އެމެރިކާއިން ވިއެޓްނާމަށް ގެންނަން އުޅޭ ކުލައިގެ އިންޤިލާބު

ހަނގުރާމަތައް އެކްސްޕޯޓްކޮށް، “ކުލަ އިންގިލާބުތައް” ފަށަނީ ކޮން ޤައުމަކުންތޯ ތިބާ ސުއާލު ކޮށްފާނެއެވެ. ނޭނގިގެނެއް ނޫން ކަން ޔަޤީނެވެ! ވިއެޓްނާމްގެ [ކިއުޕީވީއެން] ޓީވީ ޗެނަލުން ވަނީ އެމެރިކާއިން ކުލައިގެ އިންޤިލާބެއް ވިއެޓްނާމްގައި ގެންނަން އުޅޭކަމަށް ތުހުމަތުކޮށް އެކަމަށް ރައްޔިތުން ސަމާލުވާން އިލްތިމާސްކޮށްފައެވެ.

“ޑިމޮކްރަސީގެ މޮޑެލް” ގެ ދިހުނުކަން އެމެރިކާއިން ގެއްލިގެންދާއިރު، ވޮޝިންޓަނުން އަދިވެސް މަސައްކަތް ކުރަނީ ޑިމޮކްރަސީ ދަސްކޮށް ދޭށެވެ. “އެމެރިކާގެ ޑިމޮކްރަސީ” ގެ ޠަބީޢަތް ހާމަކުރަން ބަލާއިރު އެންމެ ފުރަތަމަ ކަމަކަށް އެމެރިކާއިން އަބަސްދުވެސް ބަލާނީ ހަވަރު އެއްކޮށްލުމަށްޓަކައި ކުލައިގެ އިންޤިލާބެއްް ތަޢާރަފް ކުރާށެވެ.

ހަނދާނަށް އާދޭ ހެއްޔެވެ؟

2003 ވަނަ އަހަރު ޖޯޖިއާގައި ހިނގި “ފިނިފެންމާ އިންޤިލާބު” އެއީ މި ބުނާ ވާހަކައެވެ. އެއަށްފަހު 2004 ވަނަ އަހަރު ޔޫކްރޭންގައި ހިނގި “އޮރެންޖް އިންގިލާބު” ހަނދާނަށް އާދޭ ހެއްޔެވެ؟

2005 ވަނަ އަހަރު ކިރްގިސްތާނުގައި ހިނގި “ޓިއުލިޕް އިންގިލާބު” އަދި  2011 ވަނަ އަހަރު އަރަބި ޤައުމުތަކުގައި ހިންގަން ފެށި، “އަރަބި ރަބީޢު” އިންޤިލާބު ހަނދާނަށް އާދޭ ހެއްޔެވެ؟

މިއީ އެމެރިކާގެ އަމިއްލަ އެލްޖީބީޓީގެ އަގުތައް ތަޢާރަފްކޮށް، މުޖުތަމަޢު އެފުށް މިފުށަށް ޖަހާލުމަށް ހިންގާ “ކުލަ އިންޤިލާބުތައް” ދައްކައިދޭ ތާރީޚު ފީތާއެވެ.

ބަޑިން ޑިމޮކްރެސީއަށް ގެންނަން އުދަގޫކަން އިރާޤާއި އަފްޣާނިސްތާނުން އެމެރިކާއަށް އެކްސްޕޯޓު ކޮށްދިން ބޮޑީ ބޭގްތަކާއި ސައްދޯންތަކުން ސާފުވެއެވެ. އެހެންވެ، “ޑިމޮކްރަސީ”ގެ ނަމުގައި ބަޑިއާއި އުންޑައާ ނުލައި ކުލައިން ބަދަލެއް ގެނައުމަށް އެމެރިކާ ބޭނުންވެއެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި، ވައްޓާލި ހުރިހާ ސަރުކާރެއް ވައްޓާލާފައި ވަނީ ހަވަރު އެއްކޮށްގެން ކުލައިގެ އިންޤިލާބެއްގެ ތެރެއިންނެވެ. ޔަޤީނުންވެސް ނިސްބަތުން ބަލާނަމަ 90 އިންސައްތަ ސަރުކާރުތައް ވައްޓާލާފައި ވަނީ ކުލައިގެ އިންޤިލާބުންނެވެ.

