ޔަހޫދުންގެ ބޮޑު ވަޒީރާއި ދިފާޢީ ވަޒީރު ހައްޔަރު ކުރުމަށް އަމުރު ނެރެދިނުން އަވަސްކޮށްދިނުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ޚާން އެދިވަޑައިގެންފައެވެ. ހައްޔަރު ކުރުމަށް އަމުރު ހޯދާ ލސްޓުން އޭނާ ވަނީ ދެ ބޭފުޅެއްގެ ނަން އުނިކުރައްވާފައެވެ. އެއީ ޝަހީދު އިސްމާޢީލު ހަނިއްޔާ އާއި މުޙައްމަދު ޟައިފު އެވެ. ޟައިފު ޝަހީދުވިކަން ނޫނީ ނުވާކަން ޔަޤީން ނުވާތީ އެ ދެބޭފުޅުންގެ ނަން ހިމަނުއްވާފައެއް ނުވެއެވެ. ނަމަވެސް ފަލަސްޠީނުގެ މިނިވަންކަމުގެ ހަނގުރާމައިގެ މޭސްތިރި އަދި ހަމާސް ލީޑަރު ޔަޙުޔާ ސިންވާރުގެ ނަން ވަނީ ހިމަނުއްވާފައެވެ.
ކަރީމް ޚާން ވިދާޅުވަނީ “ފަލަސްތީނުގެ ހާލަތު ގޯސްވަމުންދާތީ” އެ އަމުރުތައް ނެރުމަށް އަވަސް ގޮތަކަށް ކޯޓުން ވިސްނަން ވެއްޖެ ކަމަށެވެ.
އެކްސިއޮސްއިން ރިޕޯޓުކޮށްފަވާ ގޮތުގައި ޔަހޫދުންގެ ސަރުކާރުން ވަނީ ޔަހޫދުންގެ ޤައުމުގެ ވެރިން ސަލާމަތް ކޮށްދިނުމަށް ކުރެވެން ހުރިހުރިހައި މަސައްކަތެއް ކޮށްދިނުމަށް އެމެރިކާގައި ހުންނަ ޔަހޫދުންގެ އެމްބަސީއާއި ކޮންސިއުލޭޓު އޮފީސްތަކަށް އަންގާފައެވެ. އަދި އާންމު ތަންތާގައި ޔަހޫދުންގެ ވެރިންގެ ތާއީދުގައި ވާހަކަ ދެއްކުމަށާއި އެ އޮފީހެއް ހުންނަ ހިސާބެއްގެ ކޮންގްރެސްގެ މެމްބަރަށް ގުޅައިގެން ދެކުނު އެފްރިކާއަށް ފިއްތުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ވެސް ބާރުއަޅާފައި ވެއެވެ.
ދެކުނު އެފްރިކާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން ޔަހޫދުން ކުރާ މަސއްކަތުން އެޤައުމުގެ ޚިޔާލު ބަދަލުކޮށެއް ނުލެވޭނެއެވެ.