ފަގީރު ކަމާހެދި ޕާކިސްތާނުގައި ޅަ އަންހެން ކުދިން ދޮށީ ފިރިހެނުންނާ ކައިވެނި ކޮށްދެނީ

ހުޅަނގު މޫސުމް އައުމާއެކު ޕާކިސްތާންގެ ޕަންޖާބުގެ ރަށްފުށުގެ ހިސާބުތަކުގައި ފެންބޮޑުވެ މީހުން ގެދޮރު ދޫކޮށް ދާން މަޖުބުރުވެ، ޙާލުގައި ޖެހެއެވެ. މި އަހަރުވެސް މޮންސޫންގެ ވިއްސާރަ ކައިރިވެފައި ވަނިކޮށް، 14 އަހަރުގެ ޝާމިލާ އާއި އޭނާގެ 13 އަހަރުގެ ކޮއްކޮ އަމީނާ ވަނީ މީހަކާ ދެވާފައެވެ. ދެކުދިންގެ ކައިވެނިކޮށްދީފައި ވަނީ ޢާއިލާއަށް އިތުރު ފައިސާ ހޯދުމަށްޓަކައި ފައިސާގެ މުޤާބިލުގައެވެ.

ޑޯން ނޫހަށް ކިޔައި ދެމުން ޝަމީލާ ބުނީ އޭނާ މީހަކާ ދެވަން އުޅޭކަމުގެ ޚަބަރު އިވުމުން އޭނާ އުފާވި ކަމަށެވެ. އޭނާގެ ކައިވެނި ކޮށްދީފައި ވަނީ އޭނާއަށް ވުރެން ޢުމުރުން ދެގުނަ ދޮށީ މީހަކާއެވެ. ޝަމީލާ ބުނީ އެހެންވެސް އަތުގައި އެއްޗެއް ނެތް ކަމަށާއި ވިއްސާރަ މޫސުން ލައިގަތުމުން އިތުރަށް ޙާލަތު ގޯސްވެދާނެތީ އޭނާ ހުރީ ނުތަނަވަސްކަން މަތީގައި ކަމަށެވެ.

ޕާކިސްތާނުގައި އުމުރުން ދުވަސްވީ ފިރިހެނުންނާ ފުރާވަރަށް ނައަރާ އަންހެން ކުދިންގެ ކައިވެނި ކޮށްދޭ މިންވަރު ކޮންމެ އަހަރަކުވެސް މޮންސޫންއާ ދިމާކޮށް އިތުރު ވެއެވެ. އެހެންނަމަވެސް، ފާއިތުވި އަހަރުތަކުގައި އެކަން ދަށަށް ދިޔަ ނަމަވެސް 2022 ވަނަ އަހަރު އާދަޔާ ޚިލާފަށް، ފެން ބޮޑުވުމުގެ ސަބަބުން ޢުމުރު ހަމަ ނުވާ ކުދިން ފައިސާއަށް ދޮށީ މީހުންނާ ދެވުން އިތުރު ވެފައި ވެއެވެ.

އާންމުކޮށް، ޖުލައި މަހާއި ސެޕްޓެމްބަރު މަހަކީ ޕާކިސްތާންގެ ދަނޑުވެރިންނަށް ހޫނު މޫސުމުގެ ސަބަބުން އަތްމަތި ދަތިވާ މަސްތަކެކެވެ. ސައިންޓިސްޓުން ބުނާ ގޮތުން މިހާރު ދަނޑުވެރިންގެ ދިރިއުޅުމަށް ވަނީ މޫސުމީ ބަދަލުގެ ސަބަބުން ގިނަ މަސްތަކަކަށް ހިޔަނިއެޅިފައެވެ.

ސިންދުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ގިނަ ރަށްތަކަކަށް، 2022 ވަނަ އަހަރު ދިމާވި ފެން ބޮޑުވުމުގެ ސަބަބުން މުޅި ޕާކިސްތާންގެ ތިންބައިކުޅަ އެއްބައި ގައި ފެން ބޮޑުވިއެވެ. އަދި އެތައް މިލިއަން މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދާން މަޖުބޫރުވެ، ދަނޑުވެރިކަން އެތައް ތަނެއްގައި ހަލާކުވިއެވެ.

