ސުންޕާ ޑޮލަރަކާ ހެދި ޑިމޮކްރެޓިކް ވެށްޓަށް ހިޔަނި އެޅިފައި

ޑޮލަރުގެ ސުންޕާ ކަމާހެދި، އިޖުތިމާޢީ އެއްބައިވަންތަކަމަށް ހިޔަނި އެޅި، ޤައުމު ހަލަބޮލި ކަމަކަށް ވައްޓާލައިފިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޝްހޫރު ލަގްޒަރީ ބްރޭންޑް މޯލްޑިވްސްގައި ޑޮލަރު ތަދު އެއްޗަކަށް ވެއްޖެއެވެ. ޑިމޮކްރެސީއަށް ވެސް ޑޮލަރުގެ ސުންޕާކަމުން ހިޔަނި އެޅިއްޖެއެވެ.

ބެންކު އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން ޤައުމުގެ އިޖުތިމާޢީ ހަޔާތަށް އެރި ލޮޅުންތަކާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަ ކުރައްވަނީ، މިކަމަކީ، ބަޔަކު އަޑީގައި ތިބެގެން ދުރާލައި ރާވައިގެން ކުރަން އުޅުނު ބަޣާވާތެއް ކަމަށެވެ. އަދި އެކަމުގެ ތަޙުޤީޤު ފުލުހުން ފަށާފައިވާ ކަމަށެވެ.

26 އޮގަސްޓުގައި ފުލުހުން ނެރުނު ބަޣާވާތް ތަޙުޤީޤު ކުރާނެކަމަށް ބުނާ ބަޔާނުގެ ފަހުން ޤައުމު ވަނީ ސިޔާސީ ބަދަލެއްގެ މަރުޙަލާއެއް ފަށާފައެވެ. މިނިވަންކަމާއި ޚިޔާލުފާޅު ކުރުން، ކުރިން އޮތް ގޮތަށް އޮންނާނެ ތޯ އާ މެދު ސުއާލު ކުރެވެއެވެ. މިސުއާލަކަށް ޖަވާބު ބޭނުންވާ މީހަކު ބަލަންވީ، މިދިޔަ ސަރުކާރުތަކުން ބަޣާވާތެއްގެ ވާހަކަ ދެއްކުމަށްފަހު، ކަންކޮށްފައިވާ ގޮތެވެ.

ޑޮލަރުން ރާއްޖެއަށް މުއްސަނދިކަން ގެނަސްދޭ ފަދައިން ޑޮލަރަކީ ރާއްޖޭގެ އިޖުތިމާޢީ ހަމަހަމަކަން ނަގާލާ ވަސީލަތެއްވެސް މެއެވެ. މުއްސަނދިންނާ ފަޤީރުންގެ ދެމެދު ތަފާތުކަމެއް ގެނަސްދެނީ ޑޮލަރުންނެވެ. މި ޤައުމުގެ މުއްސަނދިކަމުން ލިބެންވާ ހުރިހައި ޑޮލަރަކީ މިޤައުމުގެ މާލީ ނިޒާމުގައި ދައުރުވާ އެއްޗެއް ނޫންކަން އެންމެންވެސް ދަނެއެވެ. ވެރިކަމުގައި ތިބޭ މީހުން މަހުޖަނުންގެ މައްޗަށް ބަރޯސާ ކުރާއިރު އެމީހުން ޤައުމުގެ މުއްސަނދިކަމުން ފޭރިގަންނަ ޑޮލަރާމެދު އެއްވެސް ސަރުކާރަކަށް ސުއާލެއް ކުރާކަށް ނުކެރެއެވެ.

ބަޣާވާތެއްގެ ގޮތުގައި ބެލެވިފައި ވަނީ ބެންކު އޮފް މޯލްޑިވްސްގެ ނިންމުމެވެ. ބެންކުގެ ސީއިއޯއަކީ މިކަމުގެ އެންމެ އަޑީގައި ހުރިމީހާ ކަމަށް ދޭހަވާ މޭރުމުން އިސް ވަޒީރަކު ވާހަކަ ދެއްކެވުމުން، ސީއީއޯގެ ކެރިއަރު ޚަބާރު ކޮށްލެވިފައި ވެއެވެ. އަދި ބެންކުގެ ނިންމުމާ ގުޅިގެން މަގުމައްޗަށް ނިކުތުމަށް ބަޔަކު ގޮވާލިއެވެ. ކިޔަވާކުދިންގެ ބަޔަކުވެސް ނުރުހިގެން މީސްމީޑިއާގައި ޕޯސްޓްތަކެއް ކުރިއެވެ.

