ޕާކިސްތާނުން އިންޓަރނެޓް ބްލޮކް ކުރަން ފަޔަރވޯލެއް

ޕާކިސްތާނު ސަރުކާރުން އިންޓަރނެޓް ކޮންޓްރޯލު ކުރުމަށް ފަޔާވޯލެއް ބޭނުން ކުރަމުންދާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ. ޕާކިސްތާންގައި އިންޓަރނެޓް ލަސްވުމާއި މެޓާގެ ޚިދުމަތްތަކާއި ވަޓްސްއެޕްގެ ޚިދުމަތް މެދުކެނޑިގެން ލިބޭ މައްސަލާގައި އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ޤާނޫނުހަދާ މަޖިލީހުގައި ސުއާލުކުރުމުން އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ސްޓޭޓް މިނިސްޓަރ ޝަޒާ ފާތިމާ ޚަވާޖާ ވިދާޅުވީ އިންޓަރނެޓް ލަސްވާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެމައްސަލައިގެ މަޢުލުމާތު ޕާކިސްތާން ޓެލެކޮމް އޮތޯރިޓީން ހޯދުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ފަޔާވޯލެއް ބޭނުން ކުރޭތޯ ސުއާލު ކުރުމުން އޭނާ ފުރަތަމަ ވިދާޅުވީ އެއީ އާންމުން ބޮޑުކޮށްގެން ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް މެމްބަރުން ތަކުރާރުކޮށް ސުއާލު ކުރުމުން ވިދާޅުވީ ފަޔަރވޯލެއް ގެންގުޅޭ ކަމަށާއި ފަޔަރވޯލް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޓަރނެޓް ސްލޯވެ ބައެއް ޚިދުމަތްތައް ނުލިބެނީ އެސަބަބާ ހެދި އެވެ.

ހިއްސާ ކުރައްވާ!