މި ފޮޓޯގެ މެދުގައި އިން ދިލްދާރު ޢަލީ ޝެއިޚު މި ފޮޓޯ ނަގާފައި ވަނީ، ކަނާތް ފަރާތުން ދެވަނައަށް އިން އޭނާގެ ދަރިފުޅު މެހްތާބް ދޮށީ އުމުރުގެ މީހަކާ ކައިވެނި ކޮށްދިނުމަށް ރޭވިއިރު ޢާއިލާގެ ހަނދާނަށް ޓަކައެވެ.

“މިކަމުގެ ސަބަބުން ‘މޮންސޫން ބްރައިޑްސް’ ގެ އާ ޓްރެންޑެއް އުފެދިއްޖެ،” ކުޑަކުދިންނާ ކައިވެނި ކޮށްދިނުމުގެ ކަންކަން ދިރާސާ ކުރާ އެކަމާ ދެކޮޅަށް ދަންނަބޭކަލުންނާއެކު މަސައްކަތްކުރާ އެންޖީއޯ ސުޖާގް ސަންސާރުގެ ބާނީ މައުޝޫގު ބިރްހުމާނީ ޑޯން ނޫހަށް ކިޔައި ދިނެވެ.

ޖޫން މަހު ޝާމިލާ އާއި އަމީނާގެ ކައިވެނި ބައްވާފައިވަނީ، ޚާން މުހައްމަދު މައްލާ އަވަށުގައެވެ. އެ ހިސާބުގައި 45 އަންހެންކުދިން އެއް ޙަފްލާއެއްގައި މީހުންނާ ދެވައިފައި ވެއެވެ. މިއަހަރުގެ މޭ މަހާއި ޖޫން މަހުގައި އެކަނިވެސް 15 ކުދިންގެ ކައިވެނި އެ އަވަށުގައި ބާއްވާފައި ވެއެވެ.

ނަޖުމާ ޢަލީ މިއީ ކައިވެންޏަށް ފަހު ޚާން މުޙައްމަދު މައްލާ އަވަށުގައި ފިރިމީހާއަށް ރޮށި ފިހެ ދޭށެވެ.

ޑިސެމްބަރު މަހު ޝާއިއުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރުގެ ކުރިން ކައިވެނިކުރާ އަންހެން ކުދިންގެ ދުނިޔޭގައި، 6 ވަނައަށް އެންމެ ގިނައީ، ޕާކިސްތާނުގައެވެ. ޕާކިސްތާންގެ ބައެއް ހިސާބުތަކުގައި ޅަފުރައިގެ އަންހެން ކުދިން ދޮށީ ޢުމުރުގެ މީހުންނާ ކައިވެނިކޮށް ދިނުމަކީ އާދަވެގެން ހިނގާ ކަމެކެވެ.

ޕާކިސްތާންގައި، ކައިވެނި ކުރަން ހުއްދަ ޤާނޫނީ އުމުރު އެކި ސަރަހައްދުތަކުގައި ތަފާތެވެ. އާންމުކޮށް، 16 އަހަރާއި 18 އަހަރާ ދެމެދުގައި ތަފާތު އުމުރަށް ޤާނޫނުތައް ފަރުމާކޮށްފައި ހުއްޓަސް އެއަށްވުރެން ޅަފަތުގައި ވެސް ކައިވެނިކޮށްދެ އެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރެވެނީ މަދުންނެވެ.

ޢުމުރުން 31 އަހަރުގެ ދިލްދާރް ޢަލީ ޝައިޚުގެ މެހްތާބް މީހަކާ ދެވަން އުޅުމުން، ސުޖާގު ސަންސާރުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. ދިލްދާރް އެކަމަށް ވިސްނި އިރު މެހްތާބުގެ އުމުރަކީ 10 އަހަރެވެ. އެއިރު އާއިލާ ދިޔައީ ވަގުތީ ބޯހިޔާ ވަހިކަމެއްގައި ދިރިއުޅެމުންނެވެ. ދިލްދާރް ބުނީ މެހްތާބު މީހަކާ ދެވަން ވިސްނީ އޭނާގެ މުސްތަގްބަލަށްޓަކައި އޭނާއަށް ރަނގަޅު ކާނާއާއި ބޯހިޔާ ވަހިކަމެއް ހޯދައި ދިނުމުގެ ނިޔަތުގައެވެ. ނަމަވެސް އެންޖިއޯއިން ސިލްދާރަށް ވިސްނައި ދިނުމުން އެމީހުން ހިންގާ ފަހަން ދަސްކޮށްދޭ ކޯހެއްގައި މެހްތާބް ބައިވެރި ކުރީއެވެ.

ހިއްސާ ކުރައްވާ!