އެމެރިކާއަކީ ސަރުކާރުތައް ވައްޓާލައި ބަޣާވާތަށް ފަހިކޮށްދިނުމުގެ މޭސްތިރިއެއް ކަމަށް ލިންޑްސީ އޭ އޯރޫކް ގެ ފޮތް، [ކޮވަރޓް ރެޖިމް ޗޭންޖް: އެމެރިކާސް ސީކްރެޓް ކޯލްޑް ވާރ] ގައި ބުނެފައި ވެއެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ސަރުކާރުތައް ވައްޓާލުމަށް 64 މަސައްކަތެއް ސިއްރުން ކުރިކަމަށާއި ފާޅުގައި ހަ މަސައްކަތެއް ކުރިކަމަށް އެފޮތުގައި ކިޔައިދީފައި ވެއެވެ.

އެމެރިކާގެ ކުލައިގެ އިންޤިލާބުގެ އެންމެ ބޮޑު ނުހޮރޮއްޕާނެއް ލައިގަތީ ޔޫރޭޝިއާގެ ޤައުމުތަކަށެވެ. ޖޯޖިއާގެ ރައީސް އެޑްއާޑް ޝެވަޑްނާޒޭ ރިއާސީ އިންތިޚާބުގައި މަކަރު ހެދިކަމަށް ވާހަކަ ފަތުރައި 2003 ގައި އޭނާ އިސްތިއުފާ ދެއްވުމަށް އެމެރިކާއިން މަޖުބޫރު ކުރުވިއެވެ. ފިތުނައަށް ފުޅާކޮށް ދޮރު ހުޅުވާލަދީ، އެމެރިކާއިން އިދިކޮޅު މީކާއީލް ސާކާޝްވިލީއަށް ތާއީދު ކުރާކަން ދެއްކިއެވެ. އެ އިންޤިލާބު މަޝްހޫރު ވެގެން ދިޔައީ ޖޯޖިއާގެ ފިނިފެންމާ އިންޤިލާބުންނެވެ.

އެއަށްފަހު އަހަރަކުން އަހަރަކުން، ރަޝިޔާއަށް ކިރިޔާވެސް ތާއީދު ކުރާ ސަރުކާރެއް އޮވެއްޖެނަމަ އެފަރާތެއް ވައްޓާލުމަށް އެމެރިކާއިން އެސަރަހައްދުގައި މަސައްކަތް ކުރިއެވެ.

އެމެރިކާއިން މޯލްޑޯވާގައި “ކުލަ އިންގިލާބެއް” ފަށަން ރޭވިއެވެ. އެކަން ބޭޒާރުކޮށްލީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރު ސަރގޭ ނަރިޝްކިން އެވެ.

އަރަބި ދުނިޔޭގައި ފެށި ހަމަނުޖެހުންތަކުގައި ސަލާމަތްވި ސަރުކާރުތައް ސަލާމަތްވީ އެމެރިކާއަށް ދީލައިލައިގެންނާއި ފަލަސްޠީނު ނީލަން ކިޔައި އެމެރިކާއާއި އިޒްރޭލުގެ އުނގަށް ވެއްޓުމުންނެވެ.

ބައެއް ޤައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ހިނގައި، އަނެއް ބައިތަންތަން ސުންނާފަތިކޮށް، ޤައުމުތަކުގެ އިޖުތިމާޢީ އިޤްތިޞާދީ ބިންގާ މުލުން ލުހެލައި ފޭރާން ދޭސީކޮށްލިއެވެ.

“ކުލަ އިންގިލާބަކީ” ގަސްތުގައި ރާވައިގެން ހިންގާ ސިޔާސީ ޢަމަލެކެވެ. އެއީ އެކަމަށް ރާވާން ތިބޭ ބަޔަކާއި، އެކަމަށް މީހުން ތަމްރީނު ކުރަން ތިބޭ ބަޔަކާއި، އެކަމަށް ހޭދަ ކުރަން ތިބޭ ބަޔަކާއި، އެކަމަށް ހިތްވަރުދޭ ބަޔަކާއި ހަމަނުޖެހުން އުފައްދާ މީހުންނާއި ގޭންގްތަކާއި ކުލީ ޓެރަރިސްޓުންފަދަ މައްސުނި ބައިގަނޑެއް އެއްވެގެން ހަމަނުޖެހުން ހިންގުމަށް ފަށައިގަންނަ ކަމެކެވެ. ކޮންމެ ބަޔަކު އެބައެއްގެ އަމިއްލަ މަޤްޞަދު ޙާޞިލު ކުރާށެވެ.

އޭގެ ދެވަނަ މަރުޙަލާގައި ނަފްސާނީ ހަނގުރާމައެއް ފަށާނެއެވެ. އަދި އެއަށްފަހު، ސިޔާސީ އެކްޓިވިސްޓުންގެ ގްރޫޕެއް ހޯދައި އިންތިޒާމުކޮށް، ސިޔާސީ އިދިކޮޅު ޝުއޫރުތައް ފާޅުކުރަން ފަށައި އެކަމަށް ސިޔާސީ ޝަރުޢިއްޔަތެއް ދޭނެއެވެ.

