އަލީ ރަމީޒު ގެ މަންފާ ޖަމުއިއްޔާ އުފައްދައިފި

ސަލަފު ޖަމުއިއްޔާއިން ވަކިވެވަޑައިގެންނެވި ދާޢީ، އަލީ ރަމީޒު، "މަންފާ" ގެ ނަމުގައި އައު ދީނީ ޖަމުއިއްޔާއެއް އުފައްދަވައި ރަޖިސްޓްރީ ކުރައްވައިފިއެވެ.

މި ޖަމުއިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމްދީނަށް ގޮވާލުމާއި އިސްލާމީ އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް މި ޖަމުއިއްޔާގެ މުހިންމު މަޤްޞަދެކެވެ.

"ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން: އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި އަޅުގަނޑުމެން ޖަމްޢިއްޔާއެއް އުފައްދައިފީމެވެ." މިހެން ވިދާޅުވެ އަލީ ރަމީޒު ވަނީ ޓުވިޓާގައި މިވާހަކަ ހިއްސާކުރައްވާފައެވެ.

އަރަބި ބަހުން "މަންފަޢާ" މިގޮތަށް ލިޔެވޭ މި ޖަމުއިއްޔާގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާއި، ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކާ ބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!