ޣައްޒާގެ ނަސްލު ނައްތާލުމުގެ ޗާޓެއް ކުރަހައި އދގެ ކޯޓަށް ހުށަހަޅައިފި

"އަ ކާޓޯގްރަފީ އޮފް ޖެނޮސައިޑް" އަކީ ފޮރެންސިކް އާކިޓެކްޗާ އިން އެކުލަވާލި ރިޕޯޓެކެވެ.

ޔުނިވާސިޓީ އޮފް ލަންޑަންގެ ގޯލްޑްސްމިތު ކޮލެޖުގައި ހުންނަ ރިސާޗް އެޖެންސީއެއް ކަމަށްވާ ފޮރެންސިކް އާކިޓެކްޗާ އިން ވަނީ އިޒްރޭލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި ޖެނޮސައިޑް ހިންގާފައިވާކަން ސާބިތުކޮށް ދިނުމަށް 827 ސަފްހާގެ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓަކީ ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާ ސާބިތުކޮށް ދިނުމަށް އެކުލަވާލާފައިޥާ ސައިންޓިފިކް ރިޕޯޓެކެވެ.

ޖެނޮސައިޑެއްގެ ޗާޓު ކުރަހައި ދިނުމަށް ޓަކައި އާންމުކޮށް ލިބެން ހުރި މައުލޫމާތާއި ހެކިންގެ ބަޔާންތައް ބޭނުންކޮށްގެން ވަކި ފަރާތަކަށް ނުޖެހި އެކުލަވާލާފައިވާ "އަ ކާޓޯގްރަފީ އޮފް ޖެނޮސައިޑް" ރިޕޯޓައަކީ އޮކްޓޯބަރު 7، 2023 އިން 2024ގެ ނޮވެމްބަރު 19، އަށް ޣައްޒާގައި އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ފަރުވާތެރި ދިރާސާއެކެވެ.

ފޮރެންސިކް ތަހުގީގެއްގެ ގޮތުގައި ވެސް އަދި ގާނޫނީ ވަސީލަތެއްގެ ގޮތުގައި ވެސް ބޭނުން ކުރުމަށް އެކުލަވާލާފައިވާ މި ރިޕޯޓު މިހާރު ވަނީ އައިސީޖޭއަށް ހުށަހަޅާފައެވެ.

އާންމުކޮށް ލިބެން ހުރި އޮޕަން ސޯސް ޑޭޓާ، އިމާރާތްތަކުގެ އާކިޓެކްޗަރަލް އެނަލިސިސް، ހެކިވެރިންގެ ހެކިބަސް، އަދި ޑިޖިޓަލް މެޕިން އެއްކޮށްލައިގެން މި ރިޕޯޓުގައި އަނިޔާވެރިކަމާއި، ވަޒަނުން މީހުން ބޭރުކުރުމާއި އާބާދީތައް ސުންނާފަތިކޮށްލުމުގެ ހަނގުރާމައިގެ އެކި ލޭޔާތައް އެކި ދުވަސްމަތިން ހިންގާފައިވާ ގޮތް ހެކިތަކަށް ބިނާކޮށް ކިޔައި ދީފައި ވެއެވެ.

މުޅި ރިޕޯޓު ވަނީ ވެބްސައިޓެއްގައި އިންޓަރެކްޓިވް ޕްލެޓްފޯމެއްގެ ގޮތުގައި ވަކިވަކިން ބަލާ ލެވޭ ގޮތަށް ވިޝުއަލްކޮށް ގެނަސް ދީފައެވެ. އުދަނގޫ ކޮމްޕްލެކްސް ޑޭޓާ ފަސޭހައިން ބަލައި ވިސްނޭނެ ގޮތަށް ހަދައި ދީފައި ވެއެވެ. ޣައްޒާ ހަނގުރާމައަކީ ދުނިޔޭގައި ލައިވްކޮށް ކުރިއަށް ގެންދެވުނު ފުރަތަމަ ޖެނޮސައިޑް ކަމުން މި މައުލޫމާތު ހޯދަން ފަސޭހަވެފައި ވެއެވެ.

