ފަތުރުވެރިކަމުގެ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ މުހިންމުކަމާއި، އެދާއިރާގައި އަންހެނުން ބައިވެރިކުރުން އިތުރު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ، “މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 – ވިމެންސް އެޑިޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަގުރީރުގައި ގޮވައިލައްވައިފިއެވެ.

އެކަމަނާ ވަނީ ޖެންޑަރ މެއިންސްޓްރީމިންގައި ސަރުކާރުން ކުރާ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ޢަދަދު ނިސްބަތުން މަދުކަން ފާހަގަ ކުރެއްވިއެވެ.

ފަތުރުވެރިކަމުގައި މިންތީގެ ތަފާތުކަމުގެ މައްސަލައަކީ ހަމައެކަނި ޢަދަދުތަކެއް ނޫންކަމަށާއި އެކަމަކީ، މި ދާއިރާގައި އަންހެނުން ކުރިއަރައި ދިއުމަށް ހުރަސްއެޅޭ ނިޒާމީ ހުރަސްތަކެއްގެ މައްސަލަ ކަމުގައި، މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ، ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެދާއިރާގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާޢީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަޤާމުތަކުގައި އަންހެނުންނަށް ހުރި ފުރުޞަތުތައް ހަނިވުން ކަމުގައިވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޤައުމީ ފެންވަރުގައި ދެޖިންސުވެސް ތަމްސީލު ވަނީ ނިސްބަތުން ވަރަށް ދަށްކޮށެވެ. އެންމެ ފަހުގެ ބޯހިމެނުމަށް ބަލާއިރު، ފަތުރުވެރިކަމުގެ ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ނިސްބަތަކީ 3 އިންސައްތައެވެ. އަދި ވަޒީފާ އަދާކުރާ ޢުމުރު ފުރައިގެ ޖުމުލަ އާބާދީގެ ނިސްބަތަކީ 6 އިންސައްތައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަންހެނުންނަށް މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި، ވިހެއުމުގެ ޗުއްޓީއާއި އަންހެނުންނަށް ވަޒީފާގެ މާޙައުލުގައި ބޭނުންވާ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ ހުރަހެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ، ފަޤީރުކަން ކުޑަކުރުމާއި، ޔުނިވާސަލް ޕްރައިމަރީ ތައުލީމާއި، ކުޑަކުދިންނާއި މައިން މަރުވާ މިންވަރު ދަށްކުރުން ފަދަ ދާއިރާތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާ ފާހަގަ ކުރެވޭ ޤައުމެކެވެ.

އިންސާނީ ތަރައްޤީގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ގައި 0.747 ގެ އަދަދަކާއެކު 90 ވަނައިގައި ރާއްޖެ ގިންތި ކުރެވެނީ، އިންސާނީ ތަރައްޤީގެ ހަރުފަތުގައި، މަތީގައި އޮތް ޤައުމެއްގެ ގޮތުގަ އެވެ. ނަމަވެސް ޚާއްސަކޮށް އިޤްތިޞާދީ މައިދާނުގައި ޖެންޑަރ ޑިވެލޮޕްމަންޓް އިންޑެކްސް (ޖީޑީއައި) އާއި ޖެންޑަރ އިންއިކުއަލިޓީ އިންޑެކްސް (ޖީއައިއައި) އިން ފެންނަ ގޮތުގައި ރާއްޖެއަކީ، 191 ގައުމުގެ ތެރެއިން 83 ވަނައިގައި ދަރަޖަ ކުރެވޭ ޤައުމެކެވެ.

ރާއްޖޭގައި، އަންހެނުންނަށް ސާނަވީ ތަޢުލީމުގައި މިންތީގެ ހަމަހަމަކަން ހާސިލް ކުރެވުނު ނަމަވެސް މި ކުރިއެރުންތައް މަތީ ތަޢުލީމާއި ވަޒީފާގެ ބާޒާރުގައި އަންހެނުން ބައިވެރިވުމުގެ ޢަދަދުތަކުން ފާހަގައެއް ނުކުރެވެއެވެ.

ސިވިލް ސާވިސްގެ ބޮޑު ޙިއްޞާއަކީ އަންހެނުންނެވެ. ކިޔަވައިދިނުމާއި ނަރުހުންގެ ޚިދުމަތްފަދަ ދާއިރާތަކުގައި އަންހެނުންނަކީ ލީޑަރޝިޕް ރޯލެއް އަދާކުރާ ފަރާތްތަކެވެ. އެހެންނަމަވެސް، ފަތުރުވެރިކަން ފަދަ މުހިންމު އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ޙިއްސާ އޮތީ ފާހަގަ ކުރެވޭ މިންވަރަށް ދަށުގައެވެ.

އަނެއްކޮޅުން، ރާއްޖޭގެ ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތަށް ބަލާއިރު، އަންހެނުންގެ ޖުމުލަ ޙިއްސާ އޮތީ، 45.6 ޕަސެންޓްގައެވެ. އަދި ޢިލްމީ ރޮނގުން އަންހެނުން ފިރިހެނުންނާ އެއްވަރުވެ، ނުވަތަ އެއަށްވުރެން މަތީފެންވަރުގައި ފާހަގަ ކުރެވޭއިރު އުޖޫރައިގެ ނިސްބަތުގައި އަންހުންގެ އާމްދަނީ އުޅެނީ، ފިރިހެނުންގެ އުޖޫރައާ އަޅާ ބަލާއިރު، 34 އިންސައްތައިގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިކަންކަމަށް ޙައްލެއް ހޯދުމަށް އިލްތިމާސް ކުރައްވަމުން އެކަމަނާ ގޮވައި ލެއްވީ، މި ގޮންޖެހުންތަކަށް ޙަޤީޤީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާ  ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމު ކަމަށާއި އެކަންކަމަށް ޙައްލު ހޯދުމަށެވެ.

“މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 – ވިމެންސް އެޑިޝަން” މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާފައިވާ ފުރަތަމަ މިފަދަ ބައްދަލުވުމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މަޓާޓޯ އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ.

 

ހިއްސާ ކުރައްވާ!