އެމެރިކަން އިންތިފާޟާ: އިޒްރޭލް، ޣާޒާ ވޯރ، ދަ ނިއު އެންޓިސެމެޓިޒަމް ލިޔުނީ އޫރީ ކައުފްމަން
އޫރީ ކައުފްމަން އަކީ އިޒްރޭލުގެ ތާރީޚު، ޔަހޫދީންނަށް ފަހިވާ ގޮތަށް ލިޔުމަށް މަޝްހޫރު ޔަހޫދީ މުއައްރިޚެކެވެ. އޭނާގެ ދިރާސާތައް ފޯކަސްކޮށްފައިވަނީ މެދުއިރުމަތީގެ ތާރީޚާއި އެމެރިކާގެ ސިޔާސީ ކަންކަމަށާއި، ދުނިޔޭގައި އިޒްރޭލުގެ ތަޞައްވުރު ރީތި ވާގޮތަށް ވާހަކަތައް ގެނަސްދިނުމުގެ މައްޗަށެވެ.

ފޮތުގެ ޚުލާޞާ:
އެމެރިކަން އިންތިފާޟާ: އިޒްރޭލް، ޣާޒާ ވޯރ، ދަ ނިއު އެންޓިސެމެޓިޒަމް، ޝާއިއުކޮށްފައި ވަނީ ރިޕަބްލިކް ބުކް ޕަބްލިޝަރ އިންނެވެ. 320 ސަފްހާގެ މި ފޮތް ޝާއިއުކޮށްފައި ވަނީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.
މި ފޮތުގައި އެމެރިކާގެ މިޒާމާނުގެ ވެރިކަމުގެ ދައުރުތަކުގައި އިޒްރޭލާ މެދު މީހުން ދެކޭ ގޮތް ބަދަލުވަމުންދާ ގޮތާއި އިޒްރޭލުގެ ޖަރީމާތައް އެހެން މީހުން ދެކޭ ގޮތަށް ބަލާފައިވެއެވެ.
އޫރީ ކައުފްމަން ބުނަނީ އެއް ޒަމާނެއްގައި މިނިވަން ސިޔާސީ ފިކުރުގެ މީހުން ނިކަން ލޯބިން ދުށް، އިޒްރޭލަކީ މިހާރު އެމީހުން ދެކޭ ގޮތުގައި "އިމްތިޔާޒު ލިބިފައިވާ ހުދު މީހުންގެ އަނިޔާވެރިންގެ" ބައެކެވެ. އަދި މި ތަސައްވުރުގައި އިޒްރޭލު ބަދުނާމު ކުރާއިރު އެމީހުން ފަލަސްތީނުގެ މީހުން ސިފަކޮށް ދެނީ "ކުލައިގެ ނަސްލުގެ ދަރިކޮޅުގެ މީހުން" ގެ ގޮތުގަ އެވެ.
ނަސްލީ ކުލައެއްގައި ދެބައި މީހުން ސިފަ ކޮށްދޭ ވާހަކައާ ބެހޭ ގޮތުން، ކައުފްމަން ބުނަނީ އެއީ ތާރީޚު އޮޅުވާ ލުމެއް ކަމަށެވެ. އަދި އޭނާ ސިފަ ކުރަނީ އެގޮތަށް ވާހަކަ ދެއްކުމަކީ ޔަހޫދީންގެ ނަސްލާ ދެކޮޅަށް ވާހަކަ ދެއްކުމެއް ކަމަށެވެ. މި ވިސްނުމަށް އޭނާ ނަން ދީފައި ވަނީ "އައު އެންޓިސެމެޓިޒަމް"ގެ ގޮތުގައެވެ.
މި ފޮތުގައި ޔަހޫދީން ފަލަސްޠީނާ މެދު ދެކޭ ގޮތުގެ ތާރީޚީ ތަހުލީލުތަކާއި، ސަގާފީ ވާހަކަތަކާއި، އާންމުން ބުނާ ވާހަކަތައް ހިމަނައިގެން އިޒްރޭލަށް ފަހިވާ ގޮތަށް ޔަހޫދީއެއްގެ ނަޒަރުން އޭނާ ކަންކަން ކިޔައި ދީފައި ވެއެވެ.
