އިރުމަތީ ގުދުސްގެ ދެކުނުން އޮންނަ ފަލަސްތީނުގެ ތާރީހީ ރަށެއް ކަމަށްވާ އަލްވަލަޖާގެ ގިނަ އަދަދެއްގެ އާންމުންގެ ގެދޮރު ތަލައި ސުންނާފަތިކޮށް ސާފުކޮށްލުމަށް ޖެނޮސައިޑް ޔަހޫދީ ސަރުކާރުން ނޯޓިސް ދޭން ފެށުމާއެކު، އެ ރަށުގެ އެތައް ސަތޭކަ އާއިލާއަކަށް ދެވަނަ ނަކްބާ ގެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ވަނީ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އެކަނިވެސް އެ ރަށުގެ 120 އަށްވުރެ ގިނަ ގެތަކާއި އިމާރާތްތައް ސާފުކޮށްލުމުގެ އިތުރުން 74 އިމާރތެެއްގެ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްފައެވެ. މީގެ ތެރޭގައި އެ ރަށުގައި ހުންނަ އޮންރުވާގެ ހަމައެކަނި ސުކޫލުވެސް ހިމެނެއެވެ.
އަލްވަލަޖާގެ ކައުންސިލް މެންބަރެއް ކަމަށްވާ އާދިލް އަލްއަޠުރަޝް ބުނެފައިވާ ގޮތުގައި، 1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ޔަހޫދީ ރެޖީމުން އެ ރަށް ހިފިއިރު އޮތް 6,000 ދޫނަމް (6 މިލިއަން އަކަމީޓަރު) ގެ ބިމުގެ ތެރެއިން މިހާރު ބާކީއޮތީ އެންމެ 2,800 ދޫނަމް އެވެ.
އެ ރަށުގައި ދިރިއުޅޭ 4,200 އަށްވުރެ ގިނަ ރައްޔިތުންނަށް ނަފްސާނީ އަދި މާލީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، އެތައް އަހަރެއްގެ މަސައްކަތުން ބިނާކުރި ގެތައް ސާފުކޮށްލުމަށް ދީފައިވަނީ އެންމެ ދެ ހަފުތާގެ މުއްދަތެކެވެ. މީގެ ތެރެއިން ގިނަ އާއިލާތަކަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އެ ގެތަކުގައި ދިރިއުޅެމުންދާ މީހުންނެވެ.
މި ޔަހޫދީ އަނިޔާވެރި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ޖެނޮސައިޑް ރެޖީމުން ހިންގާ ބޮޑު ގުދުސް ސިޓީގެ މަޝްރޫއުގެ ދަށުން، "ގުޝް އެޓްޒިއޮން" ގެ ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިންގެ ބަސްތީތައް ހިފފައިވާ އިރުމަތީ ގުދުސްގެ ގިލޯ އަވަށާ ގުޅުވާލުމެވެ.
ރަށުގެ ވަށައިގެން ޔަހޫދީ ވަޒަންވެރިންގެ އައު އިމާރާތްތައް ބިނާކޮށް، އަލްވަލަޖާއަށް ވަދެވޭނެ އެންމެ 5 މީޓަރުގެ ހަނި މަގެއް ބާއްވައިގެން މުޅި ރަށް ބަންދުކުރުމަށް ދަނީ އަލުން އެ ސަރަހައްދު ފަރުމާ ކުރާށެވެ.
މިކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުން މަޖުބޫރުން އެހެން ސިޓީތަކަށް ހިޖުރަކުރަންޖެހި، އެމީހުންގެ އަމިއްލަ ތާރީހީ ބިންތައް ޔަހުދީންގެ ފުރިހަމަ ބާރުގެ ދަށަށް ދިއުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.







