މުޖުރިމު ނަތަންޔާހޫގެ ވާހަކަ އަޑުއަހަން އިންނާކަށް ދިވެހި ވަފްދުން ބޭނުމެއް ނުވި

ހިފާފައިވާ ފަލަސްތީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ދައުލަތުގެ ބޮޑު ވަޒީރު އދގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަން ފެށުމުން ދިވެހި ވަފްދުން ޖަލްސާ ދޫކޮށް މާލަމުން ބޭރުވެއްޖެއެވެ.

ދިވެހި ވަފްދުން މިގޮތަށް ޢަމަލު ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނާ މެދު ގެންގުޅުއްވާ ސިޔާސަތާ އެއް ގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ގޮތުންނެވެ. އދގެ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ކުރެވި ދަތުރުފުޅުގައި އެމަނިކުފާނަށް ވާހަކަ ދައްކަވަން ލިބިވަޑައިގަތް ކޮންމެ ފުރުޞަތެއްގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ އިޒްރޭލުގެ އުދުވާނީ ޢަމަލުތައް ޤަތުލުއާންމެއްގެ ގޮތުގައި ސިފަ ކުރައްވައި ފަލަސްތީނުގެ ޒާތީ މިނިވަންކަމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.

ރައިސް މުޢިއްޒަކީ އިޒްރޭލުގެ ޢަމަލުތައް ޤަތުލުއާންމެއް ކަމަށް ސިފަ ކުރެއްވި ފުރަތަމަ ދިވެހި ލީޑަރެވެ. ރައީސް ވަނީ ޒަޔަނިސްޓުން ނޫސްވެރިންނާ މެދު ހިންގަމުން ގެންދާ އުދުވާން ކުށްވެރި ކުރައްވައި އެކަންވެސް ހާޒިރީންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއއްޔާ އދގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތަޤްރީރަކީ ބައިނަލްއަޤްވާމީ ނިޒާމުގެ އެންމެ އުސް މިންބަރުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ސުލްޙައާއި ސިލްމު ބެލެހެއްޓުމުގައި ފޭލިވެފައިވާ ކަމަށް ވިދާޅުވެ ދިވެހި ލީޑަރަކު ސާފު ބަހުން ދެއްވި އެންމެ ހަރުކަށި އެންމެ ފާހަގަ ކުރެވޭ ތަޤްރީރެވެ. ދުނިޔޭގެ މީޑިއާއިން ވަނީ މި ތަޤްރީރު ފާހަގަ ކޮށް ވާހަކަ ދައްކާފައެވެ.

އާންމު މަޖިލީހުގައި ދިވެހި ވަފްދުން ކަން ކުރި ގޮތާ ބެހޭ ގޮތުން ތަރުޖަމާން ހީނާ ވަލީދު، އެކްސްގައި ލިޔުއްވަނީ: 

އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެ. ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައި. އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައި. ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި.

ހިއްސާ ކުރައްވާ!