އޮކްޓޯބަރ 7، 2023 ގައި ހަމާސްއިން ފެށި އަޤްޞާ ޠޫފާން ހަމަލާއަށްފަހު، އިޒްރޭލާ ދެކޮޅު ތަޞައްވުރެއް އެމެރިކާގައި އާލާވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަ ކުރެއެވެ. އަދި އެކަމަކީ ދުރު މުސްތަގްބަލުގައި އިޒްރޭލުގެ ވުޖޫދަށް އެއިން ގެއްލުންވާނެ ކަމެއް ކަމަށް ބުނެ އޭނާ އިންޒާރު ރަނގަބީލު ޖަހައެވެ. ކައުފްމަންގެ ފޮތް އެނބުރެނީ އެނާރެސްގައެވެ.
މުހިންމު ނުކުތާތަކެއް:
ކައުފްމަން ބުނަނީ މިނިވަން ކަމާއެކު ސިޔާސީ ފިކުރުގައި އުޅޭ މީހުން ދެކެނީ އިޒްރޭލު މީހުންނަކީ އަނިޔާވެރިންގެ ގޮތުގައެވެ. ކައުފްމަން ބުނާ މިނިވަން ސިޔާސީ ފިކުރުގެ މީހުންނަކީ އެމީހުންގެ މިހާރުގެ ސިޔާސީ ކެރިއަރުގައި އިޒްރޭލަށް ލޮބީކޮށްދޭ މިލިއަނުން ޑޮލަރު ދޭ ޔަހޫދީ ލޮބީގެ ފައިސާއަށް ބޭނުން ނުވާ މީހުންނެވެ. އެއިން އެއް މިސާލަކީ އޮބާމާއެވެ. ސިޔާސީ މައިދާނުގައި އޭނާ އިތުރަށް ހާސިލުކުރަން ބޭނުންވާ ކަމެއް ނެތުމުން އޭނާގެ ސިޔާސީ ފިކުރު ވަނީ ޔަހޫދީ ލޮބީގެ ކަސްތަޅުތަކުން މިނިވަން ވެފައެވެ.
ކައުފްމަން މަސައްކަތް ކޮށްފައި ވަނީ ފަލަސްތީނުގެ މީހުންނަކީ އަނިޔާވެރި ބައެއްގެ ގޮތުގައި ސިފަ ކޮށްދޭށެވެ. އަދި އޭނާގެ ވާހަކަ ކިޔައި ދިނުމުގައި އާންމު ފަރާތްތަކާއި އެކްޓިވިސްޓުން ބުނާ ވާހަކަތައް ހިމަނާފައި ވެއެވެ. މިވަނީ ކައުފްމަން ފާހަގަކޮށްފައިވާ މުހިންމު މިސާލުތަކެކެވެ.
ބަރަކް އޮބާމާގެ ބަޔާން: އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ދިން ހަމަލާއަށް ފަހު ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ހަމާސްގެ އަމަލުތަކަކީ ފަލަސްޠީނު މީހުންނަށް "ކެތްނުކުރެވޭ އިޒްރޭލުގެ ހިސާރު" ގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށާއި އިޒްރޭލުގެ އަތްތަކަކީ "ނަޖިސް އަތްތަކެއް" ކަމަށް ސިފަކުރައްވާފަ އެވެ. ކައުފްމަން ބުނަނީ މިއީ އިޒްރޭލުން ކަންބޮޑުވާ ސަލާމަތީ ކަންކަމަށް ފަރުވާލެއް ނުބަހައްޓައި އޮބާމާ ދައްކާ ވާހަކަތައް ކަމަށެވެ. އަދި އިޒްރޭލަކީ އިސްތިއުމާރީ ބާރެއްގެ ގޮތުގައި އޮބާމާ މެންފަދަ ޕްރޮގްރެސިވް ލީޑަރުން ކަމަށް ފްރޭމްކޮށްފައިވާ ރަމްޒުތަކުން މިފަދަ ވާހަކަތައް ދެއްކުމަކީ ނުރައްކަލެއް ކަމަށް ބުނެއެވެ. ކައުފްމަން ބުނަނީ މި ވާހަކައިން ފަލަސްޠީނު މީހުންނަކީ އިޒްރޭލުގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމަށް ދެއްކެއެވެ.