މި ރިޕޯޓުގެ މަގުސަދު ސާފު:

ނަސްލު ނައްތާލުމަށް ތުހުމަތު ކުރެވޭ އަމަލުތައް ވަކި ފަރާތަކަށް ނުޖެހި ހެއްކާއެކު ފޯރުކޮށްދިނުމާއި، މި ޖަރީމާގެ މިންވަރާއި ނިޔަތް ދެނެގަތުމަށް ޓަކައި މިއީ އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށް މި ރިޕޯޓު އެކުލަވާލި ދިރާސާވެރިން ބުނެއެވެ.

އޮނިގަނޑާއި ބާބުގެ މަޢުލޫމާތު

މި ރިޕޯޓަކީ އާންމު އެހެން ރިޕޯޓުތަކާއި ފޮތްތައް ހުންނަ ގޮތަށް އާންމު  "ޗެޕްޓަރ" ފޯމެޓަކަށް ބައްޓަން ކޮށްފައިވާ ރިޕޯޓެއް ނޫނެވެ. ނަމަވެސް، ތަހުލީލީ ލެންސްތަކެއްގެ ގޮތުގައި ބޭނުން ކުރުމަށް މައުޟޫއީ ބައިތަކަކަށް ބަހާލެވިފައިވާ ރިޕޯޓެކެވެ. މި ބައިތައް އާންމު ޚުލާސާތަކުގައި ސާފުކޮށް ނަންބަރު ޖަހާފައެއް ނުވެއެވެ. ނަމަވެސް، ފޮރެންސިކް އާކިޓެކްޗަރގެ މެތޮޑޮލޮޖީއާއި ބަޔާންކޮށްފައިވާ ފޯކަސްއަށް ބަލައިގެން މިތާގައި ރިޕޯޓު ޚުލާސާ ކޮށްދީފައި ވާނެއެވެ.

ސަރަހައްދު ކޮންޓްރޯލުކޮށް މީހުން ބަންދުކުރުން:

މި ބައިގައި އިޒްރޭލުގެ އަސްކަރީ އަމަލުތަކުގެ ސަބަބުން، ގެއިން ބޭރަށް ނުކުތުމުގެ އަމުރުތަކާއި ސަރަހައްދުތައް ބަންދުކޮށް ފަލަސްތީނުގެ މީހުންގެ ހަރަކާތްތަކާއި ވަސީލަތްތައް ހަނިވެގެން ދިޔަ ގޮތް ޗާޓުތަކުން ކިޔައި ދީފައިވެއެވެ. އެގޮތުން އެ ސަރަހައްދުތަކަކުން ކޮންމެ ދިރޭ ފުރާނައެއް މެރުމަށް އޯޑަރު ދީފައިވާ "ކިލް ޒޯން" ކަނޑައެޅުމާއި ޣައްޒާގެ އާބާދީ ކޮންޓްރޯލް ކުރުމަށް ބޭނުން ކުރި އުކުޅުތަކުގެ ތަފްސީލު ހިމަނާފައި ވެއެވެ. އަދި ހެކި ލިބޭ ޖިއޮލޮކޭޓެޑް އިމޭޖަރީ (ތަން ފާހަގަ ކޮށްދޭ މަންޒަރު) އާއި ޓައިމްލައިންތައް ހުށަހަޅާއި ދީފައި ވެއެވެ.

މީހުން ވަޒަނުން ބޭރުކޮށް އާބާދީ ފޮހެލުން

މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުމަށް އަމާޒު ހިފައި މީހުން ގެދޮރުން ބޭރުކުރުމަށް ހިންގި ޖަރީމާތައް ގެނަސްދީފައިވާ މި ބައިގައި ފަލަސްތީނުގެ މީހުން ގެދޮރުން ބޭރުކޮށްލުން އަދި މީހުން ދިރިއުޅޭ ސަރަހައްދުތައް ހަލާކުކުރުމުގެ މައްސަލަ ތަފްސީލުކޮށް ޑޮކިއުމެންޓު ކޮށްދީފައި ވެއެވެ. މިބައިގައި ތަޅައި ސުންނާފަތިކޮށްފައިވާ އާބާދީތައް ދައްކުވައިދޭ ސެޓެލައިޓުން ނަގާފައިވާ މަންޒަރުތަކުގެ ތަހުލީލުތަކާއި ގެދޮރު ގެއްލިފައިވާ ފަރާތްތަކުގެ ހެކިބަސްތައް ތަހުލީލު ކޮށް ގެނަސްދީފައި ވެއެވެ.

