މިސްރާއެކު ޒަޔަނިސްޓުން ބޭއްވި މަޝްވަރާތައް ނާކާމިޔާބު ވެއްޖެ

ޒަޔަނިސްޓް ބޮޑު ވަޒީރު ނަތަންޔާހޫގެ ބޯހަރުކަމާ ހެދި، ޤާހިރާގައި މިއަދު ބާއްވާފައިވާ ވާހަކަތައް ނާކާމިޔާބު ވެއްޖެއެވެ. ޔަހޫދީ ސިފައިންގެ ރޭޑިއޯއިން ބުނިގޮތުގައި މިސްރާއި، ހިފާފައިވާ ފަލަސްޠީނާ ދެމެދު އޮންނަ ފިލަޑެލްފިއާ ނާރެސް ކޮންޓްރޯލު ކުރަން ޔަހޫދީ ބޮޑު ވަޒީރު ބޭނުންވާތީއާއި އެތަނުން ސިފައިން ދުރަށް ޖައްސަން އޭނާ އެއްބަސްނުވުމުން ޤާހިރާގައި ބޭއްވި މަޝްވަރާތައް ފެއިލް ވެއްޖެއެވެ. މިސްރުން ބާރު އަޅާފައިވަނީ ފިލަޑެލްފިޔާ ބޯޑަރުގައި މިސްރު ސިފައިން ތިބުމަށާއި އެތަނުން ޔަހޫދުން ދުރަށް ދިއުމަށެވެ.

ޒަޔަނިސްޓުންގެ ސިފައިންގެ ކުރީގެ އޮފިސަރުން ބުނެފައިވަނީ ބޭނުމެއް ނެތް ބޯހަރުކަމެއް ދައްކައިގެން ނަތަންޔާހޫ ވަނީ ހަމާސްއިން އަސީރުކޮށްފައިވާ މީހުން ދޫކުރުމަށް ހުރަސްތައް ކުރިމަތި ކޮށްފައި ކަމަށެވެ. އެފަރާތްތަކުން ބުނެފައި ވަނީ މިއީ އަސީރުން ދިރިތިއްބައި މިނިވަން ކުރުމަށް ލިބޭ ފަހު ފުރުސަތު ކަމަށެވެ.

އެމެރިކާގެ ޚާޖިރީ ވަޒީރު އެންތޮނީ ބްލިންކެންވެސް ވަނީ ޒަޔަނިސްޓުންގެ ރައީސާއި ބޮޑު ވަޒީރާއި ބަގަލްގީރުކޮށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ހުށަހަޅާ ހުށަހެޅުމަށް ހަމާސްއިން އެއްބަސް ވާން ޖެހޭނެކަމަށް ވިދާޅުވެ މޮޅު ވާހަކަ ދައްކާފައެވެ. އެންމެ ފަހުން މިއަދު އިޒްރޭލު މިޑިއާއިން ބުނެފައި ވަނީ އެމެރިކާއިން ހުށަހެޅި ގޮތަށް ނަތަންޔާހޫ އެއްބަސް ނުވުމުން، ބްލިންކަން ފުރައިގެން ގޮސްފައިވަނީ ހުސްއަތާ ކަމަށެވެ.

ހިއްސާ ކުރައްވާ!