އިންޑިއާގެ ނޭވީއަށް ބޭނުންވާ މަތިންދާ ބޯޓު ގަތުމަށްޓަކައި 630 ބިލިއަން ރުޕީސް (7.41 ބިލިއަން ޑޮލަރު) ގެ އެއްބަސްވުމެއްގައި އިންޑިއާއިން ފްރާންސާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް 26 ރަފަޔަލް ފަޔަރ ޖެޓް ފްރާންސުން ވިއްކާނެއެވެ.
އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އިސްވެ އިންނެވި ކެބިނެޓް ބައްދަލުވުމަކުން މި 26 ބޯޓު ގަތުމަށް ނިންމީ މި މަހުގެ ކުރީކޮޅު ގައެވެ.
އިންޑިއާގެ ވައިގެ ސިފައިން މިހާރުވެސް 36 ރާފަޔަލް ފަޔަރ ޖެޓް ބޭނުން ކުރެއެވެ. އިންޑިއާގެ ސިފައިން މިހާތަނަށް މައިގަނޑު ގޮތެއްގައި ބޭނުން ކުރީ ރަޝިޔާގެ މިގް-29 ޖެޓްތަކެވެ.
އިންޑިއާއިން ވަނީ ސިފައިން ގެ ހަތިޔާރު ޒަމާނީކޮށް، ރަޝިޔާގެ ސާމާނަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ހަތިޔާރު އުފެއްދުން އިތުރުކުރުމަށް ސަމާލުކަން ދީފައެވެ.
ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިއާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް އިތުރުވެ، މަދަނީ އަދި އަސްކަރީ ބޭނުމަށް ބޭނުންވާ ވަސީލަތްތައް ޗައިނައިން ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޖިބޫޓީގައި އަސްކަރީ މަރުކަޒެއް ވެސް ޗައިނާއިން ހަދާފައި ވެއެވެ. އެހެންވެ ސިފައިން ޒަމާނީ ކުރުމަށް އިންޑިއާއަށް މަޖުބޫރު ވެފައި ވެއެވެ.
އަދި އިންޑިއާއިން ވަނީ 1980 ގެ އަހަރުތަކުގައި ފްރާންސުން މިރާޖް 2000 ޖެޓްތަކެއްވެސް ގަނެފައެވެ. އަދި 2005 ވަނަ އަހަރު ސްކޯޕީން ކްލާސް ސަބްމެރިންތަކެއްވެސް އޯޑަރުކޮށްފައެވެ.







