އެމެރިކާގެ ރިއާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެންމެ ފަހުގެ ވިޔަފާރިއާ ބެހޭ މަޢުލޫމާތު ހާމަ ކުރައްވައިފިއެވެ. ޓްރަމްޕް މި މަޢުލޫމާތު ދެއްވީ އެކްސްގައި ލައިވް ސްޓްރީމެއްގައެވެ. އޭނާގެ އެންމެ ފަހުގެ ވިޔަފާރިއަކީ، ކްރިޕްޓޯކަރަންސީއެވެ.
“ކްރިޕްޓޯއަކީ އަހަރަމެން ކުރަން ޖެހޭ ކަމެއް. ރުހުނަސް ނުރުހުނަސް އެކަން ކުރަން ޖެހޭ” ކެންޑިޑޭޓް ޓްރަމްޕް ވިދާޅުވިއެވެ.
މި މުނާސަބާގައި އެކަމަށް ތަފްޞީލުކޮށް އޭނާ ވާހަކައެއް ނުދައްކަވައެވެ. އޭނާ އެކަން ހާމަ ކުރެއްވިއިރު އޭނާގެ އަހިރު ތިބީ، ރަޙުމަތްތެރިއަކާއި އާއިލާގެ ބައެއް ބޭފުޅުންނާއި އޭނާގެ ކްރިޕްޓޯ ވިޔަފާރީގެ ދެ ޕާޓްނަރުންނެވެ. ނަމަވެސް އެމީހުންނަކީ، މިފަދަ މަތީ ފެންވަރުގެ ވިޔަފާރިއެއް ހިންގުމުގެ ޤާބިލު ކަން ހުރި ބަޔެއްކަމަކަށް އެމީހުންނެއް ނުބެލެވެއެވެ. އޮގަސްޓު މަހުވެސް ޓްރަމްޕް ވަނީ ކްރިޕްޓޯގެ ވާހަކަ ދައްކަވާފައެވެ. އޭނާގެ ނިޔަތެއް މިކަމުގައި ސާފެއް ނުވެއެވެ.
އޭނާގެ ވިޔަފާރި ބައިވެރިންގެ ދެމީހުންގެ ތެރޭން އެކަކު އޭނާގެ ވަނަވަރާ ބެހޭ ގޮތުން މީސްމީޑިއާގައި ލިޔެފައި ވަނީ އޭނާއަކީ، “އިންޓަރނެޓުގެ ގުއި ބޮނޑިއެއް” ކަމަށެވެ. އަދި އަނެކަކު މިސްމީޑިއާގައި އޭނާ ތަޢާރަފްކޮށް ލިޔެފައި ވަނީ އޭނާއަކީ، “އަންހެނުން އަތު އަޅުވާލުމަށް މޮޅު ގޮތްތައް ދަސްކޮށްދޭ ކިލާސްތައް ނަގައިދޭ ސޮރެއް” ކަމަށެވެ.
ކްރިޕްޓޯކަރަންސީއާ ބެހޭ ގޮތުން:
އެއީ ހަޤީޤީ އެއްޗެއްގެ ގޮތުގައި ލޮލަށް ނުފެންނަ މަޖާޒީ ސުމޭކު ފައިސާއެވެ. އުނދަގޫ ހިސާބު ޢިލްމުގެ ފަންނުގެ ހަމަތަކެއް ބޭނުންކޮށްގެން މުޢާމަލާތު ކުރެވޭ މި ފައިސާއަކީ އާންމު ނަގުދު ފައިސާއާ ޚިލާފަށް އެއްވެސް ސަރުކާރެއްގެ ނޫނީ މަރުކަޒީ ބެންކެއްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އެއްޗެއް ނޫނެވެ. ކްރިޕްޓޯއަކީ، ލާ މަރުކަޒު ވިއުގައެއްގައި ބްލޮކްޗެއިން ނަމަކަށް ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އެތައް ހާސް ކޮމްޕިއުޓަރެއްގެ ޒަރީޢާއިން ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި، މުޢާމަލާތައްތައް ކަށަވަރުކޮށް އޭގެ ހިސާބުކިތާބު ބަލަހައްޓާ މަޖާޒީ ފައިސާއެކެވެ.
އާންމު މީހަކު މި ފައިސާއާ މެދު ވިސްނާލަންވީ، މިއީ މުދަލާއި ސާމާނު ގަނެވޭ އިންވެސްޓު ކުރެވޭ އަދި އެހެން މީހުންނަށް ފޮނުވޭ އިންޓަރނެޓް ފައިސާގެ ގޮތުގައެވެ.
މީގެ މިސާލަކީ އާންމުކޮށް އަޑު އިވޭ، ބިޓްކޮއިންއާއި އިތެރަމްއާއި ލައިޓްކޮއިން ފަދަ މަޝްހޫރު ކްރިޕްޓޯކަރަންސީއެވެ.