ރައީސް މުއިއްޒު ހައްޖަށް ދާ މީހުންނަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިފި

މި އަހަރު ހައްޖަށް ދާ މީހުންނަށް އިތުރު 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ބޭންކް އޮފް މޯލްޑިވްސްގައި އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފިން." ކަމުގައެވެ.

މި ނިންމުމާ ގުޅިގެން، ހައްޖަށް ދާ މީހުންނަށް މިހާރު އެމީހުންގެ ޑެބިޓް ކާޑުން ޖުމްލަ 2،000 އެމެރިކާ ޑޮލަރު ބޭނުން ކުރެވޭނެއެވެ. މިއީ މިހާރު އެ ކާޑަށް އޮންނަ 250 ޑޮލަރުގެ ލިމިޓުގެ އިތުރުން ރައީސް އިތުރުކޮށްދެއްވަން އެދިވަޑައިގެންނެވި 1،750 ޑޮލަރުގެ ލިމިޓާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، "ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމުގައެވެ.

މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިޔަ މީހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވާފައެވެ.

ހިއްސާ ކުރައްވާ!