ޒަމާންތަކެއް ވަންދެން އިހުމާލުވާން ދޫކޮށްލާފަ އޮތް ދައުލަތެއް ނިދިން ހޭލައިފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސިން ހިންގާ ހަރާކާތްތައް، އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުން ރައްޔިތުންގެ ސަމާލުކަމަށް އައިސް، އަދި ސަރުކާރުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ނުކުޅެދުންތެރިކަން އާންމުންގެ ކުރިމަތީގައި ބޭޒާރުވުމުން، މިހާރު އެކަމުގައި އިތުރު އިދާރާތައް ބައިވެރިވާން ނިންމައިފިއެވެ.

ބިދޭސީންގެ މައްސަލާގައި ފިޔަވަޅު އެޅުއްވުމަށް ޢަމަލީ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ފެށްޓެވި ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވަނީ، އާންމު ސިއްޙަތާ ބެހޭ އިދާރާއާއި ކާބޯ ތަކެތީގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާއާއި އިކޮނޮމިކް މިނިސްޓްރީން ދެން ޓާސްކްފޯހުގައި ބައިވެރިވާނެ ކަމަށެވެ.

މި މަސައްކަތުގައި އެންމެ ހިތްވަރާއެކު މަސައްކަތް ކޮށްފައިވާ އިމިގްރޭޝަނުން ވަނީ ނަމޫނާ މަސައްކަތެއް ކޮށް ދައްކާފައެވެ. އިމިގްރޭޝަނުން ވަނީ އެފަރާތުން ކުރާ މަސައްކަތުގެ ސީރިއަސްކަން ދެއްކުމަށާއި ރައްޔިތުންގެ އިތުބާރު ހޯދުމަށް، ޝަކުވާ ހުށަހެޅުމަށްވެސް ޚާއްސަ މަގެއް އިޚުތިޔާރުކޮށް ރައްޔިތުންނަށް އެކަން ދައްކާފައެވެ.

ނަތީޖާއެއްގެ ގޮތުން މިއަދާ ހަމައަށް ތިލަވި ހުރިހައި، ކަމެއް ތިލަވެފައި ވަނީ އިމިގްރޭޝަންގެ މި މަސައްކަތުންނެވެ. އަދި އެފަރާތުން ވަނީ ފިޔަވަޅު އަޅައި، އެޅި ފިޔަވަޅުވެސް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ދައްކާފައެވެ.

މިހާތަނަށް އައިއިރު ރައްޔިތުން އެނގިގެން ދިޔައީ، ޤައުމުގެ ކާބޯތަކެތި އުފެއްދުމުގެ މުހިންމު މަސައްކަތެއް ބޭރު މީހުން ކޮންޓްރޯލު ކުރަމުންދާކަމަށާއި، އެމީހުންގެ މަސައްކަތުގައި ސާފުތާހިރުކަމަށް އެއްވެސް ވަރަކަށް ފަރުވާލެއް ބަހައްޓާފައި ނުވާކަމެވެ.

މިކަންކަން މިހެން ހުރިއިރު އަދިވެސް އެނގި ސާފުވަމުން ދަނީ މިފަދަ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމާއި ފިޔަވަޅު އެޅުމުގައި އިދާރާތަކުގައި އެސްއޯޕީތަކެއް ކަނޑައެޅިފައި ނެތް ކަމެވެ. ކޮންމެ ކަމެއްވެސް މީސްމީޑިއާގައި ރައްޔިތުން އަޑުގަދަ ކުރުމުން، އެތައް ދުވަހެއްފަހުން ބަޔާނެއް ދޭތަން ފެނުމުން، މިކަން ރަނގަޅަށް ސާފުވެގެން ދެއެވެ.

އެތެރެއާއިން ބޭރުން ބަލަން ތިބި ބަޔަކަށް ފެނިގެން ގޮސްފައި ވަނީ، ބޮލާ ފޮށާއެޅިފައިވާ އަދި ޒަމާންތަކެއް ވަންދެން އިހުމާލުވާން ދޫކޮށްލާފަ އޮތް ދައުލަތެއް ނިދިން ހޭލި ތަނެވެ!

ހިއްސާ ކުރައްވާ!