އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް ޔަހޫދުންނަށް ފަހިވާ ގޮތަށް އެމެރިކާއިން ސަލާމަތީ މަޖިލީހުގެ ޤަރާރު އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. މިއަދު ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ މަންދޫބުގެ ނާއިބް ޑިމިޓްރީ ޕޮލިއަންސްކީ ވިދާޅުވީ އެމެރިކާއިން ސަލާމަތީ މަޖިލިސް ރަހީނުކޮށްގެން އުޅޭ ކަމަށެވެ. އަދި ޖުލައި މަހު، އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އިޒްރޭލަށް ފަހިވާ ގޮތަށް ޤަރާރު ބަދަލުކުރަން އެމެރިކާއިން މަސައްކަތް ކޮށް އެގޮތަށް އެއްބަސްވުމަށް ހަމާސްއަށް ވެސް ބާރުއަޅަމުންދާ ކަމަށެވެ.
ޖުލައި މަހު ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވާނީ ދާއިމަށް ހަމަލަތައް ގައްޒާގައި ހުއްޓާލުމަށާއި އަސީރުން މިނިވަން ކުރުމަށާއި ޒަޔަނިސްޓު ސިފައިން ޣައްޒާއިން ފޭބުމަށާއި ފިލަޑެލްފިޔާ ނާރެހުން ޒަޔަނިސްޓުން ފޭބުމަށާއި، ގައްޒާ އިމާރާތް ކުރުމަށް މަސައްކަތް ކުރިޔަ ދިނުމަށެވެ.
ނަމަވެސް ރަޝިޔާގެ މަންދޫބު ވިދާޅުވީ ސަރަހައްދުގެ ޤައުމުތަކުންވެސް ދެކޮޅު ހަދަމުންދާއިރު އިޒްރޭލަށް ފަހިކޮށް ދިނުމަށް އެމެރިކާއިން ބޭނުން ވަނީ ފިލަޑެލްފިއާއާއި ޣައްޒާގައި ޔަހޫދު ސިފައިން ބޭތިއްބުމަށެވެ. އަދި އެކަމަކީ ސަލާމަތީ މަޖިލީހުގެ ޤަރާރާ ޚިލާފަށް އޮޅުވާލުމެއް ކަމުގައިވެސް އޭނާ ސިފަ ކުރެއްވިއެވެ.
ޕޮލިއާންސްކީ ވިދާޅުވީ ޔަހޫދުން ދަނީ އިންސާނީ އެހީ ދިނުމަށް ހުރަސްއަޅަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދިހަ މަސް ދުވަސް ވަންދެން ވީޓޯ ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުން އުފެއްދުން ކުރިއަށް ގެންދިއުމަށް އެމެރިކާއިން ފުރުސަތު ދެމުންދާކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.