އޭޝިއާގެ ފުރަތަމަ ޓްރިލިއަނަރަކަށް އަދާނީ

އެމެރިކާގެ ނޫސްތަކުން 1916 ވަނ އަހަރު އެ ޤައުމުގެ ފުރަތަމަ ބިލިއަނަރު އިޢުލާން ކުރިއެވެ. ތެލުގެ އަގު އުފުލިގެން ދިއުމާ އެކު ސްޓޭންޑަރޑް އޮއިލްގެ ޙިއްސާގެ އަގު އުފުލިގެން ދިއުމުން އެ ކުންފުނީގެ ބާނީ އަދި އެންމެ ބޮޑު ހިއްސާދާރު ޖޯން ރޮކްފެލަރ ބިލިއަނަރަކަށް ވެގެންދިޔައެވެ.

ސީއެންބީސީން ރިޕޯޓު ކުރި ގޮތުގައި އެމެރިކާގެ ފުރަތަމަ ބިލިއަނަރު ފެނުނުތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް ވަނީ ކާކުތޯއާ މެދު މިހާރު ސުއާލު ކުރެވެއެވެ.

ދުނިޔޭގެ ފުރަތަމަ “ޓްރިލިއަނަރ” ގެ މަގާމު ހޯދާނެ ކަމަށް ލަފާ ކުރެވެނީ، އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ޓެސްލާގެ ސީއީއޯ އެލޮން މަސްކް އެވެ. ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މަސްކަކީ، 251 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ މީހެކެވެ. މަސްކް ޓްރިލިއަނަރަކަށް ވާނީ 2027 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މުއްސަނދިކަން އެވްރެޖްކޮށް އަހަރަކު 110 އިންސައްތައިގައި ކުރިއަރަމުން ދާނަމަ އޭނާއަށް އެ މުއްދަތުގައި އެކަން ޙާޞިލު ކުރެވޭނެއެވެ.

ދުނިޔޭގެ ދެވަނަ ޓްރިލިއަނަރަކަށް ވާނީ އިންޑިއާގެ އަދާނީ ކުންފުނީގެ ބާނީ ގައުތަމް އަދާނީ އެވެ. އޭނާއަކީ، އިންޑިއާގައި ހަކަތައާއި އިންފްރާސްޓްރަކްޗަރ އަދި ލޮޖިސްޓިކްސް ވިޔަފާރިތަކުގައި އުޅޭ މީހެކެވެ. އަދި އޭނާ މަސައްކަތް ކުރާ ދާއިރާތަކުން އަވަސް ކުރިއެރުންތައް ހޯދަމުން ދެއެވެ.

ތިން ވަނަ ޓްރިލިއަނަރަކަށް ވާނެ ކަމަށް ލަފާ ކުރެވެނީ، އެންމެ ފަސް އަހަރު ތެރޭގައި ތިން ބިލިއަން ޑޮލަރުން 90 ބިލިއަން ޑޮލަރަށް އަމިއްލަ މުއްސަނދިކަން އިތުރުވި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އެވެ. އޭނާ އެހިސާބަށް ފޯރާނީ، 2028 ވަނަ އަހަރުގައި ކަމަށް ލަފާ ކުރެވެއެވެ.

ދުނިޔޭގެ ހަތަރު ވަނަ ޓްރިލިއަނަރަކަށް ވާނީ، އިންޑޮނޭޝިއާގެ ޕްރަޖޯގޯ ޕަންޖެސްޓޫ އެވެ، އެއީ، ހަކަތައާއި މައުދަން ކޮނުމުގެ މަސައްކަތް ކުރާ ކުންފުނި ޕަރެޓޯ ޕެސިފިކްގެ ބާނީއެވެ. މިހާރު އޭނާގެ މުއްސަނދިކަން ކުރިއަރަމުންދާ މިންވަރަށް ބަލާއިރު 2028 ވަނަ އަހަރުގެ ނިޔަލަށް ޓްރިލިއަނަރުންގެ ލިސްޓުގައި އޭނާ ހިމެނޭނެއެވެ.

ހިއްސާ ކުރައްވާ!