އީރާނުން ރަޝިޔާއަށް ހަތިޔާރު ދިނުން މައްސަލައެއް | އެމެރިކާއިން ޔުކްރެއިނަށް ހަތިޔާރު ދޭން ހުރަހެއް ނެތް!

އީރާނުން ރަޝިޔާއަށް ބެލެސްޓިކް މިސައިލް ސަޕްލައިކޮށްދޭނެ ކަމަށް މީޑިއާގައި ރިޕޯޓު ކުރުމާ ގުޅިގެން އެކަން ނުކުރުމަށް ޔުކްރެއިން އިން އީރާނަށް އިންޒާރު ދީފިއެވެ. އީރާނުން ރަޝިޔާއަށް ބެލެސްޓިކް މިސައިލް ދޭނެކަމުގެ ރިޕޯޓު އެންމެ ފުރަތަމަ ޝާއިއު ކުރީ ވޯލް ސްޓްރީޓް ޖާނަލް އާއި ސީއެންއެން އިންނެވެ. ބްލޫމްބާގުން ވެސް މި ހަފްތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާގެ އޮފިޝަލުން ލަފާކުރަނީ އީރާނުން ރަޝިޔާއަށް މިސައިލް ސަޕްލައި ކޮށްދޭނެ ކަމަށެވެ. މިއީ އެމރިކާއިން ބާރުގަދަ މިސައިލް ޔުކްރެއިން އަށް ދިނުމަށް ބޭނުން ކުރާ ޕްރޮޕެގެންޑާއެއް ކަން ނޫނީ ހަޤީޤީ ވާހަކައެއްކަން އަދި ސާފެއް ނުވެއެވެ.

ޔުކްރެއިން ހަނގުރާމައަކީ، އެމެރިކާއާއިން ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ހިންގާ ޕްރޮކްސީ ހަނގުރާމައެކެވެ. މި ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި ފައިސާއަކީ ހުޅަނގުން ދޭ ތަކެއްޗެވެ.

އިނގިރޭސިވިލާތުން ދަނީ 160 މިލިއަން ސްޓާލިން ޕައުންޑްގެ މިސައިލް ޔުކރެއިންއަށް މިހަފްތާގައި ފޮނުވުމަށް ތައްޔާރު ވަމުންނެވެ.

ވައިޓް ހައުސްގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޝޯން ސެވިޓް ވިދާޅުވީ ރަޝިޔާ އާއި އީރާނުގެ ސަލާމަތީ ޕާޓްނަޝިޕަކީ ޔުކްރެއިން ހަނގުރާމަ ފެށުނުފަހުން ކުރިއަށް ދާ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމަކީ އެމރިކާއާއި ހުޅަނގުން ނުތަނަވަސްކަމާއެކު ބަލަމުންދާ ކަމެއްކަމުގައި އޭނާ ވިދާޅުވެއެވެ.

އެމެރިކއާއާއި ހުޅަނގުން ޔުކްރެއިން ލައްވައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ތެޔޮޖަހައި ހުޅު ރޯކުރަމުން ދިއުމާ ގުޅިގެން، އީރާނުން ވެސް ވަނީ ރަޝިޔާއަށް ޔުކްރެއިންގެ ޙަމަލަތަކުން ދިފާޢު ވުމަށް ޑްރޯން ފޯރުކޮށްދީ ފައެވެ. އީރާނަކީ މެދުއިރުމަތީގައި އަސްކަރީ ޑްރޯން އުފައްދައި ބޭނުން ކުރުމުގެ ލީޑަރެވެ.

ވޮޝިންޓަނުން ހުކުރު ދުވަހު ބުނެފައިވަނީ އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ދޭނަމަ، އެއީ ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފުޅާ ކުރާނެ ޢަމަލެއް ކަމަށެވެ.

ރަޝިޔާއިން ދަނީ ޔުކްރެއިންގެ ސަރަހައްދާ ދިމާއަށް ކުރިއަށް ޖެހެމުންނެވެ. އަދި ކާސްކު ސަރަހައްދަށް ޔުކްރެއިން ދިން ޙަމަލައަށްފަހު ރަޝިޔާ ސިފައިން ދަނީ ޔުކްރެއިންގެ ނާޒީ ސިފައިން ވަށާލައި އެ ސަރަހައްދު އެކަހެރިކޮށްލުމަށް ކުރިއަށް ޖެހެމުންނެވެ.

ޔުކްރެއިނަކީ ހަނގުރާމައިން ސުންނާފަތިވެފައިވާ ޤައުމަކަށް ވެފައިވާ އިރު އެޤައުމުގެ ސަރުކާރާކީވެސް އިންތިޚާބީ ސަރުކާރެއް ނޫނެވެ. މި ދިޔަ ހަފްތާގައިވެސް ގަނޑުކޮށް ވަޒީރުންތަކެއް މަގާމުން ދުރުކޮށްފައި ވެއެވެ. ސިފައިންގެ ސަފުތަކުގައި ކޮރަޕްޝަން އިތުރުވުމާއެކު އެމީހުން ދަނީ އެމީހުންގެ މުހުތާދުތައް ފޫބެއްދުމަށް ހަތިޔާރުވެސް ކަޅު ބާޒާރުގައި ވިއްކަމުންނެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީންވެސް ކާނާވެސް ގަންނަމުންދަނީ ބާޒާރުގެ އަގަށްވުރެން އެތައް ގުނައަށް އިތުރަށް ބިލުގައި ޖަހައިގެން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީއަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެއެވެ.

އީރާނުން ރަޝިޔާއަށް ފޯރުވައިދޭ އަސްކަރީ އެހީއަކީ ރަޝިޔާގެ ދިފާޢަށް މުހިންމު ތަކެއްޗެވެ. ރޮއިޓާސް އިން އޮގަސްޓް މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން އެތައް ސަތޭކަ ކުރު ރާސްތާގެ ފަތަޙް-360 ބެލިސްޓިކް މިސައިލްތަކެއް ރަޝިޔާއަށް ސަޕްލައި ކުރާނެއެވެ. މިވާހަކައަށް އީރާނުން ޔަޤީންކަމެއް ލިބިފައެއް ނުވެއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޝޯން ސަވިޓް އީރާނާ ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ، އާދަވެގެން އެމެރިކާގެ ޒަޔަނިސްޓު ސިޔާސަތުތަކަށް ސަޕޯޓު ނުކުރާ ޤައުމުތައް ނުބައި މީސްކުރުމަށް ދައްކާ ބާވަތުގެ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!