ރަޝީދާ ޠުލައިބް ކޮންގްރެސްގައި ދެއްކި ވާހަކަ:
ކައުފްމަން އިޝާރާތް ކޮށްފައި ވަނީ ކޮންގްރެސްގެ މެންބަރު ފަލަސްޠީނުގެ ދަރިކޮޅުގެ ރާޝިދާ ޠުލައިބް 2023 ވަނަ އަހަރު ވިދާޅުވި ވާހަކަ އަކަށެވެ. އޭނާ ވިދާޅުވީ އިޒްރޭލަކީ ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ "އެޕާތައިޑް ސްޓޭޓެއް" ކަމަށެވެ. އެކަމަނާ ބާރުއަޅުއްވާފައި ވަނީ "ދޮން ސެޓްލަރ ކޮލޮނިއަލިޒަމްގެ" ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ މީހުން ގެދޮރު ދޫކޮށްލުމަށް މޖުބޫރު ކޮށްލި ކަމަށެވެ.
ކައުފްމަން ބުނަނީ މި ވާހަކައިން އިޒްރޭލާ ދެކޮޅަށް މީހުންގެ ސިކުނޑި ފައްކާ ކޮށްދީ އެންޓިސެމެޓިކް ކަން އިތުރު ކޮށްދޭ ކަމަށެވެ.
ކައުފްމަން ވަނީ މި ނުކުތާގައި އޮޅުވާލާފައެވެ. އިޒްރޭލަކީ ނިޒާމީ ސިފައެއްގައި ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތު ދަމަހައްޓާފައިވާ ހަމައެކަނި ވެރިކަމެވެ. ފަލަސްޠީނުގެ ޚަލީލު ސަހަރުގައި ފާރު ރާނައިގެން ފަލަސްޠީނު މީހުންނާއި ޔަހޫދީންނަށް މަގު ބަހާފައި ވެއެވެ. ފަލަސްޠީނު މީހުންނަށް ޔަހޫދީންގެ މަގުން ހިންގުން މަނާވެގެން ވެއެވެ. ތެލްއަވީވްގައި ބަސް ސްޓޮޕްތައްވެސް ބަސްތައްވެސް ދެ ބައި މީހުންނަށް ތަފާތުކޮށްފައި ވެއެވެ. އަރަބި ކުދިންނާއި ޔަހޫދީން ޔުނިވަރސިޓީ ނިންމާފައި ދަމުން ކޮންމެ ބަޔަކު ހުއްޓެން ޖެހޭނީ އެ ނަސްލެއްގެ ބަސް ސްޓޮޕަކަށެވެ. މިކަން ކައުފްމަން ވަނީ ގަސްތުގައި ހަނދާން ނައްތާލާފައެވެ.
އެކަޑެމިކް ދާއިރާއާއި އެކްޓިވިސްޓުން އިޒްރޭލު ސިފަކޮށްދޭ ގޮތް:
މި ފޮތުގެ މި ބައިގައި ގެނަސްދީފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ޔުނިވާސިޓީތަކުން ކޮށްފައިވާ މުޒާހަރާތަކުގައި ސްޓޫޑެންޓްސް ފޯ ޖަސްޓިސް އިން އިޒްރޭލަކީ "ދޮންމީހުންގެ ސުޕްރިމަސިސްޓް" ދައުލަތެއް ކަމަށް ބުނެ އަޑު އުފުލާފައިވާ ވާހަކަތަކެވެ.
ކައުފްމަން ބުނަނީ، ފަލަސްތީނުގެ ރައްޔިތުންނަކީ ކުލައެއްގެ ބައެއް ކަމަށް ހަދައިގެން ޔަހޫދީންނަކީ ދޮން ނަސްލުގެ ބައެއް ކަމަށް ހަދައިގެން ފަލަސްޠީނުގެ ބިމަށް ފަލަސްޠީނުގެ ހައްގެއް އޮތް ކަމަށް ދެއްކުމަށް މިކުރާ މަސައްކަތަކީ އެ ބިމުގައި ޔަހޫދީންނަށް ހައްގެއް ނެތް ކަމަށް ދެއްކުމަށް ބުނާ ވާހަކަތަކެއް ކަމަށެވެ. މި ޗެޕްޓަރުގައިވެސް ކައުފްމަން ވަނީ އޮޅުވާލައި ފަލަސްޠީނަކީ ޔަހޫދީންގެ ތަނެއް ކަމަށް ދައްކަން މަސައްކަތް ކޮށްފައެވެ.
