ޙަމާސް ޓްރަމްޕަށް: އަޅެ، ކަލޭ މޮޔަވީތަ؟

އެމެރިކާގެ ރައީސް ޓްރަމްޕް ޣައްޒާއިން މީހުން ބާލައި އެތާގައި ކެސިނޯތަކާއި ލަގްޒަރީ ގެތައް އަޅަން ގެންގުޅޭ ވިސްނުން ފައްކާ ކުރަމުން ދިއުމުން ޙަމާސްއިން އޭނާއަށް މަލާމާތް ކޮށް އެންމެ ހަރުކަށި އިބާރާތުން ޓްރަމްޕްގެ ޔަހޫދީ ފިކުރު ކުށްވެރި ކޮށްފިއެވެ.

ޓްރަމްޕް ވަނީ  ވައިޓް ހައުސްގައި އިޒްރޭލުގެ ޖައްލާދު ނަތަންޔާހުއާއެކު ޣައްޒާއާ ބެހޭ ގޮތުން ސައްލާ ކޮށްފައެވެ."ޣައްޒާ ސްޓްރިޕް ކޮންޓްރޯލް ކުރަން ބޭނުން" ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

އިޒްރޭލުގެ ޒަޔަނިސްޓުން ގިއްގަޅުވާލުމުގައި ކާމިޔާބުވި ހަމާސްއިން ބުނެފައި ވަނީ، ޓްރަމްޕަކީ ބޯހަމަނުޖެހޭ މީހެއް ކަމަށާއި އޭނާއަކީ، "ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މައްސަލައާ ޢަދާވާތްތެރި" ހަތުރެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ފަލަސްތީނުގެ ރައްޔިތުންނާއި އަދި ފަލަސްޠީނުގެ ދިރިތިބި ބާރުތަކުން އަޅުގަނޑުމެންގެ ބިން ހިފުމަށް ނުވަތަ އަޅުގަނޑުމެންގެ ބޮޑު ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އެއްވެސް ފަރާތެއްގެ ބެލެނިވެރިކަން ލާޒިމުކުރުމުގެ ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެން" ޙަމާސްއިން  ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހަމާސްގެ ލީޑަރު ސާމީ އަބޫ ޒުހުރީ ވިދާޅުވަނީ ވަނީ ޓްރަމްޕްގެ ބަޔާންތަކަކީ "މަލާމާތް ކުރުން ހައްގު މުޑުދާރު ވާހަކަތަކެއް" ކަމަށެވެ.

އަދި އޭނާ ވިދާޅުވީ އެއީ މެދުއިރުމަތީ "ސަރަޙައްދުގައި އަލިފާން ރޯކޮށްލަން ބޭނުންވާ" ޒާތުގެ ވާހަކައެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ "ޣައްޒާގެ ރައްޔިތުންނަށް ވަޒަން ދޫކޮށްލުން ނޫން އެހެން ގޮތެއް ނެތް" ކަމަށް ޓްރަމްޕް ބުނާ ވާހަކަތަކާ ދެކޮޅު ހަދާ ކަމަށާއި އެއީ ހަލަބޮލިކަމާއި ހަމަނުޖެހުން އުފެއްދުމަށް ކަނި ރޯލކޮށްލުމެއް ކަމަށް ދެކޭ ކަމަށެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އިއްޒަތު އްރިޝްޤާ ވިދާޅުވީ: "ޣައްޒާއަކީ އެއްވެސް ފަރާތަކުން ކޮންޓްރޯލް ކުރަން ޖެހޭ އަދި އެއވްސް ފަރާތަކަށް ކޮންޓްރޯލު  ލިބޭނެ ބިމެއް ނޫން" ކަމަށާއި "ކޮންމެ ހައްލެއް ވެސް ބިނާވެފައި އޮންނަން ޖެހޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމާއި ހައްގުތައް ހާސިލްކުރުމަށް" ކަމަށެވެ.

ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލްޤަނޫ ވަނީ ޓްރަމްޕްގެ ބަޔާންތަކަކީ "ފަލަސްޠީނުގެ އަދުލުވެރި ހައްގެއް ވަޅު ޖައްސާލުމަށް ކުރާ ނިކަމެތި މަސައްކަތެއް" ކަން ކަށަވަރުކޮށްދޭ ވާހަކަތަކެއް ކަމަށެވެ.

އަދި ކިތަންމެ ބޮޑު އަގެއް ދިނަސް "ފަލަސްޠީނު މީހުން އެމީހުންވގެ ވަޒަން ދޫކޮށް ނުދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސްގެ ޑެޕިއުޓީ ޕޮލިޓިކަލް ބިއުރޯގެ ޗީފް މޫސާ އަބޫ މަރްޒޫގް ވިދާޅުވީ ޓްރަމްޕް ކަހަލަ ކިތަންމެ ބަޔަކާވެސް މުއާމަލާތު ކުރެވިދާނެކަމަށާއި ޙަމާސް އޮތީ ޓްރަމްޕާވެސް މުއާމަލާތު ކުރަން ޖެހޭ ފެންވަރެއްގައި މުއާމަލާތު ކުރުމަށް ތައްޔާރަށް ކަމަށެވެ.

ހިއްސާ ކުރައްވާ!