އިންޑިއާގެ އިލެކްޓްރޯނިކްސް އުފެއްދުމުގެ ދާއިރާ ވާދަވެރިކަމާއެކު ކުރިއަރަމުންދާ ކަމަށް މާކެޓް ރިސާޗުން ދައްކައެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް 300 ބިލިއަން ޑޮލަރަށް އިލެކްޓްރޯނިކް ސިނާއަތުގެ ދާއިރާ އަރާނެކަމަށް ލަފާކުރެވެއެވެ.
މިކަމަށް މަގުފަހި ވެފައިވަނީ ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް (ޕީއެލްއައި) ސްކީމް އަދި 'މޭކް އިން އިންޑިއާ' ފަދަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. މިހާރު އިންޑިއާއަކީ ދުނިޔޭގައި މޯބައިލް ފޯނު ދެ ވަނައަށް އެންމެ ގިނައިން އުފައްދާ ޤައުމެވެ.
އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އުފެދިފައިވާ ގުޅުންތަކުގެ ސަބަބުން، އެޕަލްއިން ޗައިނާއިން އައިފޯނު އުފެއްދުން މަދުކޮށް، އަންނަ އަހަރު އިންޑިއާގައި އައިފޯނު އުފެއްދުން ދެގުނަ އިތުރުކުރުމަށް ރާވާފައިވެއެވެ.
އިންޑިއާގައި އިލެކްޓްރޯނިކްސް އުފެއްދުންތެރިކަން 2017 ގައި 48 ބިލިއަން ޑޮލަރުން 2023 ގައި 101 ބިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. މީގެ ތެރެއިން 43 އިންސައްތައަކީ މޯބައިލް ފޯނުތަކެވެ.
ސަރުކާރުން ފެށި، ސެމިކޮން އިންޑިއާ ޕްރޮގްރާމްގެ ސަބަބުން އަމިއްލައަށް ފުދުނުތެރި ސެމިކޮންޑަކްޓަރ ނިޒާމެއް އުފެދިގެން ގޮސްފައި ވެއެވެ. އަދި 2025 ގައި އިންޑިއާގެ ފުރަތަމަ އަމިއްލަ ސެމީކޮންޑަކްޓަރ ފެސިލިޓީ ޤާއިމުކުރެވޭނެއެވެ. ޓާޓާ އިލެކްޓްރޯނިކްސް އާއި ޓައިވާންގެ ޕީއެސްއެމްސީ އާ ދެމެދު އުފެދިފައިވާ ޕާޓްނަރޝިޕް އަދި ސީޖީ ޕަވަރއިން ރެނެސަސް (އެމެރިކާ) އަދި ސްޓާރސް މައިކްރޯއިލެކްޓްރޯނިކް (ތައިލެންޑް) އާއެކު 7،500 ކްރޯޑު ރުޕީސްގެ އިންވެސްޓްމަންޓެއް ކުރުމަށް ނިންމާފައިވުމުން މި އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ.
އިންޑިއާގެ ހެޔޮ އަގުގައި ލިބެންހުރި ހުނަރުވެރި މަސައްކަތްތެރިންނާއި، އެހެން ޤައުމުތަކާ އަރައިރުން ނުވާ ޑިޕްލޮމެސީގެ ސަބަބުން އިންޑިއާއަކީ 'ޗައިނާ ޕްލަސް ވަން' ގެ މުހިންމު މަންޒިލަކަށް ވެފައިވެއެވެ.
ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ މަޤްބޫލުކަން އިތުރު ވެފައި ވަނީ ގްލޯބަލް ކެޕޭބިލިޓީ ސެންޓަރުތަކުގެ ތެރެއިން ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށާއި، ޚާއްޞަކޮށް ގްލޯބަލް ސައުތުގައި ބޭސް އަދި ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރިއަށް އިންޑިއާ ހުޅުވި ފުޅާވެގެން ގޮސްފައި ވުމުންނެވެ. ޗައިނާގެ ޑިޖިޓަލް ސިލްކް ރޯޑް އާ ޚިލާފަށް، އިންޑިއާއަކީ ޑިމޮކްރެޓިކް އަދި ހާމަކަން ބޮޑު، ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މަރުކަޒެކެވެ.