ގޯތި ގެދޮރަށް އަށް އަމާޒުކޮށްގެން ހަމަލަ ދިނުން:

ރިޕޯޓުގެ މިބައިގައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތާއި ސަގާފީ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ބަލާފައި ވެއެވެ. މިއީ ޣައްޒާގެ އިޖުތިމާއީ ފޭރާން ރޫޅާލުމަށް ކޮށްފައިވާ ނިޒާމީ މަސައްކަތްތަކެއް ކަމަށް ބުނެފައި ވެއެވެ. މި ބައިގައި މީހުންނާއި ފުރާނައަށް ލިބުނު ގެއްލުންތައް ގެނަސްދީފައި ވަނީ އދ.ގެ ރިޕޯޓްތަކާއި ލޮލުން މަންޒަރު ދުށް މީހުންގެ ވާހަކަތަކާ އިޒްރޭލުން ދީފައިވާ ހަމަލަތަކުގެ ސްޓްރައިކް ޑޭޓާ އަށް ބިނާކޮށްގެން ކްރޮސް ރެފަރެންސް ހަދައިގެންނެވެ.

ތިމާވެށީގެ ކަރިސާއެއް ކުރިމަތިކުރުން:

ރިޕޯޓުގެ މި ބައިގައި ދަނޑުވެރިކަމަށް ބޭނުން ކުރާ ބިންތަކާއި، ބޯ ފެނުގެ ނިޒާމުތަކާއި، ސާފުތާހިރުކަމަށް ބޭނުން ކުރާ ނަރުދަމާ އިންފްރާސްޓްރަކްޗަރ ހިމެނޭ ގޮތަށް ޣައްޒާގެ ތިމާވެށްޓަށް ކުރިމަތި ކުރި ގެއްލުންތަކާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެއީ ތިމާވެށީގެ މައުލޫމާތު ބޭނުންކޮށްގެން ޖަރީމާ ހިންގާފައިވާ ކަން ދައްކާ ގޮތަށް ހުށަހަޅާފައިޥާ މައުލޫމާތެކެވެ. އަދި މި ޖަރީމާގެ މަގްސަދަކީ ޣައްޒާގައި މީހުން ދިރި ނޫޅެވޭނެ ގޮތް ހެދުން ކަމަށް ބުނެފައި ވެއެވެ.

އަނިޔާވެރިކަމުގެ އުކުޅުތައް:

ރިޕޯޓުގެ ފައިނަލް މައުޟޫއުގައި އަމާޒުކޮށްފައި ވަނީ އަސްކަރީ ހަމަލާތައް ދީފައިވާ އަދަދުތަކުގެ މައުލޫމާތާއި ހަމަލަތަކުގެ ބޮޑު މިނާއި އަދި ހަމަލަ އަމާޒުކޮށްފައިވާ ތަނުގެ ކޯޑިނޭޝަން ތަހުލީލުކޮށް، ފޮރެންސިކް ރިކޮންސްޓްރަކްޝަންސް ބޭނުންކޮށްގެން އެ ހަމަލަ ދިނުމުގެ ފަހަތުގައިވާ މަގްސަދާއި ނިޔަތް ދައްކައި ދިނުމަށެވެ. އަދި އާބާދީ ގިނަ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދިނުމުގެ ވަކިވަކި ހާދިސާތަކުގެ ކޭސް ސްޓަޑީތައް ހަދަފައި ވެއެވެ.

މި ރިޕޯޓުގެ ކޮންމެ ބައެއްގައި ވެސް މަންޒަރާއެކު ފެންނަ ހެކި، ވިޝުއަލް އެވިޑެންސް އާއި ޗާޓުތަކާއި 3ޑީ މޮޑެލްތަކާއި އަދި ވީޑިއޯ އެނަލިސިސްތައް އެއްކޮށްގެން ހިމަނާފައި ވެއެވެ.

މި ރިޕޯޓަކީ ގާނޫނީ ލިޔުމަކަށް ވެސް އަދި އާކައިވްގައި އަރުޝީފު ކުރުމުގެ ބޭނުމަށްވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިޥާ ޑޮކިއުމެންޓެކެވެ.

