ހިޒުބުﷲގެ ޙަމަލަތައް 3 ގުނައަށް އިތުރު ކޮށްފި

ޙިޒްބުاللهގެ އިސްލާމިކް ރެސިސްޓެންސްގެ ހަނގުރާމަވެރިން ވަނީ އިޒްރޭލުން ލުބުނާނުގެ ސަރަޙައްދާއި ޞުލްހަވެރި މަދަނީންގެ އަމާޒުފަތްގަނޑުތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ވަޒަންވެރިކޮށްފައިވާ ކިރިޔާތު ޝްމޯނާއަށް ދޭ ޙަމަލަތައް އިތުރު ކޮށްފައެވެ. އިއްޔެވެސް ޙިޒުބުﷲއިން ދިހަވަރަކަށް ރޮކެޓް ފޮނުވާފައި ވެއެވެ.

ޔަހޫދޫންގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިރިޔާތު ޝްމޯނާގެ ޢިމާރާތްތަކަށް އެތައް ރޮކެޓެއް އަމާޒު ކުރުމުން އަލިފާން ރޯވެފައިވެއެވެ. ޙިޒުބުﷲއިން ބުނަނީ، ސިފައިންގެ މަރުކަޒުތަކަށާއި ޖާސޫސް މަޢުލޫމާތު އެއްކުރާތަނަކަށް އެތައް ރޮކެޓަކުން ޙަމަލަ ދީފައި ވާނެ ކަމަށެވެ.

ޔަހޫދުންގެ ސަލާމަތާ ބެހޭ ވަޒީރު ބެން ޣަފީރު ބުނެފައި ވަނީ އިޒްރޭލު ސިފައިންނަށް އުތުރުގެ ސަރަހައްދު ނު ބެލެހެއްޓޭކަމަށާއި މިހާރު އެތަންތަން ބޯޒަމާނުގެ ފަޅު ތަންތަނަށް ވެފައިޥާ ކަމަށެވެ.

ޒަޔަނިސްޓުން ވެސް ދަނީ ލުބުނާންގެ ފުނަށް ޙަމަލަ ދެމުންނެވެ. ތައިރު ޙަރްފާ އަވަށަށް ޔަހޫދުން ދިން ޙަމަލާގައި 3 މީހަކު ޝަހީދުކޮށްފައި ވެއެވެ. އެއިން އެކަކަކީ ކުޑަ ކުއްޖެކެވެ. މި ޙަމަލަ ދީފައި ވަނީ ބޯޑަރާ 12 ކިލޯ މީޓަރު ދުރަށެވެ.

ޙިޒުބުﷲ އިން ޙަމަލަތައް އަމާޒު ކުރާ އެއް މަރުކަޒަކީ ޔަހޫދުންގެ މެރޮން އަސްކަރީ މަރުކަޒެވެ. އެއީ ޖާސޫސް ކުރުމަށް އިލެކްޓްރޯނިކް ސާމާނު ބޭނުންކުރާ މަރުކަޒެކެވެ. އިޒްރޭލު ސިފައިންގެ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި “ހުކުރު ދުވަހުގެ ހެނދުނު ލުބުނާނުން ގާތްގަނޑަކަށް 20 ރޮކެޓް ފޮނުވާލި” އެވެ.

ޙިޒުބުﷲއާއި ޒަޔަނިސްޓުންނާ ދެމެދު ބަދަލު ކުރެވެމުންދާ ޙަމަލަތައް މިހާރު ވަނީ 3 ގުނައަށް އިތުރު ވެފައެވެ. ޔަހޫދު މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ލުބުނާނުން 200 އަށް ވުރެ ގިނަ މިސައިލް ފޮނުވާފައިވެ އެވެ. ޙިޒުބުﷲ އިން ވެސް ވަނީ ޔަހޫދުންގެ ސަރަހައްދުތަކުގެ ފުނަށް ޙަމަލަ ދޭން ފަށާފައެވެ.

މިދިޔަ މަހު ލުބުނާނުން އިސްރާއީލާ ދިމާއަށް 1،091 މިސައިލް ފޮނުވާފައިވެއެވެ. މިއީ އަހަރު ފެށުނު ހިސާބާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. މި ހަމަލަތަކުން ދެފަރާތަށް ވެސް ޕްރެޝަރު ބޮޑުވެފައި ވެއެވެ. ލުބުނާނުގައި ހަމަލަތަކުން ހަލާކުވެފައިވާ ހައުސިން ޔުނިޓްތަކުގެ ޢަދަދު 2،000 ޔުނިޓަށް އަރާފައިވެއެވެ.

އިޒްރޭލުގެ އުތުރު ސަރަހައްދަށް ދެމުންދާ ޙަމަލަތަކުގެ ސަބބުން ބޮޑު ސަރަހައްދެއްގައި ދަނޑު ބިންތައް އަނދާފައި ވެއެވެ. އަދި 790 ތަނެއްގައި އަލިފާން ރޯވެފައިވެއެވެ. ޙިޒުބުﷲގެ ޙަމލަތައް ވަރުދަގަ ކުރިފަހުން، 1،000 ގެއަކަށް ގެއްލުން ލިބިފައިވާކަން ކިރިޔާތު ޝްމޯނާގެ މޭޔަރު ކަށަވަރުކޮށްދީފައި ވެއެވެ.

ޔަހޫދުންގެ މީޑިއާއިންބުނާ ގޮތުގައި އެ ސިޓީ ވަނީ ފަޅު ސިޓީއަކަށް ވެފައެވެ. އަދި އެހިސާބުގައި، 1،600 އަށް ވުރެ ގިނަ ސްކޫލް، ކިންޑަރ ގާރޓަން، އަދި ނާސަރީ ހިންގަމުން އަންނަ އިރު އެތަންތަން ޙިޒްބުﷲގެ ޙަމަލައިން ސަލާމަތް ނުކުރެވޭ ކަމަށެވެ. އެކަމާ ހެދި ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!