ޔޫއޭއީން ސޫދާންގެ ބާޣީންނަށް އެހީވުމާ ދެކޮޅު މުޒާހަރާއެއް

ސޫދާންގެ އަހުލީ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ބާޣީންނަށް ޔޫއޭއީން ވާގިވެރިވާ ކަމަށް އެމްނެސްޓީން ބުނެފިއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ޔުނައިޓެޑް އެރަބް އެމިރރޭޓްސްއިން ފޯރުކޮށްދީފައިވާ ޗައިނާގައި އުފައްދާފައިވާ ހަތިޔާރުތައް ސޫދާނުގެ ބާޣީ ޕެރަމިލިޓަރީ ބާރުތަކުން ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ޑްރޯން ހަމަލާތަކުގެ ސަބަބުން ސިފައިންގެ ބާރުގެ ދަށުގައިވާ އެހީގެ މަރުކަޒެއް ކަމުގައިވާ ޕޯޓް ސޫދާނުން ރައްޔިތުން ފިލަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި ވެދެވޭ އެހީއެކެވެ.

މި ކަމާ ގުޅިގެން ސޫދާނުން ވަނީ ޔޫއޭއިއާއެކު އޮންނަ ގުޅުން ކަނޑާލާފައެވެ. އަދި ސޫދާނުން ޔޫއޭއިއާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލަ ސޫދާނަށް ވަނީ ނާކާމިޔާބު ވެފައެވެ.

ޔޫކޭގައި މައި އޮފީސް ހުންނަ އެމްނެސްޓީ ޖަމްޢިއްޔާއިން ބުނެފައިވަނީ، އެ ޖަމްޢިއްޔާގެ ދިރާސާތަކުން ދައްކާގޮތުގައި ބާޣީ ޕެރަމިލިޓަރީ ބާރު ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އިން ސޫދާން ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޒަމާނީ ޗައިނާގެ އާޓިލަރީއާއި ގައިޑެޑް ބޮންތައް ބޭނުންކުރަމުންދަނީ ޔޫއޭއީން ދީގެންނެވެ. މި ހަނގުރާމަ މިހާރު ވަނީ ތިންވަނަ އަހަރަށް ވަދެފައެވެ.

އދ. ގެ މާހިރުންނާއި އެމެރިކާގެ ސިޔާސީ ވެރިންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ނެރެފައިވާ ރިޕޯޓުތަކުގައި ވެސް އެހެން ބުނެފައި ވެއެވެ. ނަމަވެސް، އަބޫދާބީން ވަނީ އާރް.އެސް.އެފް އަށް ހަތިޔާރު ނު ދޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެމްނެސްޓީން ބުނެފައިވަނީ އެ ޖަމްޢިއްޔާގެ ދިރާސާ ބިނާވެފައިވަނީ އާރް.އެސް.އެފް އިން ހުޅަނގު ސަރަޙައްދު ކަމުގައިވާ ދާފޫރުގައި ހިންގި އޮޕަރޭޝަންތަކުގައި އަދި މާޗް މަހު ބާޣީން ވެރިރަށް ޚަރުތޫމް ދޫކޮށްލި އިރު ބޭނުންކުރި ހަތިޔާރުތަކުގެ މައްޗަށް ބަލައި ދިރާސާކޮށްގެން ކަމަށެވެ.

އެމްނެސްޓީ ޖަމްޢިއްޔާއިން ވަނީ ފާއިތުވި ދުވަސްތަކުގައި ބާޣީ ޕެރަމިލިޓަރީ ބާރުތަކުން އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގައި ސިފައިންގެ ބާރުގެ ދަށުގައިވާ ސިޓީތަކަށް ހަމަލާދިނުމަށް ބޭނުންކުރި ދުރު ރާސްތާއަށް ފޯރާ ޑްރޯންތަކާ ބެހޭ މައުލޫމާތުވެސް ހޯދާފައެވެ. އެވެސް ޔޫއޭއީން ދީފައިވާ ތަކެއްޗެވެ.

 

ހިއްސާ ކުރައްވާ!