އަލްކަޓްރާޒް ޖަލުން އަލުން ހުޅުވައި ކުށވެރިން ބަންދުކުރުމަށް ޓްރަމްޕް ނިންމުމުން އެކަމަށް ސެން ފްރެންސިސްކޯގައި ވަނީ އާންމުންގެ މެދުގައި ނުރުހުން ފައެވެ.
ޑޮނަލްޑް ޓްރަމްޕް ވަނީ "އެމެރިކާގެ އެންމެ ރަހުމްކުޑަ އަދި އަނިޔާވެރި ކުށްވެރިން" ބަންދުކުރުމަށްޓަކައި، ސެން ފްރެންސިސްކޯ ބޭގައި ހުރި ކުރީގެ ފެޑެރަލް ޖަލު އަލްކަޓްރާޒް އަލުން ހުޅުވައި ފުޅާކުރުމަށް ބިއުރޯ އޮފް ޕްރިޒަންސް، ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އެފްބީއައި އަދި ހޯމްލޭންޑް ސެކިއުރިޓީއަށް އިރުޝާދު ދެއްވާފައެވެ.
"ދަ ރޮކް" ގެ ނަމުންވެސް މަޝްހޫރު އަލްކަޓްރާޒް ވަނީ 1963 ގައި ބަންދުކުރެވުނު ފަހުން ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަނަކަށްވެފައެވެ. އެތަނަށް އަހަރަކު 1.4 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށް، ސެންފްރެންސިސްކޯ ސިޓީއަށް އެކަމުން ބޮޑު އާމްދަނީއެއް ލިބެމުންދެއެވެ.
ސަން ފްރެންސިސްކޯގެ މީހުން އެކަމާ ދެކޮޅު ހަދާފައި ވަނީ އިޤްތިޞާދީ، އަދި ޘަޤާފީ ކަންބޮޑުވުންތަކާ ހެއްޖެވެ.
އަލްކަޓްރާޒް އަކީ 1972 އިން ފެށިގެން ގޯލްޑަން ގޭޓް ނެޝަނަލް ރެކްރިއޭޝަން އޭރިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައި އޮތް ތަނެކެވެ. އަދި އަލްކަޓްރަޒްއިން ވަނީ އެ ސިޓީގެ ވަޒީފާތަކަށް އެހީތެރިވެ، ޓޫރިޒަމް މެދުވެރިކޮށް އިޤްތިޞާދަށް މިލިއަން ޑޮލަރުތަކެއް ހޯދައިދީފައެވެ.
އެތަނަށް ޒިޔާރަތް ކުރާ ބޮޑެތި މީހުންގެ ޓިކެޓް އަގު 47.95 ޑޮލަރުގައި ވެއެވެ. އަދި މިތަން އަލުން ޖަލަކަށް ހެދުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. އތައް މިލިއަން ޑޮލަރުތަކެއް ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.
މިއީ ދަބަރުޖަހާފައިވާ ތަޅުތަކާއި، ހަލާކުވެފައިވާ ފާޚާނާތަކާއި، އަދި އެތައް އަހަރެއްގެ ލޮނުގަނޑުގެ ސަބަބުން ވީރާނާވެފައިވާ އިމާރާތްތައް މަރާމާތުކުރުމަށް ފައިސާ ހޭދަން ކުރަން ޖެހޭނެ މަޝްރޫއެއް ކަމަށް މީހުން ދެކެއެވެ.
ކުރިވެސް އެތަން ހުއްޓާލީ ހިންގުމުގެ ޚަރަދު ބޮޑު ވެގެންނެވެ. އެހެން ޖަލުތަކުގައި ކުށްވެރިއަކަށް ދުވާލަކަށް 3 ޑޮލަރު ޚަރަދުވާއިރު، އަލްކަޓްރާޒްގައި ކުށްވެރިއަކަށް ދުވާލަކަށް 10 ޑޮލަރު ޚަރަދުވިއެވެ. ފެނާއި އެހެނިހެން ތަކެތި ގެންނަންޖެހެނީ ބޭރުން ބާޖުތަކުގައެވެ.
އެމެރިކާގެ ކޮންގްރެސްގެ ކުރީގެ ހައުސް ސްޕީކަރ ނޭންސީ ޕެލޯސީ އަދި ސްޓޭޓް ސެނެޓަރ ސްކޮޓް ވީނަރ ފަދަ ރަށުގެ އިސް ރަށްވެހިން މި ޕްލޭނަށް ފާޑުކިޔާފައިވަނީ މިއީ "ބުއްދިހަމަނުޖެހޭ" އަދި "ސީރިއަސް ނޫން" ކަމެއްގެ ގޮތުގައި ވިދާޅުވެއެވެ. އަދި އަލްކަޓްރަޒްއަކީ ނެޝަނަލް ހިސްޓޮރިކް ލޭންޑްމާކެއް ކަމަށާއި އަދި މިއުޒިއަމެއްގެ ގޮތުގައި ބެހެއްޓުން މުހިންމު ތަނެއްގެ ގޮތުގައި ވިދާޅުވެ އެބޭފުޅުންވެސް އެކަމާ ދެކޮޅު ހައްދަވައެވެ.




