ހަމާސްގެ މެހުމާން ބުނާ ގޮތުން ޣައްޒާގެ ބިންގަރާސްގެ މައުލޫމާތެއް ޔަހޫދުން އަތަކު ނެތް

ޙަމާސްގެ މެހުމާންދާރީގައި ދުވަސްތަކެއް ހޭދަކޮށްފައިވާ ޔަހޫދީ އަސީރާ، އަދީނާ މޯޝޭ ބުނަނީ، ޔަހޫދީންގެ ވެރިން ހަމާސްގެ ބިންގަރާސްތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިއަސް އެމީހުންނަށް އެތަންތަނާ ބެހޭ މަޢުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

އިޒްރޭލުގެ މީޑިއާއިން އަދީނާ މޯޝޭއާ ހަވާލާދީ ބުނެފައި ވަނީ ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ އެތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓާ (ޝިން ބެޓް) އިން އޭނާގެ ގާތުން ޣައްޒާގެ ބިންގަރާސްތަކުގެ ކުރެހުމެއް ހަދައިދޭން އެދުނު ކަމަށެވެ. އެމީހުން އެކަމަށް އެދުނީ، “އެމީހުންގެ ސިކުނޑީގައި އެކަމުގެ އެއްވެސް ކަމެއް ނެތީމަ” ކަމަށެވެ.

ހަމާސްގެ މެހުމާންދާރީގައި ހުރުމަށްފަހު، މޯޝޭ ދޫކޮށްލުމަށްފަހު ޝިންބެޓުން ވަނީ އޭނާއަށް ޒިޔާރަތްކޮށް އިންޓަރވިއުކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި ޣައްޒާގެ ބިންގަރާސްތަކަކީ، “މުޅި ގައްޒާގެ ބިމުގެ އަޑީގައި ދިގު ދެމިގެންވާ އޮޅުން ބޮޅުން ބޮޑު، ބިންގަރާސްތަކެއް ކަމަށާއި އެއީ އިޒްރޭލުގެ އަސްކަރީ ފިއްތުން ތަކުން އަސަރެއް ކުރާނެ ތަންތަނެއް ނޫން” ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، ޔަހޫދުންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަދި ދޮގުހަދާ މީހެއް ކަމަށާއި، އޭނާއަށްވެސް އަދި ސިފައިންނަށްވެސް ހަމާސްގެ ބިންގަރާސްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ނެތް ކަމަށެވެ.

މޯޝޭ ވަނީ ނަތަންޔާހޫއާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އަސީރުން އަނބުރައި ގެނައުމަށް ބާރުއަޅައި ވާހަކަ ދައްކާފައެވެ.

ޔަހޫދީންނަށް ވާގިވެރިވާ، ނިއުޔޯކް ޓައިމްސް އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޣައްޒާގައި ހުރި ޓަނަލްތަކަކީ ޔަހޫދުންގެ ސިފައިންނަށް ބިމުގެ އަޑީގައި ފެންނަން ހުރި ބިރުވެރި ހުވަފެނެއް ކަމަށާއި އެއީ ހަމާސްއަށް ދިރި ދެމި އޮތުމަށް ޖާދޫއެއް ކަމަށެވެ. އެނޫހުގައި ބުނެފައިވާ ގޮތުން އިޒްރޭލުގެ ޖާސޫސީ އޮފިޝަލުން ލަފާކުރަނީ ޣައްޒާގެ ދެކުނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާން ޔޫނިސްގެ ދަށުގައި ގާތްގަނޑަކަށް 160 ކިލޯމީޓަރުގެ ޓަނަލްތައް ހުރިކަމަށެވެ.

ހިއްސާ ކުރައްވާ!