ރިޕޯޓުގެ އަމާޒު

"އަ ކާޓޯގްރަފީ އޮފް ޖެނޮސައިޑް" ގެ އަސާސީ މަގުސަދަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޣައްޒާގައި އިޒްރޭލުން ހިންގާ އަމަލުތައް ނަސްލު ނައްތާލުމުގެ ގޮތުގައި ގިންތިކުރުމަށް ބޭނުންވާ ފުރިހަމަ، ހެކިތަކަށް ބިނާކޮށް ކޭސްއެއް ބިނާކޮށް ދިނުމެވެ.

ހަނގުރާމަ ހިންގާފައިވާ ޒަމާނާއި މުއްދަތާއި ތަން އަދި ހާލަތުތަކުގެ ޗާޓުތައް ކުރަހައިގެން ގޯލްޑްސްމިތުގެ ފޮރެންސިކް އާކިޓެކްޗަރ އިން މަސައްކަތް ކޮށްފައި ވަނީ ފުރިހަމަ މަންޒަރެއް ގެންދޭށެވެ.

މި ރިޕޯޓަކީ ގާނޫނީ އިލްމުވެރިންނަށާއި ޝަރީއަތްތަކަށް ބޭނުން ކުރެވިދާނެ ޑޮކިއުމެންޓެކެވެ. އަދި ހާއްސަކޮށް އައިސީޖޭގައި ބޭނުން ކުރުމުގެ އިތުރުން އިލްމުވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އާންމު ވަސީލަތެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރިޕޯޓެކެވެ.

އިތުރު މައުޟޫއުތައް

މި ރިޕޯޓުގައި ޣައްޒާގެ ހަނގުރާމައާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ގޮތުން ބަލާފައި އެވެ. އެގޮތުން މުހިންމު މައުޟޫއުތަކުގެ ތެރޭގައި ޒަމާނީ ސަވައިލެންސުގެ ވަސީލަތް ބޭނުން ކުރުމާއި ހަތިޔާރު ބޭނުންކުރުމާއި، ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް ވަޒަނުން ބޭރުކުރުމުގެ އަމުރުތަކުގެ ނަތީޖާއާއި ތިމާވެށި ހަލާކުކޮށްލުމުގެ ދިގު މުއްދަތުގެ ނަތީޖާތައް ހިމަނާފައި ވެއެވެ.

މި ރިޕޯޓުގައި އަމިއްލަ ޚިޔާލުތައް ހިމަނާފައެއް ނުވެއެވެ. ނަމަވެސް ހަގީގީ މަންޒަރާއި އަދި ސެޓެލައިޓް ފޮޓޯތަކާއި އދގެ ތަފާސްހިސާބާއި އަދި ޖިއޮލޮކޭޓެޑް ވީޑިއޯ ފަދަ ޑޭޓާ ހިމަނާފައި ވެއެވެ.

ނިންމުން

"އަ ކާޓޯގްރަފީ އޮފް ޖެނޮސައިޑް" ޒަމާނީ ޓެކްނޮލޮޖީ އެއްކޮށްލައިގެން އެކުލަވާފައިވާ ފޮރެންސިކް ދިރާސާއެއްގެ އެވަރުގެ ދެވަނައެއް ނެތް އިލްމީ މަސައްކަތެކެވެ. މި ރިޕޯޓުގެ 827 ޞަފްޙާ އިން ޣައްޒާ ފަނާކޮށްލުމުގެ ވަށާޖެހޭ މަންޒަރެއް ކުރަހައި ދެއެވެ.

ރިޕޯޓުގެ ގާނޫނީ އަދި އިލްމީ ބަހުރުވައިން އާންމު ކިޔުންތެރިއަކަށް އުނދަގޫ ތަކެއް ވެދާނެއެވެ. ނަމަވެސް، އިންޓަރެކްޓިވް ޕްލެޓްފޯމްގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބެލުންތެރިންނަށް ޑޭޓާ ބަލާ ލެވޭނެއެވެ.

ޣައްޒާގެ ހަނގުރާމަ ހެކިތަކުގެ އަލީގައި ވިސްނަން މަސައްކަތްކުރާ ފަރާތްތަކަށް މި ރިޕޯޓަކީ ކޮންމެހެން ބޭނުންތެރި، ރިޕޯޓެކެވެ. އެހެނަސް ހިތާމަވެރި އެއްޗެކެވެ.

ނޯޓް: ފުރިހަމަ ރިޕޯޓް ފޮރެންސިކް އާކިޓެކްޗާގެ މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.  

ހިއްސާ ކުރައްވާ!