މަގުމައްޗަށް ނިކުތުމަށް ގޮވާލީ ބޮޓް އެކައުންޓުތަކުން ކަމަށް ފުލުހުން ބުނެއެވެ. އަދި އިދިކޮޅު ފަރާތްތަކުން މިއާއެކު އެކީގައި ނޫސްކޮންފަރެންސެއްވެސް ބެއްވިއެވެ.

މައްސަލައަކީ، އިޤްތިސާދީ މައްސަލައެކެވެ. މިހާރު މިމައްސަލަ ބަދަލު ވެފައި ވަނީ މީސްމީޑިއާގެ މަންސަތަކުގައި އޮޅުވާލުމަށް މަޢުލޫމާތު ފެތުރުމުގެ މައްސަލައަކާއެވެ. މައްސަލަ ވަނީ ޚިޔާލު ފާޅު ކުރުމުގެ އިންތަކާވެސް ގުޅިފައެވެ.

ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން އޮޅުވާލުމާއި ހަމަނުޖެހުމަށް ގޮވާލުމަކީ 21 ވަނަ ގަރުނުގެ ޚާއްސަ ސިފައެކެވެ. އެންމެ ފަހުން މި ސިލްސިލާގައި ފެނިގެން ދިޔައީ ޔޫކޭގައި ހިނގައި ދިޔަ ހަމަނުޖެހުމެވެ. އޭގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ދޮގު މަޢުލޫމާތު ފަތުރައިގެން ހަމަނުޖެހުން އުފައްދާފައި ވެއެވެ. 2016 ވަނަ އަހަރާއި 2020ގައި އެމެރިކާގެ އިންތިޚާބުގައިވެސް އަދި އޭގެ ފަހުން 2023 ގެ ރާއްޖޭގެ ރިއާސީ އިންތިޚާބުގައިވެސް ދޮގު މަޢުލޫމާތު ފެތުރުމަށް މީސްމީޑިއާގެ މަންސަތައް ބޭނުން ކޮށްފައި ވެއެވެ. 2018 ވަނަ އަހަރު ބްރެޒިލްގެ އިންތިޚާބުގައިވެސް ފުޅާދާއިރާއެއްގައި ދޮގު މަޢުލޫމާތު މީސްމީޑިއާ މެދުވެރިކޮށް ފަތުރާފައި ވެއެވެ. ފިލިޕީންސްއިން މިހާރުވެސް ދަނީ މިފަދަ އޮއިވަރެއްގައި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖޭގެ މިއަދުގެ ޙާލަތުގައި މިއީ ތިނެސްކަން މައްސަލައެކެވެ. އިޤްތިޞާދީ ސިޔާސަތާއި، ވާދަވެރި ސިޔާސީ ކޯޅުމާއި، މަޢުލޫމާތުގެ ހަނގުރާމައެއްގެ މައްސަލަތަކެކެވެ.

މިއީ، ބެންކުގެ ނިންމުމަކާ ގުޅުން ހުރިކަމެއް ކަމުގައިވިނަމަވެސް ރައީސްވެސް އެކަން ސިފަ ކުރެއްވީ ބަޣާވާތެއްގެ ގޮތުގައެވެ.

“މިކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކުވެސް ވިސްނާލީމާ ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މިކުރި ކަންތައް މިއީ ހަމަ ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް، މި ވާނީ އެޓެމްޕްޑެޓް ކޫއަކަށް.” ރޭ ޕީއެންސީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މިކަން، ބަޣާވާތެއް ކަމަށް ސިފަކޮށް، ތަޙުޤީޤު ކުރާނެކަމަށް ފުލުހުން ބަޔާން ނެރެފައި ވަނީ، ރައީސް އެގޮތަށް ވިދާޅުވުމުގެ ކުރިންނެވެ. ނަމަވެސް ސްކްރިޕްޓް ދިމާވެއެވެ.

ބާޣާވާތެއްކަމަށް ތުހުމަތު ކުރެވޭ ޙާލަތުގައި ފުޅާ ދާއިރާއެއްގައި ފިޔަވަޅު އަޅާފައިވާ ތަން އެހެން ޤައުމުތަކުން ފެނިގެން ގޮސްފައި ވެއެވެ.