އިޒްރޭލާ ދެކޮޅަށް މީޑިއާ ކަވަރޭޖް ބަދަލުވުން:
ސީއެންއެން އިން 2024 ވަނަ އަހަރު ގެނަސްދިން ކަވަރޭޖަކަށް އިޝާރާތް ކޮށް، ޣައްޒާއަކީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައިވާ "އޮޕަން އެއާރ ޖަލެއް" ކަމަށް ސީއެންއެންއިން ސިފަކޮށް، ފަލަސްތީނުގެ ތަކުލީފުތަކަށް އަލިއަޅުވާލާފައިވާއިރު، ހަމާސްގެ ދައުރު ކުޑަކޮށްލާފައިވާ ކަމަށް ކައުފްމަން ބުނެއެވެ.
އޭނާ ބުނަނީ އިޒްރޭލަށް ހުތުރުވާ ގޮތަށް މިވާހަކަ މީޑިއާއިން ގެނަސްދިނުމުން އިޒްރޭލު މީހުންނަކީ އަނިޔާވެރިންގެ ގޮތުގައި އަދި ފަލަސްތީނުގެ މީހުންނަކީ އާރެއް ބާރެއް ނެތް، އަދި ޔަހޫދީންގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ކުލަ ޖެހިގެންދާ ކަމަށެވެ.
ޗެޕްޓަރތަކުގެ އުސްއަލިތައް:
1 ވަނަ ބާބަކީ އިޒްރޭލު 1967ގެ 6 ދުވަހުގެ ހަނގުރާމައަށް ފަހު ބާރުގަދަ ވެގެން ދިޔަ ގޮތް ކިޔައިދީފައިވާ ބާބެބެވެ. އަދި އިޒްރޭލަކީ އިސްތިއުމާރީ ބާރެއް ކަމަށް ބަލަން ފަށާފައި ވަނީ އެހިސާބުން ކަމަށް އޭނާ ކިޔައި ދެއެވެ.
3 ވަނަ ބާބުގައި ޣައްޒާ ހަނގުރާމައާއި އިޒްރޭލުގެ އަނިޔާވެރިކަމާ ބެހޭ ގޮތުން ދުނިޔެއިން ދައްކާ ވާހަކަތަކަށް ރައްދު ދޭން މަސައްކަތް ކޮށްފައި ވެއެވެ. އަދި މިއީ ފަލަސްޠީނަށް ބިމުގެ ހައްގު ލިބިގެންވާ ކަމަށް ވާހަކަ ދައްކާ ފަރާތްތަކަށް އޭނާ އިޝާރާތް ކޮށްފައިވާ ބާބެބެވެ.
5 ވަނަ ބާބުގައި އާ އެންޓިސެމިޓިޒަމްގެ ނަމުން ޗެޕްޓަރެއް ޚާއްސަކޮށްފައި، ޔަހޫދީ މީހާއަކީ އަކީ "ދޮން އަނިޔާވެރިޔާ" ކަމަށް ބުނާ ދުނިޔެ ކޮންޓްރޯލު ކުރަން އުޅޭ ނުލަފާ ޔަހޫދީން ކަމަށް ދައްކާ ވާހަކަތައް ހިމަނާފައި ވެއެވެ.
އަދި މީސްމީޑިއާގެ ޓްރެންޑްތައް ނަކަލުކޮށް #FreePalestine ފަދަ ހެޝްޓެގްތައް ގިނަ ފަހަރަށް އިޒްރޭލުގެ "ދޮންކަން" ދައްކަން ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އިޒްރޭލުގެ އަޚުލާގެއް ނެތްކަން ސާބިތުކޮށްދޭން މީހުން މަސައްކަތް ކުރާ ކަމަށް މި ބާބްގައި ބުނެއެވެ.
