ފަސާދަކޮށް ނަސްލު ނެތިކޮށްލުމުގެ ފަންނުވެރި ޔަހޫދީން

ޣައްޒާގެ  ދޭރުލް ބަލަޙް ރެފިއުޖީ ކެމްޕް ހުންނަ ސަރަހައްދުގެ އެއް ސަހަރާ މިހާރު ވަނީ ޝަހީދުންގެ މަޤްބަރާތަކުން ފުރިފައެވެ. ދެވަނަ ސަހަރާއެއްގައި  މިހާރު ޝަހީދުން ފަސްދާނުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

10 މަސްވީ ޒަޔަނިސްޓުންގެ ޓެރަރިސްޓް ހަމަލާގައި ޝަހީދުކޮށްލާ މީހުންގެ ޤަބުރުތައް އަންނަމުން ދަނީ ޖަމާޢަތްތެރިންނަށް ކައްވަޅު ކޮނެވޭ ވަރަށް ވުރެން ހަލުއި މިނުގައެވެ.

ޢުމުރުން 63 އަހަރުގެ ސަޢުދީ ހަސަން ބަރަކާ ދަނީ، ވަރުބަލި ކަމެއް ނެތި ކައްވަޅުތައް ކޮންނަމުންނެވެ. މިހާރު އޭނާއާއި އޭނާގެ ޓީމުން ބަހައްޓަނީ ދުރާލާ ވަޅު ކޮނެފައެވެ.

3 ހެކްޓަރުގެ އަންޞާރު ސަހަރާ ވަނީ ފުރިފައެވެ. އަލަށް މީހުން ވަޅުލާން ފަށާފައި ވަނީ 6 ހެކްޓަރުގެ ސުވެއިދް ސަހަރާގައެވެ.

ބަރަކާ ބުނާ ގޮތުގައި ކުރިން ދުވާލެއްގެ މައްޗަށް ވަޅުލާން ޖެހެނީ ދެ މީހެކެވެ. ހަފްތާއަކަށް ފަސް މީހެކެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 200 އާއި 300 މީހުން ވަޅުލާން ޖެހެއެވެ. އެއީ ހެނދުނު 6ން ހަވީރު 6އަށް ކޮންމެ ދުވަހެއްގެ މަސައްކަތް ކަމަށް އޭނާ ބުނެއެވެ.

އޭނާގެ ޓީމުގައި ހިމެނޭ 12 މީހުންނަށް އިޝާރާތް ކުރަމުން އޭނާ ކިޔައި ދިން ގޮތުގައި މިޙާރު މަތިމައްޗަށް 3 ބުރަށް ޝަހީދުން ވަޅު ވެލިއްޖެއެވެ.

28 އަހަރު ވަންދެން މީހުން ވަޅުލުމުގެ މަސައްކަތުގައި އުޅުނު އިރު އޭނާ ބުނަނީ މިވަރުގެ އަނިޔާވެރި ކަމަކާ ދިމާވެފައެއް ނުވެއެވެ.

އެއް ޢާއިލާއެއްގެ ޝަހީދުންގެ ވާހަކަ ކިޔައި ދެމުން އޭނާ ބުނަނީ، ޠަބާޠީބީ ޢާއިލާގެ 47 އަންހެން ޝަހީދުން އޭނާ ވަޅުލި ކަމަށެވެ. އަދި އޭގެ ތެރޭން 16 އަންހެނުންނަކީ މާބަނޑު އަންހެނުން ކަމަށެވެ. “އެމީހުންގެ ކުށަކީ ކޮބާ” ރުޅިވެރިކަމާއެކު ހަސަން ބަރަކާ އަހާލިއެވެ.

އޭނާ ކިޔައިދިން ގޮތުގައި ޒަޔަނިސްޓުންގެ ފަނާކޮށްލުމުގެ ހަމަލަތަކާއެކު މަޤްބަރާތަކުގެ ވަށައިގެން ޖަހާ ގަލުގެ އަގުތައްވެސް ވަނީ 12 ގުނައަށް ބޮޑުވެފައެވެ.

ހަނގުރާމައިގެ ކުރިން ޖަނާޒާއެއްގައި ހާސް މީހުން ބައިވެރިވާއިރު މިހާރު ބައެއް ފަހަރު ޖަނާޒާއެއްގައި ބައިވެރިވާން ޖެހެނީ ޖަމާޢަތްތެރިން އެކަންޏެވެ. އަދި ޝަހީދަކީ ކާކުކަންވެސް ބައެއް ފަހަރު ނޭނގޭ ކަމަށެވެ. އަދި ބައެއް ފަހަރަށް 300 ޝަހީދުން ގެންނަ އިރު އެމީހުންނާއެކު އަންނާނީ އެންމެ ވިއްސަކަށް މީހުން ކަމަށްވެސް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!