2019 ވެނެޒުއެލާ: އެ ޤައުމުގައި އިޤްތިޞާދީ ކާރިސާގައި އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުތުމަށް ގޮވާލުމުން، މަޑޫރޯ ސަރުކާރުން އެއީ ސަރުކާރު ވައްޓާލުމުގެ ޢަމަލެއް ކަމަށް ބުނެ ފިޔަވަޅު އެޅިއެވެ. އެއަށްފަހު ބައިނަލްއަޤްވާމީ ފަރާތްތަކުން އެމައްސަލައިގެ ތެރެއަށް ވަނުމުން އުފެދުނު ހަލަބޮލިކަމުން އަދިވެސް އުޅެނީ އަރައި ނުގަނެވިގެންނެވެ.

2013-2014 ތައިލެންޑް: އިޤްތިޞާދީ ކާރިސާއަކާއި ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ތައިލެންޑްގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބަލައި ސިފައިން ނިކުތެވެ. ނަތީޖާއަކަށްވީ 2014ގެ ސަރުކާރު ބަދަލުކޮށްލުމެވެ.

2016 ތުރުކީ: ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލުމުގެ ތުހުމަތުގައި ސިޔާސީ ދެކޮޅުވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އަޅައި ގިނަ ބަޔަކު ހައްޔަރަށް ގެންދެވުނެވެ. އަދި ސަރުކާރާ ދެކޮޅަށް ޚިޔާލު ފާޅު ކުރުމަށް ފަސްޖެހުމަށް މީހުންނަށް މަޖުބުރު ކުރެވުނެވެ.

އެހެން ޤައުމުތަކަށްވެސް ދިމާވަމުންދާ މަޢުލޫމާތުގެ ރަސްމަގުގައި ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލައަކީ ރާއްޖެއަށް އައު ކަމެއް ނޫނެވެ. މައްސަލައަކީ އެކަން ތަޙުޤީޤުކޮށް އޭގެ އެންމެ ފުނަށް ދިއުމަށް ނިޒާމު ތައްޔާރަށް ނެތުމެވެ.

ޚިޔާލު ފާޅުކުރުމަށް ތަންދޭ، ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ފެނިގެން ގޮސްފައި ވަނީ، މިނިވަން ޚިޔާލަށާއި ސިޔާސީ ވާދަވެރިކަމަށް ހުރަސް އެޅުމަކާ ނުލައި މައްސަލައަށް ފިޔަވަޅު އަޅާތަނެވެ.

އެންމެ ފަހުން ޔޫކޭގައި ހިނގައި ދިޔަ މައްސަލައަށް ބަލާލަމާ ހެއްޔެވެ؟ ޔޫކޭގެ ހިނގައިދިޔަ ހަމަނުޖެހުމުގައި، ކުރިއަށް ގެންދިޔަ އިންވެސްޓިގޭޝަނުން ވަނީ، ދޮގު މަޢުލޫމާތު ފެތުރުމަށް، އެންމެ ފުރަތަމަ ޓުއީޓު ކުރި ފަރާތާއި، އޭނާގެ ޓުއީޓަށް ވާގިވެރި ވީ ފަރާތްތައް ހޯދައިގެންފައެވެ. ދޮގު މަޢުލޫމާތު ފެތުރި ފުރަތަމަ މީހާ އަކީ އިނގިރޭސި އަންހެނެއް ކަން ހޯދައި ގަނެވުނެވެ. އަދި ޕާކިސްތާނާއި އެމެރިކާއިން އޭނާގެ ޓުއީޓް ވަރަލް ކުރުމަށް އެހީތެރިވި މީހުން ހޯދައިގަނެވުނެވެ. ޕާކިސްތާނު މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލާގައި ދިވެހި ސަރުކާރުން އަޅާފިޔަވަޅަކީ ދުނިޔެއިން ވަޒަން ކުރާނެ ފިޔަވަޅެއް ކަން ކަށަވަރެވެ. އެހެންވެ، މި ފިޔަވަޅަކީ ސިޔާސީ ކުލަވަރެއް ނެތް، އާރުލާ ފިޔަވަޅެއް ކަމުގައި ވާންވާނެއެވެ.

ހިއްސާ ކުރައްވާ!