7 ވަނަ ބާބުގައި އެމެރިކާއާއި އިޒްރޭލުގެ ގުޅުމުގެ މުސްތަޤްބަލަށް ބަލަމުން ކައުފްމަން އިންޒާރު ދެނީ އެމެރިކާ މީހުން އިޒްރޭލާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވަމުންދާ ކަމަށެވެ. އަދި އިޒްރޭލަކީ އިމްތިޔާޒު ލިބިފައިވާ، އަނިޔާވެރި ދައުލަތެއްގެ ގޮތުގައި ދެކޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެމެރިކާގެ ޒުވާނުން އިޒްރޭލާ ދުރަށް ދިއުމުގެ ނުރައްކާ އޮތް ކަމަށެވެ.
ކައުފްމަންގެ ވާހަކަ ސާބިތުކޮށް ދިނުމަށް 2024 ވަނަ އަހަރު ޕިއު ރިސާޗްގެ ޚިޔާލު ހޯދުމެއް ގެނަސްދީފައި ވެއެވެ، އޭނާ ބުނަނީ މި ޚޮޔާލު ހޯދުމުގައި ޖެން ޒީގެ %60 މީހުން ދެކެނީ ފަލަސްތީނުގެ މީހުންނަކީ ނަސްލެއް ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމަށެވެ. އަދި މި ވިސްނުމަކީ މިއީ މީގެ ކުރިން އުމުރުން ދުވަސްވީ މީހުން އިޒްރޭލަށް ތާއީދު ކުރަމުން ގޮސްފައިވާ ކަން ބަދަލުވަމުންދާ ކަން ދައްކައިދޭ ކަމެއް ކަމަށް ކައުފްމަން ބުނެއެވެ.
އިޒްރޭލާ މެދު ބަދަލުވަމުންދާ ތަސައްވުރުތައް
ކައުފްމަން ބުނަނީ "އިމްތިޔާޒު ލިބިފައިވާ ހުދު ނަސްލުގެ އަނިޔާވެރިން" ކަމަށް ޔަހޫދީންނާ މެދު ބެލުމާއި "ކުލައިގެ ދަރިކޮޅުގެ މީހުން" ކަމަށް ފަލަސްޠީނު މީހުންނާ މެދު ބެލުމަކީ އިޒްރޭލުގެ މުސްތަގްބަލަށް ނުރައްކަލެކެވެ. އަދި ޖުމުލަ ގޮތެއްގައި މިހާރު މީހުން އިޒްރޭލާ މެދު ދެކޭ ގޮތް ބަދަލު ވެގެން ދަނީ ވަޒަންވެރި އިސްތިއުމާރީ ބައެއްގެ ގޮތުގައެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތްތަކާ ބެހޭ ގޮތުން އޭނާ ބުނަނީ، އިޒްރޭލަށް ނެގެޓިވްކޮށް ރިޕޯޓު ކުރުން މިހާރު އާންމު ވެފައިވާ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އޮބާމާއާއި ޠުލައިބް ފަދަ ފަރާތްތަކުގެ ވާހަކަތައް ވަނީ މަގްބޫލު ވާހަކަތަކަށް ވެފައިކަމަށެވެ.
އެމެރިކާގެ އާބާދީއަށް ފާޑު ކިޔަމުން ކައުފްމަން ބުނަނީ އެމެރިކާ މީހުންނަކީ ޖާހިލު ބައެއް ކަމަށެވެ. އަދި އެމީހުންނަކީ އެ ފަސްގަނޑަށް ޔަހޫދީންގެ ހައްގެއް އޮތް ކަމުގެ މައުލޫމާތެއް ނެތް ބަޔެއް ކަމަށެވެ.
ކައުފްމަންގެ ފޮތް ނިންމާލާ ފައިވަނީ، އެމެރިކާގައި ބަދަލުވަމުންދާ ތަޞައްވުރުން އިޒްރޭލުގެ ގުޅުމަށާއި ވުޖޫދުގައ އޮތުމަށް ނުރައްކާވެ، އެކްޓިވިޒަމްގެ ނަމުގައި އެންޓިސެމިޓިޒަމް އާންމު ވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދެމުންނެވެ.