މިކަންކަމުގައި އެމެރިކާއިން ގެންގުޅޭ ބައެއް އާލާތްތަކަކީ މުހިންމު އާލާތްތަކެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންޖީއޯތަކަކީ ޔަހޫދީ ޖޯޖް ސޯރޯސްފަދަ ފަރާތްތަކުން ދީލަތިކޮށް އެހީ ދޭނެ ޖަމާޢަތްތަކެވެ.

މި އެންޖީއޯތައް ތަރައްޤީ ކުރުމަށް އެމެރިކާ އިން ތަޖުރިބާކާރުން ފޮނުވާނެއެވެ. މިވާހަކައަކީ، ތިބާ ނުތަނަވަސްވާފަދަ ކަމެއް ކަމުގައިވާނަ، ތިބާގެ ޤައުމުގައި އެމެރިކާގެ މަޝްހޫރު އެންޖީއޯއެއް ކަމަށްވާ (ސަރުކާރުން ހޭދަކުރާ) ނޭޝަނަލް އެންޑޯމެންޓް ފޯ ޑިމޮކްރަސީ (އެންއީޑީ) އިން ހަރަކާތްތެރިވޭތޯ ބަލާށެވެ!

2016 ވަނަ އަހަރުގެ ނިޔަލަށް އެންއީޑީން ބޮޑު ޤައުމެއްގައި، 103 ފަރާތަކަށް އެތައް މިލިއަން ޑޮލަރު ދީފައިވާކަމަށް ޑޮކިއުމެންޓް ކުރެވިފައި ވެއެވެ.

މިއީ ޔޯލަ ވާހަކައެއް ނޫނެވެ! މިސްރުގެ 2008ގެ ހަމަނުޖެހުންތަކުގައި އުޅުނު އެކްޓިވިސްޓް ޒުވާނުން ފުލުހުންނަށް ދިން މަޢުލުމާތުގައި ނިއުޔޯކްގައި “އިންޓާންޝިޕް” ހެދިކަމަށް އެއްބަސްވެފައި ވެއެވެ.

ތިބާގެ ޤައުމުގެ މީހުންގެ ބަހުން [ރޭޑިއޯ ފްރީ އޭޝިއާ] ބްރޯޑްކާސްޓް ނުކުރާނަމަ މިވާހަކަ މުޅިން ބޮލަށް ނަގައިގަންނަން އުދަނގޫ ވެދާނެއެވެ.

ރޭޑިއޯ ފްރީ އޭޝިއާއަކީ، 26 ބަހަކުން ދުރަށް ފޮނުވާ، ހަފްތާއަކު 40 މިލިއަން މީހުންނާ ހަމައަށް އެމެރިކާ ބޭނުންވާ މަޢުލޫމާތު ފޯރުވައިދޭ ރޭޑިއޯއެކެވެ. 2019ގައި އެ ރޭޑިއޯއިން 124 މިލިއަން ޑޮލަރު ހޭދަ ކުރިއެވެ.

މި ކުލަ އިންޤިލާބުތައް އައިސްގެން އެމެރިކާ ބޭނުންވާ ޑިމޮކްރެސީން ބަދީގޭގެ އުދުނުން ކާނާ ރޯފިލުވައި ދޭ ހެއްޔެވެ؟ ނޫނެކެވެ!

މިސްރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން 2016 އަށް އަރަބި ރަބީޢުގެ މަގުމަތީގެ ހަލަބޮލިކަމާއެކު މިސްރުގެ އެކްސްޕޯޓް 27 ބިލިއަން ޑޮލަރުން 18.7 ބިލިއަން ޑޮލަރަށް ދަށްވެގެން ދިޔައެވެ. އަދި ބޮޑު އިޤްތިޞާދީ އަޑިގަނޑަކާއެކު ބޮޑު އިންފްލޭޝަނަކާވެސް ކުރިމަތިލާން ޖެހުނެވެ.

ޖުމްލަކޮށް ބަލާއިރު “އަރަބް ސްޕްރިންގް” އާއި އޭގެ ފަހުން ހިނގި އަރަބި ޤައުމުތަކުގެ ހަމަނުޖެހުންތަކާ ހެދި ޢަރަބި އިޤްތިޞާދުތަކުން 830 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ބޭކާރުވެގެން ދިޔަ ކަމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި އަރަބް ސްޓްރެޓެޖީ ފޯރަމްގައި ހުށަހެޅި ތަހުލީލެއްގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!