮލިސީތަކަށް ބަދަލު ގެނައުމަށް ވެސް ކޮމިޓީން ވަނީ ގޮވާލާފަ އެވެ. އެކަމަކު ޚުދު ނާޘިމް ފާހަގަކުރެއްވި ފަދައިން މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭނީ ބަދަލެއް ގެނައުމުގެ ނިޔަތެއް އޮވެގެންނެވެ.
“މިހާރު ވެސް ފެނަކައިގެ އެބައޮތް ހަތް މިލިއަން ޑޮލަރުގެ ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލައެއް. އެކަމަކު އެ މައްސަލަގައި ވެސް އެމްޑީ އެކަނި ނެތީ. އެހެން މީހުން އެބަތިބި. އެހެންވެ މިކަންކަން އެބަޖެހޭ ބަދަލުވާން. އެހެންނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ،” ނާޒިމް ވިދާޅުވި އެވެ.
ކޮރަޕްޝަނާ ކުރިމަތިލާން ދައުލަތަށް ނުކުޅެދުމުގެ ސަބަބުން ދުރު ރާސްތާގެ ނަތީޖާތަކެއް ކުރިމަތިވެ އެވެ.
އާންމު ރައްޔިތުންގެ ނަޒަރުގައި އެއީ، ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، އިޖުތިމާޢީ ތަރައްޤީގެ ފުރުސަތުތައް ގެއްލުމަށް މަގުފަހި ވުމެކެވެ.
ވިޔަފާރިތަކަށް އެއީ، ޔަގީންކަމެއް ނެތް މާހައުލެއް އުފެދި، އިންސާފުވެރި ނޫން ވާދަވެރިކަމެއް އުފެދޭ ކަމެކެވެ.
“ބިލުތަކަށް ފައިސާ ނުދައްކައި، ނުވަތަ އެއިން ކަޓް ޖައްސައިގެން، ސިސްޓަމް އޮޅުން ބޮޅުންވެފައި އޮންނަ އިރު، ތެދުވެރި ވިޔަފާރިއެއް ހިންގަން އުނދަގޫތަކާ ކުރިމަތިވޭ،” ފެނަކައަށް ސާމާނުތަކެއް ވިއްކާފައިވާ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ބުންޏެވެ. “ނިޒާމު ހަދާފައި އޮންނަނީ ގުޅުން ހުރި ފަރާތްތަކަށް ކޮންޓްރެކްޓްތައް ދާގޮތަށް. އެންމެ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހަޅާ ކުންފުނިތަކަށް ނޫން. އެއީ މާޔޫސްވާ ކަމެއް.” އޭނާ ބުނެލިއެވެ.
ކޮރަޕްޝަންގެ ބުރު އަދިވެސް ދަނީ ކުރިއަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ސީރިއަސްކަމާއި ޤާބިލްކަމަށް އާންމުންގެ އިތުބާރު ގެއްލިގެންދާއިރު، ކޮރަޕްޝަންގެ ކޮންމެ އާ މައްސަލައަކަށް ވެސް ލިބޭ ޖަވާބަކީ، “މައްސަލައެއް ނޫޅޭ” ކަމާއި، “އިސްލާޙު ކުރާނެ” ކަމަށް ބުނާ ބަހަނާތައް ދައްކައި އާޚިރުގައި އެއްވެސް ފިޔަވަޅެއް ނޭޅުމެވެ.
އިސްލާޙުތަކަކަށް ވާހަކަ ދައްކައި، މާލިއްޔަތު ކޮމިޓީގެ ބޭފުޅުން ބާރު އަޅުއްވާއިރު، ސުވާލަކީ ކޮރަޕްޝަން ނައްތާލުމަށް ފިޔަވަޅެއް އަޅާނެ ބާވައެވެ؟ ނޫނީ މީގެ ކުރިން އިސްވެ ދިޔަ މީހުންނެކޭ އެއްފަދައިން މިފަހަރުވެސް މައްސަލަތައް ފަނޑުވެ، ރައްޔިތުން ހަނދާން ނެތޭހައި ދުވަސްކޮށް ގުނބޯލަ ހެއްދުން ހެއްޔެވެ؟ މި ޑްރާމާއަށް ނިމުމެއް ނެތެވެ! އަދިވެސް އޮތީ ކުރިއަށެވެ.