ފާތިމާ ހައްސޫނާގެ ކަށްވަޅުން އިޒްރޭލު ބޭޒާރުކޮށްލާނެ

އިޒްރޭލުން ގަސްތުގައި ޝަހީދުކޮށްފައިވާ ފަލަސްތީނުގެ ފޮޓޯޖާނަލިސްޓް ފާތިމާ ހައްސޫނާ އަކީ މިއަހަރު ކޭންސް ފެސްޓިވަލްގައި ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތައް ބޭޒާރުކޮށްލާނެ މައުޟޫއެވެ.

މި ޒުވާން އަންހެން މީހާ އަކީ އީރާނުގެ އަންހެން ޑައިރެކްޓަރު ސާޕީދޭ ފާރިސީ ޑައިރެކްޓްކުރާ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޕުޓް ޔުއަރ ސޯލް އޮން ޔުއަރ ހޭންޑް އެންޑް ވޯކް"ގެ މައުޟޫއެކެވެ. ފާރިސީ ވަނީ މި ފިލްމު އުފެއްދުމަށް ފާތިމާއާ އިންޓަރވިއުކޮށް ފިލްމުގެ ނާރެހަކީ އޭނާ ކަމަށް ހަދާފައެވެ. މިފިލްމު އުފައްދައި ނިންމައި، ކޭންސް ފިލްމު ފެސްޓިވަލްގެ އެސިޑް ސެކްޝަނުން 2025 ވަނަ އަހަރުގެ ސެލެކްޝަނަށް މި ފިލްމު ހޮވާފައިވާކަން އިއުލާން ކުރިތާ އެންމެ 24 ގަޑިއިރު ފަހުން އިޒްރޭލުން އޭނާ ޝަހީދުކޮށްލީއެވެ.

އެސިޑް ސެކްޝަންގައި މިމަހު 15 ދުވަހު މި ފިލްމްގެ ފުރަތަމަ ދައްކާލުން އޮންނާނެއެވެ.

މިހަމަލާގައި ފާތިމާ ޝަހީދުކޮށްފައި ވަނީ 16 އެޕްރީލްގައި އިޒްރޭލުގެ ޒަޔަނިސްޓުން ގަސްތުގައި ދިން ހަމަލައެއްގައި އޭނާގެ އާއިލާގެ ނުވަ މެންބަރަކާއެކުގައެވެ.

އެސިޑްގެ އިންސްޓަގްރާމް ޕްރޮފައިލްގައި ލިޔެފައިވަނީ "އޭނާގެ ހިނިތުންވުމަކީ އޭނާގެ ކެތްތެރިކަން ފަދައިން ސިހުރުވެރި ހިނިތުންވުމެއް: އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކަށް ހެކިބަސް ދިނުމާއި، ޣައްޒާގެ ހާލަތު ފޮޓޯ ނެގުމާއި، ބޮންއެޅުމާއި ވޭނާއި ބަނޑުހައިހޫނުކަން އިހުސާސް ކުރި ނަމަވެސް ކާބޯތަކެތި ބެހުމުގައި ހަރަކާތްތެރިވެ އުޅުނު. އަދި އޭނާގެ އާއިލާ އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. އެމީހުންގެ ދިރިއުޅުމުގެ ހާލަތު އޭނާގެ ލެންސުން ފެނި އިހުސާސް ވެގެން ދިޔަ" އެސިޑް ސެލެކްޝަނުން މި ފިލްމު ދެއްކުމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.

ހިއްސާ ކުރައްވާ!